23 Jun 2016, 22:42
އެލައިޑު އިންޝުއަރެންސް އިން، އާއިލާތަކަށް މާލީ ގޮތުން ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ޝަރީއާ ހުއްދަ ކުރާ ފައިނޭންސް ސުކީމް "ފެމިލީ ތަކާފުލް" ތައާރަފުކޮށްފި އެވެ.
އެލައިޑުގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލުން ތައާރަފު ކުރި ފެމިލީ ތަކާފުލްގައި ތިން ޕެކޭޖެއް ހިމެނެ އެވެ. އެއީ "ޗައިލްޑް އެޑިއުކޭޝަން ޕްލޭން" އާއި "އަޔާދީ އިންވެސްޓްމަންޓް ޕްލޭން" އަދި "މޯގޭޖް ތަކާފުލް ޕްލޭން" އެވެ.
އަލަށް ތައާރަފް ކުރި ޕެކޭޖުތަކާ ގުޅޭ ގޮތުން އެލައިޑުގެ ޝަރީއާ އެޑްވައިޒަރީ ބޯޑުގެ ޗެއާޕާސަން ޑރ. އާއިޝަތު މުނީޒާ ވިދާޅުވީ، ފެމިލީ ތަކާފުލްގެ ސަބަބުން ފަހަށް ރައްކާކުރުމުގެ ފުރުސަތު ކޮންމެ ފަރާތަކަށް ވެސް ލިބިގެންދާނެ ކަމަށެވެ.
ފެމިލީ ތަކާފުލްގެ ދަށުން ތައާރަފު ކުރި ތިން ޕެކޭޖަކީ ވެސް ފަހަށް ރައްކާ ކުރެވޭނެފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓް ކަމަށް އެލައިޑުން ބުނެ އެވެ.
އެގޮތުން ޗައިލްޑް އެޑިއުކޭޝަން ޕްލޭނުގެ ދަށުން ދަރިފުޅު މަތީ ތައުލީމް ހާސިލް ކުރުމަށް ބޭނުންވާ ފައިސާ ރައްކާ ކުރެވޭނެ އެވެ. މަހަކު އެއް ފަހަރު އަދި އަހަރަކު އެއް ފަހަރު ވެސް ފައިސާ ދެއްކޭ އެ ޕެކޭޖުގެ އެންމެ ކުޑަ އަދަދަކީ ބައި ލައްކަ ރުފިޔާ އެވެ.
މޯގޭޖް ތަކާފުލް ޕްލޭނުގެ ދަށުން، އިސްލާމިކް ބޭންކުން ލޯނު ނަގާފައިވާ ފަރާތެއް ނިޔާވުން ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ނުކުޅެދޭ ހާލަތެއް ދިމާވެއްޖެނަމަ ފަންޑުން ފައިސާ ދައްކަމުން ގޮސް ލޯނުގެ ބާކީބައި ދައްކައި ދޭނެ އެވެ.
އިންވެސްޓްމަންޓް ޕްލޭނުގެ ބޭނުމަކީ ވަޒީފާ އިން މުސްކުޅި ކުރާ ދުވަހު އޭނާއަށް ބަދަލު ހޯދައިދިނުމެވެ. އަދި ވަޒީފާއިން މުސްކުޅި ކުރުމުގެ ކުރިން ހައްޖަށް ދިއުން ފަދަ ކަންކަމަށް ފައިސާ ރައްކާކުރެވޭނެ އެވެ.