23 Jun 2016, 20:45
ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުށް ސާބިތުވެ މެރުމަށް ހުކުމް ކޮށްފައިވާ ހ. ލޮބީ ހުސައިން ހުމާމް އަހުމަދަށް މަރުގެ އަދަބުދޭން ބޭނުން ނުވާ ކަމަށް އަފްރާޝީމްގެ ވާރިސުން ބުނެފި އެވެ.
އަފްރާޝީމްގެ ބައްޕާފުޅު އަލީ ޒާފިރު އަދި އަފްރާޝީމްގެ އެއްބަނޑުއެއްބަފާ ބޭބެ އަބްދުއް ނާސިރު އަލީ ސުޕްރީމް ކޯޓަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ހުމާމުގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރަން ބޭނުން ނުވަނީ ތަހުގީގު ފުރިހަމަނުވާތީ ކަމަށެވެ.
".... އެ މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބާލާއިރު އެކަން ކުރުމަށް ރާވައި ފައިސާ ހަރަދު ކުރި ބަޔަކު ވާކަމަށް ޕޮލިހުން ހާމަކުރައްވާފައިވެ އެވެ. އެހެންކަމުން އެއީ ކޮން ބައެއް ކަމާއި އެ މީހުންނާ ބެހޭ ގޮތުން ކުރެވިފައިވާ ތަހުގީގަކީ ކޮބައިކަމާއި މިކަހަލަ ބައިވަރު ޝައްކު އުފެދޭ ކަންތައްތައް ހުރުމާއެކު އަދި މިދެންނެވި ފަރާތްތައް ހޯދުމަށް ހުސައިން ހުމާމުގެ ބަސް ބޭނުންވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރާތީ އެ ފަރާތްތައް ހޯދައި ތަހުގީގު މުޅިން ނިމެންދެން ހުސައިން ހުމާމުގެ މައްޗަށް ގިސާސް ހިފަން އަޅުގަނޑު ބޭނުމެއް ނުވެ އެވެ،"އަފްރާޝީމްގެ ވާރިސުން ސުޕްރީމް ކޯޓަށް ފޮނުވި ސިޓީ
އަފްރާޝީމްގެ ބައްޕަ، އަލީ ޒާފިރާއި އޭނާގެ ދަރިފުޅު އަބްދުއް ނާސިރު އަލީ އެ ސިޓީ ހިފައިގެން ސުޕްރީމް ކޯޓަށް ދިއުމުން އެ ކޯޓުން އެ ސިޓީ ބަލައިނުގަތެވެ. ސިޓީ ބަލައިނުގަތީ ރަސްމީ ގަޑިއަށް ނުވާތީ އެވެ.
އަފްރާޝީމްގެ ވާރިސުން ބުނެފައި ވަނީ އޭނާ މަރާލުމުގެ އަޑީގައި ތިބި ބަޔަކު ހޯދުމުން، ހުމާމަށް މަރުގެ އަދަބު ދިނުމާ މެދު ދެކޭގޮތް ޝަރީއަތުގެ މަޖިލީހުގައި ކިޔައިދިނުމަށް ވާރިސުން ތިބީ ތައްޔާރަށް ކަމަށެވެ.
އަފްރާޝީމްގެ ވާރިސުން މިފަދަ ސިޓީއެއް ސުޕްރީމް ކޯޓަށް ފޮނުވާފައި މިވަނީ ހުމާމަށް އިއްވާފައިވާ މަރުގެ ހުކުމުގެ ޝަރުއީ އެންމެ ފަހު މަރުހަލާގެ ހުކުމް އިއްވުން މިރޭ ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައި ވަނިކޮށެވެ.