ޔޫރޯގެ ދެ ވަނަ ބުރުގައި ގެރެތު ބޭލްގެ ވޭލްސް މެޗު ބަލައިލުމަށް ކޮކާކޯލާ ކުންފުނިން ހިންގި ޚާއްސަ ޕްރޮމޯޝަންގެ ނަސީބުވެރިން ފްރާންސްގެ ވެރިރަށް ޕެރިހަށް ފުރައިފި އެވެ.

ކޮކާކޯލާ ޔޫރޯ 2016 ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ބަލައިލުމުގެ ފުރުސަތު ދީފައި ވަނީ އަންނަ ހޮނިހިރު ދުވަހު ކުޅޭ، މުބާރާތުގެ ދެ ވަނަ ބުރުގެ ދެ ވަނަ މެޗެވެ. އެ މެޗުގައި ވާދަ ކުރަން ހަމަޖެހިފައި ވަނީ، ޔޫރޯގައި މުޅިން އަލަށް ވާދަކުރާ ވޭލްސް އާއި ނޮދަން އަޔަލޭންޑެވެ.

އެ މުބާރާތުގައި ވޭލްސް އާއި ނޮދަން އަޔަލެންޑް ކުޅޭ މެޗު ބަލައިލުމަށް ރާއްޖޭގެ ނަސީބުވެރިން މިރޭ ފުރާފައިވާ އިރު، އެ ނަސީބުވެރިން ދެކޭ ގޮތުގައި ޔޫރޯގެ މެޗެއް ބަލައިލުމަށް ފުރުސަތު ލިބުމަކީ އެ މީހުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

ޔޫރޯގައި ވޭލްސް އާއި ނޮދަން އަޔަލެންޑް ބައްދަލުކުރާ މެޗު ބަލައިލުމަށް ކޮކާކޯލާގެ ނަސީބުވެރިން ފްރާންސްގެ ޕެރިހަށް ފުރުމުގެ ކުރިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ފޮޓޯއަކަށް ހުއްޓިލައިގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކޮކާކޯލާ އިން ހިންގި ޔޫރޯ 2016 ޕްރޮމޯޝަންގެ ޕެރިސް ދަތުރުގެ ނަސީބުވެރިންގެ ގޮތުގައި ހޮވުނު ހަ ފަރާތެއް ހޮވި އިރު، އެއިން ކޮންމެ ނަސީބުވެރިއަކަށް ވެސް އެ މީހަކު ބޭނުންވާ އިތުރު ބައިވެރިއަކު ގެންދިއުމުގެ ފުރުސަތު ދީފައިވެ އެވެ. އެ 12 ނަސީބުވެރިންނާ އެކު ޕެރިހަށް ދާ ޓީމުގެ ތެރޭގައި ކޮކާކޯލާގެ ދެ އޮފިޝަލުންނާއި މީޑިއާގެ ތިން ފަރާތަކާ އެކު ޖުމްލަ 17 ފަރާތެއް ދަތުރުގައި ބައިވެރިވެފައިވެ އެވެ.

ޔޫރޯއާ ގުޅިގެން ކޮކާކޯލާއިން ރާއްޖޭގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ އޮންލައިން މީޑިއާ ޕާޓުނަރަކީ ސަން އޮންލައިނެވެ. ކޮކާކޯލާގެ ނަސީބުވެރިން ޕެރިހަށް ކުރާ ދަތުރުގައި ސަން އޮންލައިންގެ ޑެޕިއުޓީ އެޑިޓަރު އަހުމަދު މުޖުތަބާ ބައިވެރިވެ އެވެ.

އެ ދަތުރާ ގުޅޭ ތާޒާ ޚަބަރު ސަން އޮންލައިނުން އާންމުންނާ ހިސާބަށް ގެނެސްދޭނެ އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި 'ސަން' އަަށް ދެއްވި އިންޓަވިއުއެއްގައި ކޮކާ ކޯލާގެ ޖެނެރަލް މެނޭޖަރު މިލިންދް ދެރާސަރީ ވިދާޅުވީ، ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ލިބުނު ފުރުސަތުގައި މެޗު ބަލައިލުމުގެ އިތުރުން ވެސް ޕެރިހުގެ އެކި ތަންތަނަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދޭނެ ކަމަށެވެ.

"މިއަދަކީ ނަސީބުވެރިން އިންތިޒާރު ކުރަމުންދިޔަ ދުވަސް. މިއީ ކޮކޯކޯލާގެ އެހީގައި އެ ނަސީބުވެރިންނަށް ލިބޭ ދަތުރެއް. އަހަރެމެން މި ދަނީ ހަމައެކަނި މެޗު ބަލައިލާކަށް ނޫން. ނަސީބުވެރިންނަށް އަހަރެމެން ތަންތަން ދައްކާލާނަން. ނަސީބުވެރިންނަށް ލޫރީ މިއުޒިއަމާއި، އައިފިލް ޓަވަރު ވެސް ދައްކާލުމަށް ހަމަޖެހިފައިވޭ،" އޭނާ ވިދާޅުވި އެވެ.

މިލިންދް ވިދާޅުވީ، ނަސީބުވެރިން ޕެރިހުގައި ހަތަރު ދުވަސް ހޭދަކުރާނެ ކަމަށާއި މެޗު ބަލައިލުމަށްވުރެ އެ ދަތުރަކީ ނަސީބުވެރިން ޗުއްޓީ ހޭދަކޮށްލުމަށް ކުރާ ދަތުރެއް ކަމަށެވެ.

"ކޮކާކޯލާ އިން އެކި ގައުމުތަކުގައި ޕްރޮމޯޝަންތައް ހިންގި. އެކި ގައުމުތަކުގެ ނަސީބުވެރިން މެޗު ބަލައިލުމަށް ދާނެ. ފަހަރެއްގައި ރާއްޖޭގެ ނަސީބުވެރިންނާއެކު އެހެން ގައުމެއްގެ ނަސީބުވެރިން ވެސް އެ މެޗު ބަލައިލުމަށް ދަނޑަށް ވަންނާނެ. ބައެއް ގައުމުތަކުގެ ނަސީބުވެރިންނަށް އެހެން މެޗެއް ބަލައިލުމުގެ ފުރުސަތު ވެސް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ޔޫރޯ ޕްރޮމޯޝަންގެ ހަ ނަސީބުވެރީން:

  • އާމިނަތު ރަޝާ

  • އިބްރާހީމް ނައީމް
  • ޠަލްޙަތު މޫސާ
  • ޙަސަން ޝިފާޒް
  • އައިޝަތު ޢަރޫޝާ
  • އަބްދުﷲ ވަހީދު

ކޮކާކޯލާ އިން އޭޕްރީލް 16އިން ފެށިގެން މޭ 29ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގައި ޕެރިސް ދަތުރުގެ އިތުރުން ވެސް އަގު ހުރި އިނާމުތަކެއް ވަނީ ނަސީބުވެރި ފަރާތްތަކަށް ދީފަ އެވެ. އޭގެ ތެރޭގައި ޓީވީއާއި ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މެޗުތައް ކުޅޭ އޮރިޖިނަލް ފުޓުބޯޅަ އާއި އެ ނޫން ވެސް ތަފާތު އަގުހުރި އިނާމުތައް ހިމެނެ އެވެ.