ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިކަން ހ. ލޮބީ ހުސައިން ހުމާމްގެ މައްޗަށް ސާބިތުވާތީ އޭނާ މަރަން ދަށު ކޯޓުން ކުރި ހުކުމަށް ތާއިދުކޮށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ.

މިރޭ މެންދަމު 2:20 އެހާކަންހާއިރު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށް ކޮށްފައިވާ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ހުރިހާ ފަނޑިޔާރުން އިއްތިފާގުވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިރޭ ހުކުމް އިއްވަމުން ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓުގައި ހުމާމުގެ މައްސަލަ ކުރިއަށްދިޔަ އިރު ފުރަތަމަ އަޑުއެހުމުގައި މައްސަލައަށް އިންކާރު ކުރި ނަމަވެސް ފަހުން ޝަރީއަތުގެ މަޖިލީހުގައި ގާޒީ ކުރިމަތީ މައްސަލައަށް އިއުތިރާފުވެފައިވާ ކަމަށެވެ. އަދި "އަމިއްލަ ރުހުމާއި އިހުތިޔާރުގައި އެއްވެސް މަޖުބޫރުކަމެއް ނެތި" ވާ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ކަމަށް ބެލޭނެ ކަމަށް ހުކުމުގައިވެ އެވެ. ކްރިމިނަލް ކޯޓުގައި ހުމާމް ވެފައިވާ އިއުތިރާފަކީ ސައްހަ ރަނގަޅު ނޫން އިއުތިރާފެއް ކަމަށް ބެލޭނެ ތަނެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.

އޭގެ އިތުރުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހުމާމަށް ދީފައިވާކަން ކްރިމިނަލް ކޯޓުން މައްސަލަ ނިންމި ގޮތުގެ ޣަޒިއްޔާއިން އެނގޭ ކަމަށާއި އަދި ހެކި ހުށަ ހެޅުމަށް ހުމާމަށް ފުރުސަތު ދީފައި ނުވަނީ ހެކި ހުށަހެޅުމަށް ފުރަތަމަ ދިން ފުރުސަތު ބޭނުން ނޫން ކަމަށް ބުނެ ދޫކޮށްލުމުން ކަމަށް ހުކުމުގައިވެ އެވެ. މައްސަލާގައި ހުމާމްވެފައިވާ އިއުތިރާފުގެ އިތުރުން ދައުލަތުގެ ފަރާތުން ހުށަހެޅި ޝަފައީ ހެކިންގެ ހެކިބަހުން މައްސަލަ ސާބިތުވުމަށް އިތުރުބާރެއް ލިބޭ ކަމަށެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ހުމާމުގެ މައްޗަށް އުފުލާފައިވާ މީހަކު މަރާލުމުގެ ދައުވާ އެއްވެސް ޝައްކެއް ޝޫބުހެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް މިރޭ ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވެ އެވެ. އެ މަރުގައި ގަތުލު އަމްދުގެ ހުރިހާ ޝަރުތެއް ފުރިހަމަވާ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ހުމާމްގެ މައްޗަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރުމަކީ ހައިކޯޓުން ކުރި ހުކުމް ހުމާމްގެ ފަރާތުން ގަބޫލުކުރާކަން އަންގައިދޭ ހަރުދަނާ ދަލީލެއް ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.

ކްރިމިނަލް ކޯޓުގައި ޑރ. އަފްރާޝީމް އަލީގެ ވާރިސުން ބުނެފައި ވަނީ ބޭނުން ވަނީ މަރަށް މަރުހިފަން ކަމަށް ހުކުމުގައިވެ އެވެ. އަދި ވަރިސުންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުދިން ތިބި ނަމަވެސް ބައެއް މަޒުހަބުތަކުގެ އިލްމުވެރިންގެ ބަހަށް ބަލާއިރު ބާލިޣުވެފައިތިބި ވާރިސުންގެ ބަހަށް ބަލައި މަރުގެ އަދަބު ދެވޭނެ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުން މީހަކު މެރުމަށް މިރޭ މެންދަމު ހުކުމް ކުރިއިރު، އަފްރާޝީމްގެ ވާރިސުން މިރޭ ބުނެފައި ވަނީ ހުމާމުގެ މައްޗަށް މަރުގެ އަދަބު ދޭން "އަދި" ބޭނުން ނުވާ ކަަމަށެވެ. ހުމާމުގެ މައްޗަށް މަރުގެ އަދަބު ދޭން ބޭނުން ނުވާ ކަމަށް ބުނެފައި ވަނީ އަފްރާޝީމްގެ ބައްޕާފުޅު އަލީ ޒާފިރު އަދި އަފްރާޝީމްގެ އެއްބަނޑުއެއްބަފާ ބޭބެ އަބްދުއް ނާސިރު އަލީ އެވެ. ހުމާމަށް މަރުގެ އަދަބު ދޭން ބޭނުން ނުވާ ކަމަށް ބުނެ އެ ދެ މީހުން ސުޕްރީމް ކޯޓަށް މިރޭ ހުށަހެޅި ސިޓީ އެ ކޯޓުން ވަނީ ބަލައި ނުގެންފަ އެވެ. ސިޓީ ބަލައި ނުގަތް ސަބަބެއް ކަމަށް ބުނެފައި ވަނީ ރަސްމީ ގަޑިއަށް ނުވާތީ ކަމަށެވެ.

މަރުގެ ހުކުމް ތަންފީޒުކުރުމާއި ބެހޭ ގަވާއިދަށް ބަލާއިރު މި މައްސަލައަކީ ތަންފީޒުކުރަންޖެހޭ މައްސަލައެއްކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.

މިހަފްތާ ތެރޭގައި ހޯމް މިނިސްޓަރު ކަމުން އިސްތިއުފާދެއްވި އުމަރު ނަސީރު އެމަގާމުގައި ހުންނެވިއިރު ވިދާޅުވެފައި ވަނީ ދަންޖައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ގަވާއިދެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ ގަވާއިދުގައިވާ ގޮތުން ސުޕްރީމް ކޯޓުން މަރުގެ ހުކުމެއް ކަށަވަރުކުރާތާ 30 ދުވަސްތެރޭގައި ދަންޖައްސައިގެން މަރަން ޖެހޭނެ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެ ގަވާއިދު މިހާތަނަށް އަދި ގެޒެޓުކޮށްފައެއް ނުވެ އެވެ.

އެ މައްސަލާގެ ރިޔާސަތު ބެލެހެއްޓެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެވެ. އެ މައްސަލައިގެން ބެންޗުގައި ދެން ހިމެނި ވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު އަބްދުﷲ އަރީފު އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ގެ އިތުރުން ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށް އެ ރޭ 11:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގަ އެވެ.

ޑރ. އަފްރާޝީމް އަލީ ވާހަރަކޮށްލުމުގެ ކުށުގައި ހުމާމް މަރަން ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު އެވެ. އެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.

ހުމާމް މައްސަލައިގެ ޝަރީއަތުގެ މަރުހަލާތައް ހިނގައި ދިޔަގޮތް

  • ހުމާމުގެ މައްޗަށް ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިކަމުގެ ދައުވާ އުފުލީ 10 ޖެނުއަރީ 2013 ގައި
  • 20 ޖެނުއަރީ 2013 ގައި ހުމާމްވަނީ ދައުވާއަށް އިންކާރުކޮށްފައި
  • މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހެކި ހުށަހެޅީ 22 މެއި 2013 ގައި، އެދުވަހު ހުމާމްވަނީ އަފްރާޝީމް މަރާލިކަމަށް އިއުތިރާފުވެފައި
  • ހުމާމު އޭރުބުނެފައިވަނީ ވަކީލަކު ބޭނުންނުވާ ކަަމަށް
  • އޭގެ ފަހުން ހުމާމުގެ ވަކީލަކަށް އައްޔަންކޮށްފައިވަނީ ގާނޫނީވަކީލު އަބްދުﷲ ހަސީން
  • އޭގެފަހުން ބޭއްވި އަޑުއެހުމުގައި އަނެއްކާވެސް މައްސަލައަށް އިންކާރުކޮށް ހުމާމްވަނީ ހެކި ހުށަހެޅުމުގެ ފުރުސަތަކަށް އެދިފަި، ނަމަވެސް އެފުރުސަތު ދީފައެއްނުވޭ
  • މައްސަލާގައި ހެކިބަސް ނަގައި، މައްސަލަ ކުރިއަށް ގެންގޮސް ފަހު އަޑުއެހުން ބާއްވާފައިވަނީ 21 ނޮވެމްބަރު 2013 ގައި
  • ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 16 ޖެނުއަރީ 2014 ގައި
  • ހައިކޯޓުގައި އެމައްސަލަ އިސްތިއުނާފުކުރިތާ ގިނަ ދުވަސްތަކެއްފަހުން އަޑުއެހުންތައް ފަށާފައިވަނީ 21 އޮކްޓޫބަރު 2014 ގައި
  • ހައިކޯޓުގައި ހުމާމްވަނީ ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްނުލާ ކަމަށް ބުނެ ހުވާކޮށްފައި
  • ކްރިމިނަލް ކޯޓުން ހުމާމް މަރަން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ ހަތެއް ސެޕްޓެމްބަރު 2015 ގައި
  • ހައިކޯޓުގެ ހުކުމަކީ ނިހާއީ ހުކުމެއްކަމަށް ކަނޑައަޅައިދިނުމަށް އެދި އެމައްސަލަ ސުޕްރީމް ކޯޓަށް ފޮނުވީ ޕީޖީ އޮފީހުން
  • ސުޕްރީމް ކޯޓުގައި މައްސަލައިގެ ހަތަރު އަޑުއެހުމެއް ވަނީ ބާއްވާފައި
  • އަޑުއެހުންތައް ނިންމާލާފައިވަނީ 22 ޖޫން 2016 ގައި