23 Jun 2016, 20:29
މާލެ އާއި ހުޅުލެއާ ދެމެދު ދަތުރު ކުރަމުން ދިޔަ ދެ ފެރީ އެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ އެކްސިޑެންޓް ހިނގާފައި ވަނީ "ވީނަސް" ނަމަކަށް ކިޔާ ދޯންޏަކާއި ހުޅުމާލެ ފެރީ އެއް ޖެހިގެން ކަމަށެވެ.
އަދި އެ އެކްސިޑެންޓުގައި ތިން މީހަކަށް ކޮންމެސް ވަރަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ އެކްސިޑެންޓުގައި ދެ ދޯންޏަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އަދި 'ވީނަސް' ދޯންޏަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ދޯނި ދިޔަވަމުން ދާތީ، ދޯނި ސަލާމަތް ކުރުމަށް ކުރި މަސައްކަތުން މިހާރު އެ ދޯނި މާލެ ފަޅަށް ވައްދާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ފެރީ އިން ދަތުރު ކުރަމުން ދިޔަ މީހުން ވެސް މިހާރު ވަނީ މާލެ ގެނެސްފަ އެވެ.
މިއަދު ވެސް ވަނީ މުދާ ބަރުކޮށްގެން ދިޔަ ސަޕްލައި ދޯންޏެއް ހުޅުލެ ކައިރި އަށް އަޑިއަށް ގޮސްފަ އެވެ.