23 Jun 2016, 19:39
މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދައިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި މެރުމަށް ދަށު ކޯޓުން ހުކުމްކޮށް އެހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާ ހ. ލޮބީ ހުސައިން ހުމާމްގެ ޝަރީއަތުގެ އަޑުއެހުމެއް މިރޭ ސުޕްރީމް ކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފި އެވެ.
ސުޕްރީމް ކޯޓުގައި މިރޭ 10:30 ހަށް އަޑުއެހުން ތާވަލުކޮށްފައިވާއިރު މިރޭ އެމައްސަލާގައި ހުކުމް ކޮށްފާނެ ކަމަށް ބެލެވެއެވެ. އެމައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހުމާމުގައ ފަރާތުންވެސް އަދި ދައުލަތުގެ ފަރާތުންވެސް ވަނީ ފަހުބަސް އިއްވާފަ އެވެ. އަދި އަޑުއެހުންތައް ނިންމާލީކަމަށް އުއްތަމަ ފަނޑިޔާރު އެދުވަހު އިއުލާނު ކުރެއްވި އެވެ.
ސުޕުރީމް ކޯޓުގައި ކުރިއަށްދާ ހުމާމުގެ މައްސަލައަކީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިކަން ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ސާބިތުވުމުން އެ ހުކުމް ކަށަވަރުކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެވެ. ހައިކޯޓުން ކުރި ހުކުމަކީ ނިހާއީ ހުކުމެއްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިނަމަ މަރުގެ އަދަބު ހުމާމަށް ދެވޭނެ އެވެ.
މިހަފްތާ ތެރޭގައި ހޯމް މިނިސްޓަރު ކަމުން އިސްތިއުފާދެއްވި އުމަރު ނަސީރު އެމަގާމުގައި ހުންނެވިއިރު ވިދާޅުވެފައިވަނީ ދަންޖައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ގަވާއިދެއް އެކުލަވާލާފައިވާކަމަށެވެ. އަދި އެގަވާއިދުގައިވާގޮތުން ސުޕްރީމް ކޯޓުން މަރުގެ ހުކުމެއް ކަށަވަރުކުރާތާ 30 ދުވަސްތެރޭގައި ދަންޖައްސައިގެން މަރަން ޖެހޭނެކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެ ގަވާއިދު މިހާތަނަށް އަދި ގެޒެޓުކޮށްފައެއްނުވެ އެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށް އެ ރޭ 11:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގަ އެވެ.
ޑރ. އަފްރާޝީމް އަލީ ވާހަރަކޮށްލުމުގެ ކުށުގައި ހުމާމް މަރަން ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު އެވެ. އެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.