ރާއްޖެއިން ބޭރުގެ ގައުމުތަކަށާއި މިޝަންތަކަށް އައްޔަނު ކުރާ ސަފީރުންނަކީ ރާއްޖެއިން ބޭރުގައި ފިލަން ނުވަތަ ފޮރުވެން ދާ ބައެއް ނޫން ކަމަށް ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމަށް އިދިކޮޅު އިއްތިހާދުން ގޮވާލާ ދަނޑިވަޅުގައި، އެ އިއްތިހާދުން ނެރުނު ބަޔާނެއްގައި ވަނީ އެކަމުގައި މަރުކަޒީ ބޭންކުގެ ގަވަރުނަރު ޑރ. އަޒީމާ އާދަމާއި ފިރިކަލުން ޑރ. އަލީ ނަސީރު މުހައްމަދު ބައިވެރިވެވަޑައިގަންނަވާ ކަމަށް ތުހުމަތު ކުރާ ކަމަށް ބުނެފަ އެވެ.

ޑރ. އަލީ ނަސީރު މުހައްމަދު، އެމެރިކާއަށާއި ކެނެޑާއަށް ކަނޑައަޅުއްވާ ސަފީރު ކަމާއި ނިއު ޔޯކްގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ ސަފީރުގެ މަގާމަށް އައްޔަނު ކުރުމަށް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.

މިއަދު ފޮރިން މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ފޮރިން ސެކްރެޓަރީއާ ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ ރާއްޖެއިން ބޭރުގައި ދައުލަތް ތަމްސީލުކުރާ ސަފީރުންނަކީ ރާއްޖެއިން ފިލުވުމަށް ދޭ މަގާމެއް ނޫން ކަމަށެވެ.

"ދައުލަތް ތަމްސީލު ކުރުމަށް ސަފީރުން ރާއްޖެއިން ބޭރަށް ދަނީ. އދ.ގައި ވިޔަސް ގައުމެއްގައި ވިޔަސް. ބަޔަކު ފިލުވަން ނުވަތަ ފޮރުވަން ނުވަތަ ފިލުވަން ފުރުސަތު ދޭން އައްޔަނު ކުރަން ތިބޭ ބައެއް ނޫން ދިވެހި ޑިޕްލޮމެޓުންނަކީ،" އޭނާ ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ދުންޔާ މައުމޫން -- ސަން ފޮޓޯ/ފަޔާޒް މޫސާ

އެކަމާ ބެހޭ ގޮތުން ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެ ބައްދަލުވުމުގައި ވިދާޅުވީ ޑރ. އަލީ ނަސީރަކީ ޚާރިޖީ ޚިދުމަތުގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ފޮރިން ސާވިސް ދާއިރާގައި އެކި ގައުމުތަކުގެ މިޝަންތަކަށް ސަފީރުކަން ކުރެއްވުމަށް އެކި ބޭފުޅުން ސަރުކާރުން ފޮނުވާނެ ކަމަށެވެ.

"ގައުމަކަށް ޕޯސްޓިންއަކަށް ވަޑައިގަތުމަކީ މައްސަލައެއް ނޫން. މިއީ ކަމަކަށް ފިލަން އުޅޭ ކަމެއް ނޫން. މިއީ މަސައްކަތުގެ ގޮތުން އޮންނަ ކަމެއް. މިތާގައި ގިނަ ބޭފުޅުން އެކި ފުރުސަތުތަކުގައި މިޝަންތަކަށް އެބަ ފުރާވަޑައިގަންނަވާ. އަދި ބޭރުގައި ތިއްބެވި ބޭފުޅުން އެބަ ވަޑައިގަންނަވާ ފޮރިން މިނިސްޓްރީގައި ސާވް ކުރައްވަން،" ދުންޔާ ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން ދައުލަތުގެ މުދަލަށް ޚިޔާނާތްތެރިވުމުގައި ދައުލަތުގެ މުއައްސަސާތައް ޢަމަލީ ގޮތުން ބައިވެރިވުމަށް ފުރުސަތު ލިބުނީ ވަކީން ޚާއްޞަކޮށް މަރުކަޒީ ބޭންކުން އެކަމުގައި އިންތިހާއަށް އިހުމާލުވެފައިވާ ކަމަށެވެ.

"މިފަދަ ދަނޑިވަޅެއްގައި، އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަޙްޤީޤްތައް އެކި އިދާރާތަކުން ކުރިއަށްދާއިރު، ކުއްލިގޮތަކަށް ފޮރިން ސެކްޓަރީގެ މަޤާމުގައި ހުންނެވި މަރުކަޒީ ބޭންކުގެ ގަވަރަނަރުގެ ފިރިކަލުން ޑރ. ޢަލީ ނަސީރު އެމެރިކާގައި ވަޒީފާ އަދާ ކުރާ ގޮތަށް ބަދަލުކުރުމަކީ ސީދާ އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމްގެ މައްޗަށް ކުރެވޭ މަނީލޯންޑަރިން ފަދަ ބޮޑެތި ޖިނާޢީ ތުހުމަތުތަކުން އެކަމަނާ ފިއްލެވުމަށް ފުރުޞަތު ދިނުން ކަމުގައި ޤަބޫލުކުރެވެ އެވެ،" އެ ބަޔާނުގައި ބުނެފައި ވެ އެވެ.

އެމްއެމްއޭގެ ގަވަރުނަރު ޑރ އަޒީމާ އާދަމްއާއި ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ: ރައީސް އޮފީސް

އެކަމާ ގުޅޭ ގޮތުން އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވެސް "ސަން" އަށް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށާއި ރާއްޖެ ދޫކޮށް ވަޑައިގަތުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށެވެ.

މި ހަފްތާގައި އިދިކޮޅު އިއްތިހަދުގެ ފަރާތުން ވަނީ ރައީސް އަބްދުﷲ ޔަމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް ފަސް މިލިޔަން ޑޮލަރު ޖަމާކުރި މައްސަލައެއް، އެމަނިކުފާނު ހައްޔަރުކޮށްގެން ތަހްގީގު ކުރުމަށް އެދި

އެ މައްސަލަ ހުށަހަޅުއްވަމުން އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު އަހްމަދު މަހުލޫފް ވިދާޅުވީ އެހާ ބޮޑު އަދަދެއްގެ ފައިސާގެ މުއާމަލާތް ކުރެވޭނަމަ އެކަމެއް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ގަވަރުނަރަށް އަންގާނެ ކަމަށާއި، ނަމަވެސް ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާތް ބޭފުޅުންގެ އެކައުންޓުތަކުން އެފަދަ މުއާމަލާތެއް ހިނގި ނަމަވެސް އެކަން ތަހުގީގު ނުކުރުމަށް ރައީސް، އެމްއެމްއޭގެ ގަވަރުނަރަށް އެންގި ކަމުގެ ހެކި އިއްތިހާދަށް ލިބިފައިވާ ކަމަށެވެ.

ނަމަވެސް މިކަމަކީ ދޮގު މައުލޫމާތެއް ކަމަށް އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އަހްމަދު އެ ދުވަހު ވަނީ "ސަން" އަށް ވިދާޅުވެފަ އެވެ.