ތިން ހަފްތާ ތެރޭގައި ގދ. ތިނަދޫގެ ބިން ހިއްކައި ނިންމާލައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެރަށުގެ ބިން ހިއްކައި މިއަދު ނިމިފައިވާ ކަމަށެވެ.

ދައުލަތުގެ ބަޖެޓުން 765 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތިނަދޫ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފަށާފައިވަނީ މިމަހުގެ އެއް ވަނަ ދުވަހު އެވެ.

އެ މަސައްކަތް ފައްޓަވައިދެއްވީ ކުރީގެ ފިނޭންސް މިނިސްޓަރު އަދި މިހާރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ.

ނެދަލެންޑްސްގެ ވަން އޫޑް ޑްރެޖިން އެންޑް މެރިންކޮންޓްރެކްޓާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އެ މަޝްރޫއުގެ ދަށުން 55 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

މީގެ ކުރިން ވެސް ވަރަށް ބޮޑަށް ހިއްކައިގެން ބޮޑުކޮށްފައިވާ ތިނަދޫގައި މިފަހަރު ހިއްކާފައިވަނީ އެރަށުގެ ދެކުނު ފަރާތުން ހަތަރު ހެކްޓަރު އަދި އުތުރު ފަރާތުން 51 ހެކްޓަރުގެ ބިމެވެ.

ބިން ހިއްކުމަށްފަހު 1852 މީޓަރުގެ ރިވެޓްމެންޓެއް ޖަހަން ވެސް ވަނީ ނިންމާފައެވެ. އެ މަސައްކަތްވެސް ކުރާނީ ބިން ހިއްކި ނެދަލެންޑްސްގެ ކުންފުނިންނެވެ.

ތިނަދޫގެ ބިން ހިއްކުން މިއަދު ނިންމާލާފައިވާއިރު، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ އައްޑޫ ސިޓީގެ ފޭދޫ ބިން ހިއްކުމުގެ މަސައްކަތް ވަނީ މިދިޔަ މަހުގެ ފަހުކޮޅު ނިންމާލާފައެވެ.