19:00


ޗައިނާގެ ޝެންގހާއީގައި މިއަދު ހުޅުވުނު "ޝެންގހާއީ ވާރލްޑް އެކްސްޕޯ 2010" ގައި ހުރި ރާއްޖޭގެ ޕެވިލިއަން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހެނދުނު ހުޅުއްވައިދެއްވައިފި އެވެ.


ރައީސް އޮފީހުން ބުނީ ރާއްޖޭގެ ޕެވިލިއަން ހުޅުއްވައިދެއްވުމަށްފަހު، މި ޕެވިލިއަން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލެއްވި ކަމަށެވެ. އެއަށްފަހު، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ރައީސް ލިޔުއްވައި ސޮއިކުރެއްވި ކަމަށެވެ. އެގޮތުން އެމަނިކުފާނު އެ ފޮތުގައި ލިޔުއްވި ބަޔާނުގައި، އެ ސްޓޯލަކީ ރާއްޖެއަށް ވަރަށް ގިނަގުނަ ފައިދާތައް ކުރާނެ ސްޓޯލެއް ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


ރާއްޖޭގެ ޕެވިލިއަން ހުޅުއްވައިދެއްވުމަށްފަހު ރައީސް ދެއްކެވި ވާހަކަފުޅުގައި، މީގެ ޒަމާންތަކެއްގެ ކުރީގައިވެސް ރާއްޖެއިން ބޭރުގައި ބޭއްވި އެފަދަ ބޮޑެތި މަޢުރަޒުތަކުގައި ރާއްޖެއިން ބައިވެރިވެފައިވާކަން ތާރީޚުން އެނގެން އެބައޮތްކަން ފާހަގަކުރެއްވި އެވެ. އަދި މިއީ މިހާރު ދުނިޔޭގައި އެންމެ ކުރިއަރަމުން އަންނަ އަދި މުސްތަޤްބަލުގައި ދުނިޔޭގެ ބޮޑުބާރަކަށްވާނެ ޤައުމެއްގެ ތާރީޚްގެ ތެރެއަށް ވަނުމަށް ރާއްޖެއަށް ލިބިގެންދާ ފުރުޞަތެއް ކަމުގައި ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. މި އެކްސްޕޯގައި ރާއްޖެ ބައިވެރިވެފައިވުމުން، ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމަކަށް ވީނަމަވެސް، ރާއްޖެއަކީވެސް ދުނިޔޭގެ އެހެން ޤައުމުތަކާއެކު ފައިތިލަ ސާބިތުކުރަމުންދާ ޤައުމެއްކަން، މުސްތަޤުބަލުގެ ޖީލުތަކަށްވެސް އެނގިގެންދާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.


ޝެންހާއީ ވާރލްޑް އެކްސްޕޯގައި ހުރި ރާއްޖޭގެ ސްޓޯލް ހުޅުއްވައިދެއްވުމަށްފަހު، މި އެކްސްޕޯގައި ހުރި ޗައިނާގެ ޕެވިލިއަންއަށް ރައީސް ޒިޔާރަތް ކުރެއްވި އެވެ. ޝެންގހާއީ ވާރލްޑް އެކްސްޕޯ މިއަދުން ފެށިގެން މިއަހަރުގެ އޮކްޓޯބަރ މަހުގެ 31 ގެ ނިޔަލަށް ހުޅުވިފައި ހުންނާނެ އެވެ. މި އެކްސްޕޯ ހުޅުވިފައި ހުންނަ ހަ މަސް ދުވަހުގެ ތެރޭގައި މުޅިޖުމްލަ 70 މިލިއަން މީހުން މި އެކްސްޕޯއަށް ޒިޔާރަތް ކުރާނެ ކަމަށް ޗައިނާއިން ލަފާކުރެ އެވެ.


ރައީސުލްޖުމްހޫރިއްޔާ، މިއަދު މެންދުރުފަހު ޝެންގހާއީ އަރބަން ޕްލޭނިންގ އެގްޒިބިޝަން ސެންޓަރަށާއި، ޗައިނާގެ "ވޫ ޕޯ ޝިންގ ގެލެރީ އޮފް ޗައިނީޒް ބްރޯންޒް" އަށް ޒިޔާރަތް ކުރައްވައި، އެދެތަނުގައި ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއި ކުރެއްވި އެވެ.


ރައީސްގެ ދެކަނބަލުން ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ޝެންގހާއީ ވަޑައިގަތީ މިއަދު ހެނދުނެވެ.
ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ވަޑައިގަންނަވަމުން، ތައިލެންޑްގެ ބެންކޮކްގެ ވައިގެ ބަނދަރުގައި މަޑުކޮށްލެއްވި ވަގުތުކޮޅުގައި ތައިލެންޑްގެ ފޮރިން މިނިސްޓަރ ކޮސިޓް ޕިރޮމްޔާއާ ބައްދަލުކުރެއްވި އެވެ. މި ބައްދަލުކޮށްލެއްވުމުގައި، ރާއްޖެއާއި ތައިލެންޑާ ދެޤައުމުގެ ދެމެދުގައިވާ ގުޅުމާއި، ތައިލެންޑުން ރާއްޖޭގައި ހިންގަމުންދާ އެކިއެކި މަޝްރޫޢުތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. އަދި ތައިލެންޑްގެ މިހާރުގެ ސިޔާސީ މަސްރަޙާބެހޭ މަޢުލޫމާތު، ތައިލެންޑްގެ ފޮރިން މިނިސްޓަރ ރައީސް އަށް އެރުވި އެވެ.