ޔުއެންޓަސް އަށް ކުޅެމުން އަންނަ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ވިއްކާލާނީ 120 މިލިއަން ޔޫރޯ އަށް ކަމަށާއި ރެއާލް މެޑްރިޑް އިން އޮތީ ޕޮގްބާ ގަތުމަށް ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނަން ފަށަފި އެވެ.

ޔުއެންޓަސްގައި 2019 ވަނަ އަހަރާ ހަމައަށް މަޑުކަރަން ކޮންޓްރެކްޓް ހަދާފައިވާ ޕޮގްބާ ހޯދުމަށް ދުނިޔޭގެ ބޮޑެތި ގިނަ ކްލަބުތަކަކުން ޝައުގުވެރިކަން ފާޅު ކުރަމުން އަންނަ އިރު އޭނާ ހޯދުމަށް އެންމެ ވާދަވެރިކަން ބޮޑީ ސްޕެއިންގެ ރެއާލް މެޑްރިޑް އާއި ބާސެލޯނާގަ އެވެ.

ސާ އެލެކްސް ފާގަސަންގެ ކޯޗު ކަމުގައި މެންޗަސްޓާ ޔުނައިޓެޑަށް ތިން މެޗު ކުޅުމަށް ފަހު އަހްލާގީ ފެންވަރު ދަށް ކަމަން ބުނެ އާނާ ވަނީ ޓީމުން ބޭރުކޮށްލައިފަ އެވެ. ފާގަސަން އެހެން ބުނި ނަމަވެސް 2009 އަކުން ފެށިގެން ޕޮގްބާ ތަމްރީން ވަމުން އައީ ޔުނައިޓެޑްގެ އެކަޑަމީން އެވެ. އަދި 2012 ވަނަ އަހަރު ޔުނައިޓެޑަށް ތިން މެޗު ކުޅުމަށް ފަހު ހަމަ އެހަރު ޕޮގްބާ އެޓީމުން ދޫކޮށްލުމުން ދެން ގުޅުނީ ޔުއެންޓަސް އާއެވެ.

ދުނިޔޭގެ ފުޓްބޯޅަ ހަބަރުތައް ގެނެސްދޭ ދަ ގާޑިއަން އިން ރިޕޯޓް ކުރި ގޮތުގައި ރެއާލް މެޑްރިޑުން މިދިޔަ ހަފްތާތެރޭގައި ޕޮގްބާގެ އެޖެންޓާ ބައްދަލު ކޮށް އޭނާގެ މުސާރާ މެދު މަސްވަރާ ކޮށްފައިވާ ކަމަށް ބުނެފަ އެވެ.

އެ މަސްވަރާތަކަށް ފަހު ޔުއެންޓަސް އިން އޭނާ ވިއްކާލުމުން ރެއާލް މެޑްރިޑް އާއި އެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާނެ އިރު ޕޮގްބާގެ މުސާރަ އަހަރަކު ފަސް މިލިއަން ޔޫރޯ އިން ހަތް މިލިއަން ޔޫރޯ އަށް ބޮޑު ކުރުމަށް ވެސް އެއްބަސްވެފައިވާ ކަމަށް ބުނެފައިވެ އެވެ.

ރެއާލް މެޑްރިޑަކީ ކުޅުންތެރިން ގަތުމުގައި ދުނިޔޭގެ ރެކޯޑް އެންމެ ފަހު ދެ ފަހަރު ވެސް މުގުރާލި ކުލަބެވެ. ނުވަދިހަ ހަ މިލއަން ޔޫރޯ އަށް ކްރިސްޓިއާނޯ ރޮނާލްޑޯ ގަތުމަށް އެ ޓީމުން ހެދި ރެކޯޑް މުގުރާލީ 100 މިލިއަން ޔޫރޯ އަށް ގެރެތް ބޭލް ގަތުމަށެވެ.