ރާއްޖެ ދޫކޮށް ފިއްލަވައިގެން ދާން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް އެފަދަ އެއްވެސް ވިސްނުމެއް ނެތް ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް ވިދާޅުވެއްޖެ އެވެ.

އަޒީމާ "ފިއްލެވުމު"ގެ ކަންކަން ހަމަޖައްސަވަން އޭނާގެ ފިރިކަލުން އަދި ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު އުޅުއްވާ ކަމަށް އިދިކޮޅު އިއްތިހާދުން ވަނީ ތުހުމަތުކޮށްފަ އެވެ. އެކަމާ ގުޅިގެން އަޒީމާ މިއަދު "ސަން" އަށް ވިދާޅުވީ، ރާއްޖެއިން ބޭރަށް ބަދަލުވުމުގެ އެއްވެސް ވިސްނުމެއް އަދި ޕްލޭނެއް ވެސް ނުގެންގުޅުއްވާ ކަމަށެވެ.

ރާއްޖެއިން ބޭރަށް ބަދަލުވުމުގެ ނޫނީ ދިއުމުގެ އެއްވެސް ވިސްނުމެއް އަދި ޕްނޭނެއް ވެސް ނެތް އިނގޭތޯ،އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް

އަޒީމާ މިއަދު ވެސް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އެމްއެމްއޭގެ އަދި އޭނާގެ ވެސް ދައުރެއް ނޯންނާނެ ކަމަށެވެ. މީގެ ކުރިން ވެސް އަޒީމާ ވަނީ ތަކުރާރުކޮށް އެހެން ވިދާޅުވެފަ އެވެ.

ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަޞީރު ރާއްޖެއިން ބޭރުގެ ވަޒީފާއަކަށް ހަމަޖެއްސަވާފައި ވަނީ ދައުލަތުން ވައްކަން ކުރެއްވުމާއި މަނީ ލޯންޑަރިންގެ ޢަމަލުތަކަށް މަގުފަހިކޮށްދެއްވި ފަރާތްތަކަށް ރާއްޖެއިން ފިއްލެވުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމުގައި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ވަނީ ބުނެފަ އެވެ.

"ކުއްލި ގޮތަކަށް ފޮރިން ސެކްޓަރީގެ މަޤާމުގައި ހުންނެވި މަރުކަޒީ ބޭންކުގެ ގަވަރަނަރުގެ ފިރިކަލުން ޑރ. ޢަލީ ނަސީރު އެމެރިކާގައި ވަޒީފާ އަދާ ކުރާ ގޮތަށް ބަދަލުކުރުމަކީ ސީދާ އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމްގެ މައްޗަށް ކުރެވޭ މަނީލޯންޑަރިން ފަދަ ބޮޑެތި ޖިނާޢީ ތުހުމަތުތަކުން އެކަމަނާ ފިއްލެވުމަށް ފުރުޞަތު ދިނުން،" އިދިކޮޅު އިއްތުހާދުން ނެރުނު ބަޔާނުގައިވެ އެވެ.

ނަމަވެސް އަޒީމާ ވިދާޅުވަނީ އެފަދަ އެއްވެސް ކަމެއްގައި އެކަމަނާގެ އަތެއް ނޯންނާނެ ކަމަށާއި ރާއްޖެއަށް ބޭރަށް ފިލައިގެން ދިއުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.