23 Jun 2016, 21:24
ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނެގުމުގެ ކުރިން އެކަމަށް ތައްޔާރުވުމުގެ ގޮތުން ވިންޑޯ ޕީރިއަޑެއް ދިނުމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަށް ބަލާއިރު، ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކްސް ނެގުން ހިމެނެ އެވެ.
އެ އިސްލާހުތައް ދިރާސާ ކުރަމުންދާ އިގްތިސާދީ ކޮމިޓީއަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ހާޒިރު ކުރި އިރު، އޭނާ މިއަދުގެ ބައްދަލުވުމުގައި ވިދާޅުވީ ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނެގުމަށް އިސްލާހު ހުށަހެޅީ ދައުލަތުގެ ބަޖެޓުގެ ޑެފިސިޓް ކުޑަކޮށް، ބެލެންސް ބަޖެޓަކަށް ބަދަލުކުރުމުގެ ގޮތުން މި އަހަރުގެ ތެރޭގައި ހުށަހަޅަން ނިންމާފައިވާ ސަޕްލިމެންޓަރީ ބަޖެޓަކަށް ތައްޔާރު ވުމުގެ ގޮތުން ކަމަށެވެ.

"ވިންޑޯއެއް ލިބުން އަޅުގަނޑަށް ހީވަނީ މުހިންމު ކަމެއްހެން. ކޮމިޓީން މަޝްވަރާކޮށްގެން ޑޭޓެއް ލެވިދާނެހެން ގަބޫލު ކުރަނީ،" މޫސާ ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ބިލު މިހާރު ހުށަހަޅާފައިވާ ގޮތުން ބިލު ގާނޫނަކަށް ބަދަލުވާ ދުވަހުން ފެށިގެން ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކްސް ނަގަންޖެހޭ ގޮތަށް ކަމަށެވެ.
ނަމަވެސް އޭގެ ބަދަލުގައި، އެ ޓެކްސް ނެގުމަށް ތައްޔާރުވުމަށް ވިންޑޯ ޕީރިއަޑެއް ދޭން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިސާލަކަށް، ލާސްޓް ކުއާޓާއިން ފެށިގެން ސްޓާޓު ކުރާ ގޮތަށް ހަމަޖެހިދާނެ،" އޭނާ ވިދާޅުވި އެވެ.