23 Jun 2016, 16:07
ކޮމަލްވެލްތުން އިންތިޒާމް ކޮށްގެން ބާއްވާ "2016 ބައެނިއަލް ކޮންފަރެންސް އޮފް ދަ ކޮމަންވެލްތު އިލެކްޓޯރަލް ނެޓްވާކް" ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ސުލައިމާން ބައިވެރިވެވަޑައިގެންފި އެވެ.
މިމަހު 22 އިން 24 އަށް ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ޕޯޓް އޮފް ސްޕެއިންގައި ކުރިއަށްދާ އެ ކޮންފަރެންސުގައި ކޮމަންވެލްތު މެމްބަރު ހުރިހާ ގައުމަކުން ބައިވެރިވެ އެވެ.
އެ ބައްދަލުވުމުގައި އިންތިހާބުތަކާ ގުޅޭ ކަންކަމުގެ ތަޖުރިބާއާއި ފަންނީ މައުލޫމާތު މެމްބަރު ގައުމުތަކުގެ މެދުގައި ހިއްސާކުރެވި ދޭދޭ ގައުމުތަކުގެ މެދުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރާނެ އެވެ.
އޭގެ އިތުރުން އެ ކޮންފަރެންސްގައި ރާއްޖެ އިން ބައެއް ކަންކަން ހުށަހަޅާނެ އެވެ.
އޭގެ ތެރޭގައި ހުށައަޅާ ކަންކަމުގެތެރޭގައި، އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގައި ތައާރަފް ކުރުމަށް ހަމަޖެހިފައިވާ އީ ވޯޓިން ނިޒާމާއި ގުޅޭ ގޮތުން ކޮންފަރެންސްގެ ބައިވެރިންނާ މައުލޫމާތު ހިއްސާކުރުން ހިމެނޭ ކަމަށް އީސީން މައުލޫމާތުދެ އެވެ.