މާލިއްޔަތު ގަވާއިދަށް ގެނެސްފައިވާ 11 ވަނަ އިސްލާހުގެ ސަބަބުން ދައުލަތަށް ތަކެއްޗާއި ޚިދުމަތް ހޯދުމުގައި އަގުތައް އިންތިހާއަށް ބޮޑުވެ ހާމަކަން ގެއްލި އަދި ވާދަވެރިކަން ނެތިގޮސް ކޮރަޕްޝަނަށް މަގުފަހިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބުނެފި އެވެ.

މާލިއްޔަތު ގަވާއިދަށް ގެނެސްފައިވާ 11 ވަނަ އިސްލާހު ދިރާސާ ކުރުމަށްފަހު އޭސީސީން ނެރުނު ރިޕޯޓެއްގައި އެ ގަވާއިދަށް ގެންނަން ފެންނަ ބަދަލުތައް ވަނީ ހިމަނާފައެވެ. އަދި އެގޮތަށް އެ ގަވާއިދު ބަދަލުކުރުމަށް ވަނީ ލަފާދީފައެވެ.

އެ ރިޕޯޓުގައި އޭސީސީން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި މާލިއްޔަތު ގަވާއިދަށް ގެނެސްފައިވާ އިސްލާހަކީ އެ ގަވާއިދާ ފުށުއަރާ އެއްޗެއް ކަމަށް ބަޔާންކޮށްފައި ވެއެވެ.

މާލިއްޔަތު ގަވާއިދަށް ގެނެސްފައިވާ 11 ވަނަ އިސްލާހުގައިވާގޮތުން ިޮޑު ކުރުމަކާ ނުލައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ސަރުކާރުގެ ހިއްސާ ހިމެނޭ ކުންފުނިތަކާ މަސައްކަތް ހަވާލުކުރެވޭ ކަމަށް އޭސީސީގެ ރިޕޯޓުގައި ވެއެވެ.

އެގޮތަށް އެކަން އޮންނައިރު، ބޮޑެތި ބޮޑެތި މަސައްކަތް ކުރުމަށް ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކާ ހަވާލުކުރުމުން އެކުންފުނިތަކުން އެ މަސައްކަތް އަމިއްލަ އަށް ކުރުމުގެ ބަދަލުގައި ތިން ވަނަ ފަރާތަކަށް ބިޑު ކުރުމަކާ ނުލައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހާމަކަމް ކުޑަގޮތެއްގައި އެ މަސައްކަތްތައް ހަވާލުކުރަމުންދާކަން އެ ކޮމިޝަނަށް ތަކުރާރުކޮށް ފާހަގަކުރެވިފައިވާ ކަމަށް އެ ރިޕޯޓުގައި ވެއެވެ.

ބޭރު ގައުމުތަކުގެ އެހީގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން އެހީދޭ ގައުމަކުން ވަކި ޝަރުތުތަކެއް ކުރިމަތިނުކޮށް ސަރުކާރަށް އެހީގެ ގޮތުގައި ލިބޭ ފައިސާ ތަސައްރަފު ކުރުމުގެ އިޙްތިޔާރު ލިބިފައިވާ މަޝްރޫއުތައް ބިޑުކުރުމަކާ ނުލައި ކުރިއަށް ގެންދިޔުމަކީ ދައުލަތަށް އެންމެ ފައިދާހުރި ގޮތް ނޫންކަން ފާހަގަކުރެވޭ ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ. އެހެންކަމުން، ލިބޭ އެހީގެ ފައިސާ އިން ހިންގާ މަޝްރޫއުތަކަށް ޚަރަދުުރުމުގައި ހާމަކަން ބޮޑު އުސޫލުތަކާއި އިޖުރާއަތުތަކެއް މާލިއްޔަތު ގަވާއިދުގައި ކަނޑައަޅައި އަމަލުކުރަންޖެހޭ ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.