23 Jun 2016, 16:02
ބާލިން (ޖޫން 23): ދެ ބަލި މީހުން މެރުމުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ޖަރުމަނުގެ ނަރުސް މީހާ އިތުރު ބަލި މީހުން މަރާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް މައްސަލަ ތަހުގީގު ކުރަމުންދާ ފަރާތްތަކުން ބުނެފި އެވެ.
ހިތުގެ ބައްޔަށް ހާއްސަ ބޭސް އޯވަޑޯޒްވާ މިންވަރަށް ދީގެން ތިރީސް މީހަކު މަރާލި ކަމަށް މީގެ ކުރިން ކޯޓުގައި އެއްބަސްވެފައިވާ ނީލްސް އެޗްގެ މައްޗަށް ސާބިތުވެފައި ވަނީ ދެ މީހެއްގެ މަރެވެ. އޭނާ އުމުރަށް ޖަލަށް ހުކުމްކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ.
އޭގެ ފަހުން ފުލުހުން ވަނީ ނީލްސް ފަރުވާ ދިން 99 މީހެއްގެ ޕޯސްޓްމޯޓަމް ހަދާފަ އެވެ. އަދި އޭގެ ތެރެއިން ހިތުގެ ބޭސް ބޭނުން ނުވާ 27 މީހެއްގެ ހަށިގަނޑުން ހިތުގެ ބައްޔަށްދޭ ބޭހުގެ އަސަރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުން މަރުވެފައި ވަނީ 2003ކާއި 2005ކާ ދޭތެރޭގަ އެވެ. ނީލްސް މަސައްކަތްކޮށްފައިވާ އެހެން ކްލިނިކްތަކުން މަރުވެފައިވާ 200 ވަރަކަށް މީހުންގެ މަރުވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ އޭޕްރިލް މަހު ބުނެފަ އެވެ.
ހަތާވީސް މީހަކު މެރުމުގެ ކުށް ނީލްސްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އޭނާ ވެގެން ދާނީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޖަރުމަނުން އެންމެ ގިނަ މީހުން މަރާފައިވާ އެކަކަށެވެ. (ބީބީސީ)