23 Jun 2016, 15:40
ގިނަ ދުވަސްތަކެއްގެ މެދު ކެނޑުމަކަށް ފަހު ސްރީލަންކާ އިން އަނެއްކާ ވެސް ޔޫރަޕްގެ ގައުމުތަކަށް މަސް އެކްސްޕޯޓް ކުރަން ފަށައިފި އެވެ.
ލަންކާގެ ފިޝަރީޒް މިނިސްޓަރު މަހިންދާ އަމަރަވީރާ ބޭރުގެ ބައެއް މީޑިއާތަކަށް ވިދާޅުވީ މަސް އެކްސްޕޯޓް ކުރުމުގެ ހުއްދަ އަލުން ލިބުނުތާ އެއް ހަފުތާ ފަހުން ފުރަތަމަ ޝިޕްމަންޓް ފޮނުވާފައި ވަނީ ނެދަލޭންޑްސް އަށް ކަމަށެވެ. އެ ޝިޕްމަންޓް ނެދަލޭންޑްސް އަށް ފޮނުވީ އިއްޔެ އެވެ.
އޭނާ ވިދާޅުވީ އީޔޫގެ އެހެނިހެން ގައުމުތަކަށް ވެސް މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
ލަންކާ އިން މަސް އެކްސްޕޯޓް ކުރުން 2014ގެ އޮކްޓޯބަރުގައި މަނާ ކުރުމުން ލަންކާގެ ސީފުޑް އެކްސްޕޯޓް މިދިޔަ އަހަރު ވަނީ 35.5 ޕަސެންޓް ދަށަށް ގޮސްފަ އެވެ.
ސީފުޑް އެކްސްޕޯޓް ކޮށްގެން 2014 ވަނަ އަހަރު ލަންކާ އަށް 252.7 މިލިއަން ޑޮލަރު ލިބުނެވެ. ނަމަވެސް މިދިޔަ އަހަރު ލިބިފައި ވަނީ 163.1 މިލިއަން ޑޮލަރެވެ. ތާޒާ އަދި ފިނިކުރި ކަނޑު މަހާއި ހިބަރު ޔޫރަޕަށް އެންމެ ގިނަ އިން އެކްސްޕޯޓް ކުރާ ގައުމަކަށް ލަންކާ ވާއިރު އެ ބާވަތުގެ އެކްސްޕޯޓުން ލަންކާ އަށް 2013 ވަނަ އަހަރު ވަނީ 83.4 މިލިއަން ޑޮލަރު ލިބިފަ އެވެ.
ޔޫރަޕިއަން ޔޫނިއަންގެ މިންގަނޑުތަކަށް ލަންކާ އިން އަމަލު ކުރާ މިންވަރު ބެލުމަށް ފަހު މަސް އެކްސްޕޯޓް ކުރުމުގެ ހުއްދަ އީޔޫ އިން ލަންކާ އަށް ދިނީ މިމަހު 17 ވަނަ ދުވަހު އެވެ.