23 Jun 2016, 15:32
ނޯޓް: މިވާހަކައަކީ، މިހާރުގެ ދުނިޔޭގެ ހާލަތަށްބަލައި، ފުރަތަމަ ނަޒަރުން ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މިވާހަކަ ލިޔުމުގައި މަސްދަރަކަށް ބަލައިފާވާނީ، ޚަބަރުފަތުރާ ވަސީލަތްތަކާއި، ގޫގުލް މެޕެވެ.
---------------------------
އަހަރެންގެ އުމުރުން އޭރު 21 އަހަރެވެ. އާއިލާގާ ތިބީ އަހަރެންގެ މަންމައާއި ބައްޕަގެ އިތުރުން އަންހެން ކޮއްކޮއެކެވެ. މީހަކާ އިނުމުގެ ހިޔާލެއް ވިސްނުމެއް ފިކުރެއް އަހަރެން ނުގެންގުޅެމެވެ. ސިރިޔާގެ ރައްޔިތުންނަށް ދިމާވެފައިވާ ހިއްދަތި ހާލާމެދު އަހަރެން އަބަދުވެސް ވިސްނަމެވެ. ބަރާބަރަށް ސީރިޔާގެ ޚަބަރުތައް ބަލަމެވެ. ފޭސްބުކު ސުޓޭޓަސްގައި ސީރިޔާގެ ރައްޔިތުންނަށް ހަމްދަރުދީވެ މެސެޖުތައް ލިޔަމެވެ. ސީރިޔާގެ ވެރިކަމުގެ މައްޗަށް ބަދުބަސްތައް ލިޔަމެވެ. އަހަރެންނަށް ސީރިޔާއަށް ދިއުމަށް ހުށައެޅުނު ފޯނުކޯލު ލިބުނީވެސް، މިގޮތުގައި އަހަރެން ކުރިއަށް ދަނިކޮށެވެ. އަހަރެން ވިސްނާނެކަމަށްބުނީމެވެ. އެކޮޅުން ވާހަކަދެއްކި މީހާ، ފަހުން ގުޅާނެކަމަށްބުނެ ފޯނު ކަނޑާލިއެވެ. ނަމަވެސް، ފަހުން އެނަންބަރަކަށް ނުގުޅުނެވެ.
ބަރާބަރު ހަފުތާއެއްފަހުން ދެވަނަ ކޯލު ލިބުނެވެ. އަދި އެއީ އިންޓަނެޓް މެދުވެރިކޮށް ކުރާ ކޯލުތަކެއްކަމަށާއި އެނަންބަރުތަކަށް ނުގުޅޭނެކަމަށް އަހަރެންގެ ކައިރީގައި ބުންޏެވެ. އަދި މިވާހަކަ ނުދެއްކުމަށާއި، ވީ އެންމެ އަވަހަކަށް އިންޑިޔާއަށް އައުމަށް ދައުވަތު ދިނެވެ. ޚަބަރުފަތުރާ ވަސީލަތްތަކުން އެނގިފައިވާ ގޮތުގައި ސީރިއާއަށް ދިއުމަށް ރާއްޖޭގެ މީހުން ބޭނުންކުރަނީ، އިންޑިޔާއާއި ލަންކާކަން އަހަރެންނަށްވެސް ވަނީ އެނގިފައެވެ.
އަހަރެންގެ ޝައުގުވެރިކަންވީ އިތުރެވެ. ރަށުން ފުރައިގެން މާލެ ދިޔައީމެވެ. ރަހުމަތްތެރިއަކާ ބައްދަލުކޮށްލަން ކަމަށް ބުނުމަށްފަހުއެވެ. އަދި އަހަރެންނަށް ލިބިފައިވާ އިރުޝާދާ އެއްގޮތަށް ދަރުބާރުގޭ ކައިރިއަށް ދިޔައީމެވެ. އެތަނުން އަހަރެންނާ ބައްދަލުކުރީ ބަޝީރެކެވެ. އަސްލުނަމެއްކަމެއް ޔަޤީނެއްނޫނެވެ. އޭނާ އަހަރެންނަށް ލިޔުންތަކެއް ދިނެވެ. އެއީ ޑޮކުޓަރީ ރިޕޯޓުތަކެއް ކަމަށާއި، އެއީ އަހަރެންނާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ 'ފޭކު' ރިޕޯޓުތަކެއްކަމަށް އޭނާ ބުންޏެވެ. އޭނާ އިރުޝާދުދިނީ އެ ލިޔުންތައް ހިފައިގެން ނޫނީ އިންޑިޔާއަށް ނުދިއުމަށެވެ. އަދި އިންޑިޔާގެ އެޑުރެސްއެއްވެސް އޭނާ ދިނެވެ. އެއަށްފަހު އޭނާ، އަހަރެންގެ އައިޑީ ކާޑުގެ ފޮޓޯއެއް ނެގިއެވެ. އަދި ބަންދުކޮށްފައިވާ ސިޓީ އުރައެއް ދިއްކޮށްލިއެވެ. އޭގައި 2000 ޑޮލަރު އޮންނާނެކަމަށް ބުންޏެވެ. އިންޑިޔާއަށް ދެވުމުން މީހަކު ބައްދަލުކުރާނެކަމަށާ، އޭނާ އަހަރެންނަށްވެސް ގޮވާލާނީ 'ބަޝީރު' އޭ ކިޔާފައިކަމަށް ބުންޏެވެ.
މާލެ ދެވުނުތާ ބަރާބަރު 3 ވަނަ ދުވަހު އަހަރެން ފުރުމުގެ ކަންތައް ހަމަޖެހިއްޖެއެވެ. ހުރިހާ ކަމެއްވެސް ނިމެނީ ނުހަނު ފަސޭހަކޮށެވެ. އަހަރެންނަށް ކަމެއް ދަތިވެގެން އުޅޭކަށް ނުޖެހެއެވެ. ވިސާއާއި ޕާސްޕޯޓް ކަންތައްވެސް ނުހަނު ފަސޭހަކޮށް ހަމަޖެހުނެވެ. މަންމަ އާއި ބައްޕައަށް ގުޅުމަށްފަހު ރަހުމަތްތެރިޔާއާ އެކުގައި އިންޑިޔާއަށް ދާންޖެހޭކަމަށް ބުނީމެވެ. މަންމައާއި ބައްޕައަށް ދޮގުހެދުމަކީ ކިހާބޮޑު ގޯހެއްކަން އެނގިހުރެއެވެ. ނަމަވެސް އަހަރެންނަށް މިވަގުތަށް އެކަން މަޖުބޫރެވެ. މަންމަ ޝަކުވާ ކުރިއެވެ. ބައްޕަ ސުވާލުތައް ކުރިމަތިކުރުވިއެވެ. ނަމަވެސް، ހުއްދަ ލިބުނެވެ. އޭރު އަހަރެންނަށް މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަމާމެދު، މާބޮޑަށް ވިސްނައެއް ނުލަމެވެ.
އަހަރެން ދަތުރުކުރަމުންދިޔަ މޯލްޑިވިއަންގެ ފުލައިޓް އިންޑިޔާގެ ޓުރިވެންޑުރަމަށް ޖެއްސިއެވެ. އެއާރޕޯޓުގެ ތެރެއިން ނުނިކުމެވި އުޅެނިކޮށް އަހަރެންނާ މަހުމޫދުއާ ބައްދަލުވެއްޖެއެވެ. އޭނާ އަހަރެންނާ މުހާތަބުކުރީ 'ބަޝީރު'ގެ ނަމުންނެވެ. އަހަރެން ހުރުމަށް ހާއްސަވެފައިވާ ހޮޓަލަށް އަހަރެން ގެންދެވުނެވެ. އެއީ ބޮޑު ތަނަވަސް ކޮޓަރިއެކެވެ.
އެރޭގެ 9 ޖެހިފަހުން، ނަމާދުކޮށް ނިންމިތަނާ، އަހަރެންގެ ކޮޓަރީގައި މީހަކު ޓަކިދިނެވެ. ދޮރުމަތީގައި ހުރީ މަހުމޫދުއެވެ. އޭނާ އަހަރެންނަށް ދިއްކޮށްލީ ބަންދުކޮށްފައިވާ އުރައެކެވެ. އެއަށްފަހު އަނގައިން ބުނުމެއްނެތި ހިނގައްޖެއެވެ. ކަނޑާނުލެވި އުޅެނިކޮށް އޭގެ ތެރެއިން ފޯނެއް ރިންގުވާން ފަށަފިއެވެ. އަހަރެން އެއުރަ ކަނޑާލުމަށްފަހު، އަވަސްއަވަހަށް ފޯނު ނެގީމެވެ. ވާހަކަ ދެއްކީ ކުރިންވެސް ދަންނަ އަޑުންނެވެ.
"މިހާރު ތިޔަހުރި ހިސާބުން ވަރަށް ވިސްނައިގެން އުޅޭތި. މާ ބޮޑަށް ހާސްނުވާތި. މާދަމާ ތުރުކީގެ އިސްތަންބޫލަށް ފުރަންވީ. އެތަނުން ދާނީ ކިލިސްއަށް. ފުރިހަމަކުރަންޖެހޭ ހުރިހާ 'ޑޮކިއުމެންޓެއް' ފުރިހަމަކޮށްފައި ހުންނާނީ... ޓިކެޓުވެސް އޮންނާނެ. ޗެކިން ފެށޭނީ މެންދަމު 1 ޖަހާއިރު. މަހުމޫދު އަންނާނެ ބަލާ. އެއާރޕޯޓަށްގޮސް، ތުރުކީއާ ބެހޭ މަޢުލޫމާތު ހުރި ފޮތް ކިޔަންވާނެ. ތުރުކީއަށްދަނީ ކީއްކުރަންތޯ ސުވާލުކޮށްފާނެ. ބުނޭ، ބައެއް ތާރީހީ ތަންތަން ބަލާލާށޭ. ކޮންތަންތަނެއްތޯ އަހާފިޔާ އަހަރެން ދީފައިވާ ފޮތް ދައްކާ. އެފޮތުގައި ހުންނާނެ ކިލިސްއާ ކައިރި ބައެއް އާސާރީ ތަންތަނުގެ މަޢުލޫމާތު." އަހަރެންގެ ސުވާލަކަށް، ޖަވާބަކަށް ބެލުމެއްނެތި ފޯނު ކަނޑާލިއެވެ. ނުގުޅޭނެކަން ޔަޤީންވާތީ ނުގުޅަމެވެ.
ގަތަރު އެއާރވޭސްގެ ފުލައިޓް ޓުރިވެންޑުރަމް އިން ނައްޓާލީ ފަތިހު 4:05 ގައެވެ. އެތަނުން، ހަތަރު ގަޑިއިރާ 25 މިނިޓްގެ ދިގު ދަތުރަކަށްފަހު ގަތަރުގެ ވެރިރަށް ދޯހާގެ ހަމަދު އިންޓަރނޭޝަނަލް އެއާޕޯޓަށް ފުލައިޓް ޖެއްސިއެވެ. އެއީ ތަނަވަސް އެއާރޕޯޓެކެވެ. އެހާމެ ބޮޑެވެ. އެތަންވަނީ ވަރަށްބޮޑަށް ޒީނަތްތެރިކޮށްފައެވެ. ގަތަރު މުއްސަނދިކަމާ ހައިބަތު އެއާޕޯޓު ޓާމިނަލްއިން އެކަނިވެސް ދައްކައިދެއެވެ. ހާލުގައި ޖެހިފައިވާ މުސްލިމުންނާމެދުގައި މިމީހުންވެސް ވިސްނާނެނަމައޭ ހިތަށް އެރިއެވެ. އެއާރޕޯޓުގައި ބަރާބަރު 1 ގަޑިއިރާ 35 މިނިޓް މަޑުކުރުމަށްފަހު، ތުރުކީގެ އިސްތަންބޫލަށް ދިއުމަށް ދަތުރު ފެށުނެވެ. އަނެއްކައިވެސް ދިގު ދަތުރެކެވެ. އިސްތަންބޫލުގެ އެއަރޕޯޓަށް ފުލައިޓް ޖެއްސީ 4 ގަޑިއިރާ 45 މިނިޓްގެ ދިގު ދަތުރަކަށް ފަހުއެވެ. ޓާމިނަލް ތެރެއަށް ވަދެވުނުއިރު އެތަނުގައި ބަހައްޓާފައިހުރި ގަޑިން މެންދުރު 12:30 ހިނގީއެވެ. އިންޑިޔާއަށް ހަމަކޮށްފައިވާ އަހަރެންގެ އަތުކުރީގަނޑިން އޭރު މެންދުރުފަހު 3 ޖެހީއެވެ. ގަޑީގެ ބޮލަށް އަނބުރާލާ ގަޑި ހަމަކޮށްލީމެވެ.
ބަޝީރު ގެ ނަމުން ގޮވާލުމުން އަހަރެން ބަލައިލީމެވެ. ލިބުނީ ހައިރާން ކަމެކެވެ. ކައިރީގައިހުރީ އިންޑިޔާއިން ބައްދަލުވި، މަހުމޫދެވެ. ތަފާތަކީ އޭނާގެ ތުނބުޅި ތުނިތުނިކޮށް ކޮށާލާފައިވުމެވެ. މާގިނަވަގުތު މަޑުކުރާކަށް ބޭނުމެއްނުވިއެވެ. ބޭރަށް ނިކުތުމަށްފަހު ހާއްސަކޮށްފައިވާ ބަހެއްގައި އަހަރެމެން ތިބެން ކަނޑައަޅާފައިވާ ހޮޓަލަށް ދިއައީމެވެ. ފެންވަރާ، ނަމާދުކުރުމަށްފަހު ދެމީހުންވެސް ދިޔައީ އެއްޗެއް ކާލުމަށެވެ.
ފިނިހޫނުމިން ފުދޭވަރަކަށް ދަށެވެ. ގާތްގަނޑަކަށް 16 ޑިގުރީއަށް ފިނިހޫނުމިން ދަށްކަމަށް ބެލެވެއެވެ. މަގުތަކުގައި ކޮންމެވެސް މިންވަރަކަށް ދުންފިނީގެ އަސަރު ހުއްޓެވެ. އަހަރެމެން ދިޔަ ރެސްޓޯރެންޓަކީ، ތިބި ހޮޓަލާ މާދުރުނޫން ރެސްޓޯރެންޓެކެވެ. ރެސްޓޯރެންޓް ހަދާފައިވަނީ 'ވަޔަށް ހުޅުވައިލާފަ' އެވެ. ތިރީގައިވަނީ ރަތްގާ އަތުރާފައެވެ. ފާރުތައް ރާނާފައިވަނީވެސް ރަތް ގަލުންނެވެ. އެތަނުގައި ދެޖިންސުގެ ފަތުރުވެރިން ތިއްބެވެ.
ރެސްޓޯރެންޓުގައި މާގިނަވަގުތު ހޭދައެއް ނުކުރަމެވެ. އިޝާނަމާދަށް ގޮވުމުގެ ކުރިން ގެއަށް އައީމެވެ. އެރޭގެ ނިދުންވީ އުނދަގޫ ކަމަކަށެވެ. އަބަދުވެސް ވިސްނެމުންދަނީ ސީރިޔާއަށްގޮސް ދެން ދިމާވެދާނެ ކަންތައްތަކާ މެދުގައެވެ. އެތަނުގެ ވީރާނާވެފައިވާ މާހައުލު އަބަދުވެސް ލޮލަށް ސިފަވެއެވެ. އަނެއްފަރާތަށް އެނބުރިލާ ނިދަން މަސައްކަތްކުރީމެވެ. މަންމައާއި ބައްޕަ މަތިން ހަނދާންވާން ފެށިއެވެ. އެމީހުން އެކަނިވެރިވާނެކަން ހިތަށް އެރިއެވެ. މަންމަގެ ހިތުގައި ޖައްސައި މިގޮތަށް އައިސްގެން އުޅުމަކީ ރަނގަޅުކަމެއްނޫންކަމަށް ހިތްބުނަންފެށިއެވެ. މަންމައަށް ޚިދުމަތްކޮށްދިނުން މާމުހިއްމުކަމަށް ބުނެދޭން އަހަރެންގެ ހިތް މަސައްކަތްކުރާ ފަދައެވެ. ދަތުރުގެ މިހާ ހިސާބުން އަހަރެންނަށް ގޯސްކޮށް ކަމެއް ކުރެވޭކަހަލަ އިހުސާސެއްކުރެވުނެވެ. އަހަރެންނަށް ރޮވެން ފެށުނެވެ. އެރޭގެ ނިދި އަހަރެންނާ މުޅީން ވަކިވެއްޖެއެވެ.
އޭގެ އަނެއްދުވަހު މާގިނަ ވަގުތު ހޭދަނުކޮށް ދަތުރުކޮށްފައި ދިޔައީ އިސްތަންބޫލުން ތުރުކީގެ ކިލިސްއަށެވެ. ގަޒިއަންޓެޕް އެއާރޕޯޓަށް ފުލައިޓް ޖެއްސީ ގާތްގަނޑަކަށް 1 ގަޑީއިރާ 45 މިނިޓުގެ ދަތުރަކަށްފަހުގައެވެ. ބަހުގައި ދަތުރުކޮށް ކިލިސްގައި އަހަރެމެން ތިބުމަށް ހަމަޖެހިފައިވާ މާތޫރު ހޮޓަލަށް ދެވުނީ ގާތްގަނޑަކަށް 50 ވަރަކަށް މިނިޓް ދަތުރުކޮށްފައެވެ. އެއީ ތިންތަރީގެ ހޮޓަލެކެވެ. މިހުރިހާ ވަގުތެއް ހޭދަކުރިއިރު އަހަރެން ބަހެއްނުބުނަމެވެ. ބައެއް ފަހަރު މަހުމޫދު އަހަރެންނާ ސުވާލުކޮށްލައެވެ. ކަމެއް ނުވާކަމަށްބުނެ އަހަރެން އެވަގުތަށް އެސުވާލަށް ޖަވާބުދީ ނިންމާލަމެވެ.
ތުރުކީގެ ކިލިސްއަށް އައިތާ ދެވަނަ ދުވަހުގެރޭ 12 ޖަހާ ކަންހާއިރު ފޯނުކޯލެއް ލިބުނެވެ. ފޯނަށް ޖަވާބުދިނީ މަހުމޫދެވެ. އަހަރެންނަށް ހަމައެކަނި އެންގީ 'ރެޑީ' ވުމަށެވެ. އަދި އަހަރެމެން ބަލާ އަންނަކަންވެސް އެންގިއެވެ. ކިލިސްއިން ދަތުރުކޮށް ސީރިއާގެ ބޯޑަރު ހުރަސްކުރުމަކީ މިހާރު ފަސޭހަކަމަކަށް ނުވާނެކަން އަހަރެންނަށް ޔަގީނެވެ. ނަމަވެސް، މަހުމޫދުގެ ކިބައިން ހާސްކަމެއްނުފެނެއެވެ. ދަބަހަށް އެއްޗެހި އަޅާ ތައްޔާރުވެއްޖެއެވެ. އަހަރެންނަށްވެސް އަތުކުރީގައިވާ ގަޑި ދައްކާލަމުން އަވަސްކުރުމަށް ބުންޏެވެ.
ދަތުރުކުރަމުން ދިއައީ ކުޑަކުޑަ ބަހެއްގައެވެ. ހަނދުވަރުގެ އަލީގައި ބަސްދަތުރުކުރަމުންދިޔަ މަގު ސާފުކޮށް ފެންނަން އޮތެވެ. ވަކި ހިސާބަކަށް ދަތުރުކުރުމަށްފަހު، އަހަރެންގެ މޯބައިލް ފޯން ކޮބައިތޯ މަހުމޫދު ސުވާލުކުރިއެވެ. އަހަރެން ފޯނު ނެގުމުން، އެންމެ ފަހު މެސެޖު އާއިލާ މީހުންނަށް ވައިބާ ކުރުމަށް ބުންޏެވެ. އަހަރެން ލޯ މަރާލާ ހިންދިރުވާލީމެވެ. މާގިނަ ވަގުތެއް ނެތެވެ. ވައިބާ ކޮށްލީމެވެ.
"ދުނިޔެއަކީ ވަގުތީތަނެކެވެ. ތޮށަލި ދުޅައަށް ހިނގާ ތަނެކެވެ. އަހަރެންނަށްވެސް އަހަރެންނަށް މިކުރެވޭ ކަންތަކާ ބައެއްފަހަރު ސުވާލު ކުރަވެއެވެ. އެކަމަކު އަހަރެން މިހިރީ ސީރިޔާ ގައެވެ. މަންމާއެވެ. މަންމަގެ ހިތް ސާފުވާނެކަމަށް ހީކުރަމެވެ. ބާއްޕާއެވެ. އަހަރެންނަށް މާފުކުރާށެވެ." މެސެޖު ފޮނުވާލުމާ އެކުގައި، މަހުމޫދު އަހަރެންގެ ފޯނު އަތުލިއެވެ. ފޯނު ނިވާލުމަށްފަހު ސިމްކާޑު ނެގިއެވެ. އަދި ދަތުން ދަތްއަޅާ ބިންދާލުމަށްފަހު، ސިމްކާޑު އެއްލާލިއެވެ. އަތުގެ ކޮޅަށް ފޯނުވެސް ހުރާލިއެވެ. އަހަރެން ބުނަންބޭނުންވާ އެތައް ވާހަކައެއް އެބަހުއްޓެވެ. އަހަރެން މަންމަގެ މަތިން ހަނދާންވާ ވާހަކައެވެ. މަންމަގެ ކައިރިއަށް ދާން ބޭނުންވާ ވާހަކައެވެ. އަހަރެންގެ ލޮލުން ކަރުނަ ނީރާލިއެވެ. މަހުމޫދު އަހަރެންނަށް ހާސްނުވުމަށް އެންގިއެވެ.
ބަހުގެ ބޮކިތައް ނިއްވާލިއެވެ. ކުއްލިއަކަށް ދަތުރުކުރަމުންދިޔަ މަގުގެ ވައަތްފަޅިން، ގަސްތަކުގެ ތެރެއަށް ބަސް އަނބުރާލިއެވެ. އަޑިގުޑަން ގިނަ ނަމަވެސް، ޑުރައިވަރުގެ ފަރިތަކަން ބަހުގެ ލޮޅުންތައް ކުޑަމިންވަރަކަށްނަމަވެސް، މައިތިރިކޮށްދެއެވެ. ގާތްގަނޑަކަށް 20 މިނިޓު ދުއްވުމަށްފަހު، ބަސް މަޑުކޮށްލީ ގަސްތައް ގިނަ ސަރަހައްދަކަށެވެ.
ބަހުން ފޭބުމަށް އިޝާރާތް ލިބުމާއެކުގައި، ބަހުން ފޭބީމެވެ. ފޭބުމާ އެކުގައި ބަސް އައިކޮޅަށް އަނބުރާލިއެވެ. މަހުމޫދުއާއެކުގައި، ގަސްތަކުގެ ތެރެއިން ކުރިއަށް ހިނގައިގަތީމެވެ. މިދަނީ ކޮންތާކަށްތޯ ސުވާލުކުރުމުން، ނޭފަތުގައި ކަނާއަތު ޝަހާދު އިނގިލި ޖައްސާލައި، ވާހަކަ ނުދެއްކުމަށް އޭނާ އިޝާރާތް ކުރިއެވެ. އިތުރު ލަފުޒެއް ނުބުނެ އަހަރެންވެސް އޭނާގެ ފަހަތުން ކުރިއަށް ދިއައީމެވެ. ގާތްގަނޑަކަށް ފަސްމިނިޓްފަހުން، ޓެންޓެއް ޖަހާފައިވާ ސަރަހައްދަކަށް އާދެވުނެވެ.
އެތަނުގައި ފަނަރަވަރަކަށް ފިރިހެނުން ތިއްބެވެ. އެންމެންވެސް އަހަރެމެންނާ ކޮނޑާކޮނޑު ޖައްސާ ސަލާމް ކުރިއެވެ. އެތަނުން ހަތަރުވަރަކަށް މީހުން އިނގިރޭސި ބަހުން ވާހަކަ ދައްކައެވެ. އެމީހުން އަހަރެންގެ ގޮތް އޮޅުންފިލުވިއެވެ. 'މޯލްޑިވުސް' އޭ ބުނުމުން އެތަނުން އެކަކަށް ފިޔަވާ ދެންތިބި މީހުންނަށް އެނގުނެވެ. އަދި ގިނަ އަދަދެއްގެ ޖިހާދީން އުޅޭތޯ ނުވަތަ އެކަމަށް ގަޔާވާ މީހުން އުޅޭތޯ ސުވާލުކުރިއެވެ. އަހަރެން ބޯ ހޫރާލީމެވެ.
އަހަރެންނަށް ރަޖާ ގަނޑަކާ، ފެންއަޅާފައިވާ ކަންވާރެއް ދިނެވެ. އެތައްޔާރުކޮށްފައިވަނީ، ލެދަރުންނެވެ. އެންމެންވެސް ފޭލިގެ ނަގާ ކުރިއަށް ހިނގައިގަތީ ފައިމަގުގައެވެ. ގަސްތަކުގެ ތެރެއިން ކުރިއަށް ދިއައީ މަޑުމަޑުންނެވެ. ގަސްތައް ވަނީ ވަކިތަރުތީބަކުންނެވެ. ޖަންގައްޔެކޭ ކިޔާވަރަށްވުރެ ހައިކޮށެވެ. އެކަކު އަނެކަކާ ވާހަކަ ދެއްކިކަމުގައިވިޔަސް ކޮންމެ މީހަކުވެސް ވާހަކަ ދައްކަމުން ދިއައީ ވަރަށް މަޑުންނެވެ.
އަހަރެންގެ އަތުކުރީގަޑި ބަލައިލީމެވެ. ތުރުކީގެ ގަޑިއާ ހަމަކޮށްފައިވާ ގަޑިން ދަންވަރު ތިނެއް ޖަހަނީއެވެ. ދުނިޔެމަތީގެ ތެތްފިނިކަމުން ލުޔެއްދެނީ ބޮލާއެކު ކަނދުރާ ނިވާކޮށްލެވިފައިވާ ގަލުފެހިކުލައިގެ ރަޖާގަނޑުންނެވެ. ކުރިއަށް ހިނގާތާ ގާތްގަނޑަކަށް 2 ގަޑިއިރުވަރުފަހުން، ފަޖުރުއްސާދިގުގެ އަލިކަން އިރުމަތީފަރާތު އުދަރެހުން ފާޅުވާން ފަށައިފިއެވެ. އޭރު އުސްކޮށް ހަދާފައިވާ ޓަވަރެއްގެ ތަންކޮޅެއް ދުރުގައި ފެންނަންހުއްޓެވެ.
ވުޟޫކުރުމަށްފަހު އެންމެންވެސް ޖަމާއަތުގައި ފަތިސްނަމާދު ކުރީމެވެ. އެއަށްފަހު އެތަނުން އެންމެ އިސްކޮށްހުރި މީހާ އަރަބި ބަހުން ކަމަށް ވަރަށްބޮޑަށް ޔަޤީންވާ ބަހަކުން އެންމެންނާ މުހާތަބުކޮށް ވާހަކަ ދެއްކިއެވެ. ކީ އެއްޗެއް އަހަރެންނަކަށް އޮޅުމަކުން ނުފިލައެވެ. ވާހަކަ ދައްކާ ނިމުމަށްފަހު އެތަނުން އެކަކަށް އިޝާރާތް ކުރިއެވެ. އެމީހާ އަރަބިބަސް ނޭނގޭ މީހުން ރަނގަޅަށް އަޑުއެހުމަށް އިނގިރޭސިބަހުން ވާހަކަ ދައްކަން ފަށަމުން ބުންޏެވެ.
"މިހާރު މިތިބީ ސީރިޔާގެ ބޯޑަރާ ވަރަށް ކައިރީގަ. ކުރިމަތިން އެފެންނަ ޓަވަރަކީ ތުރުކީ ސިފައިންގެ ޓަވަރެއް. އެމީހުންގެ ތެރޭގައި އަހަރެމެންނަށް އެހީތެރިވާ މީހުން ތިބޭނެ. އަހަރެމެން ހާސްވާކަށް ނުޖެހޭނެ. ނަމަނަމަ ދުއްވާ ނުގަންނާތި. އެންމެންވެސް އެހިސާބަށް ދާންވާނީ ދެއަތް މައްޗަށް އުފުލައިގެން. ކުރީގައި ހުންނަ މީހާއަށް ތަބާވީމާ ހުރިހާ ކަމެއް ބަރާބަރުވާނެ." ވާހަކަ ރަނގަޅަށް ނުނިމެނީސް ކުރިއަށް ހިނގައިގެންފިއެވެ. އަހަރެން ފުރަތަމަ ފަހަރަށް، އެނބުރި ރާއްޖެއަށްދާން ބޭނުންވާ ވާހަކަ މަހުމޫދުއަށް ހާމަކުރީމެވެ. އޭނާ އިރުކޮޅަކު އަނގައިން ނުބުނެ ހުއްޓެވެ. އަދި އަހަރެންނަށް ދިމާއަށް ބަލައިލުމަށްފަހުގައި ބޯހޫރާލިއެވެ. އަދި އެކަން ވާން ނެތްކަމުގައި ބުންޏެވެ.
ޓަވަރައިގާތްވުމުން، ކުރީގައި ހުރިމީހާ ރަތްކުލައިގެ ކުޑަކުޑަ ދިދައެއް މައްޗަށް އުފުލައިލިއެވެ. އިރުކޮޅަކުން އަހަރެމެންގެ ކައިރިއަށް ތުރުކީ ސިފައިންގެ ދެމީހަކު އައެވެ. އެމީހުން ތިބީ ހަތިޔާރާ އެކުގައެވެ. އަހަރެންގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ބައެއްފަހަރު ފައިކޮޅުން ވަރުދޫވާހެންވެސް ހީވިއެވެ. އެމީހުން މާގިނަވާހަކައެއް ނުދައްކައެވެ. އެންމެން ގުނާލުމަށްފަހު 450 ޑޮލަރު ދިނުމަށް ބުންޏެވެ. އަހަރެންނަށް މިކަންވީ އަޖާއިބަކަށެވެ. ތުރުކީއާ ސީރިޔާގެ ސަރަހައްދީ ރޮނގު ހުރަސްކުރުމަކީ މިހާ ފަސޭހަ ކަމަކީތޯ ހިތާހިތާ ސުވާލު އުފެދުނެވެ.
ދަމާފައިވާ ނަރުދާ ބޮޅުތަކުގެ ތެރެއިން ސީރިޔާގެ ބިމުގައި ފައިބީއްސީމެވެ. އެފަރާތަށް އެންމެން ބަދަލުވެ ނުނިމެނީސް އިތުރު ބަޔަކު އައިސް އަހަރެމެންގެ ގުރޫޕާ ގުޅިއެޖެއެވެ. އެމީހުންވެސް ތިބީ ރަތްކުލާގެ ދިދައެއް ހިފައިގެންނެވެ. އެއްބަޔަކު އަނެއްބަޔަކާ ސަލާމްކުރުމަށްފަހުގައި، ކުރިއަށް ހިނގައިގެންފީމެވެ. އޭރު އިރު އަރަނީއެވެ. މާގިނަ އިރަކު ހިނގާގަށް ނުޖެހުނެވެ. ހަތިޔާރު އަޅައިގެން އާދައިގެ ހެދުމުގައިތިބި ދިހަވަރަކަށް މީހުންގެ ގުރޫޕަކުން އަހަރެމެންނާ ބައްދަލުކުރިއެވެ. އަހަރެމެންނަށް ހާއްސަކޮށްފައިވާ ބަހުގައި ދަތުރުކޮށް އަހަރެމެން ދިޔައީ އަލްބާބު ކިޔާ ސަރަހައްދަކަށެވެ. އެތަނުގައި ހަރުކޮށްފައިވާ ބޯޑުން އެކަން އެނގެއެވެ.
ފަރުބަދަތަކުގެ ތެރެއަށް ވަދެވުމާއެކުގައި އެންމެން ބަހުން ފޭބުމަށް އެންގިއެވެ. އެތަނުން ބައްދަލުކުރިމީހުން އަހަރެމެންނަށް މަރުހަބާ ކިޔެވެ. ކުރިން ހަތިޔާރު ފެނުނީ ލޮލަށެވެ. ނަމަވެސް، މިފަހަރު މިލިބުނީ އަތްލާށެވެ. ބަޑި އުފުލާލުމަށްފަހުން އެންމެން ބަޑިތައް ތިރިކޮށްލިއެވެ. އަހަރެމެންވެސް އެގޮތަށް އަމަލުކުރީމެވެ.
އަހަރެމެން ނިދާނެ ތަން ދެއްކިއެވެ. ހުރިހާކަމެއް ހަމަޖެހިފައިވަނީ، ފަރުބަދަ ތަކުތެރޭ ބިންގަރާސް ތަކުގައެވެ. ޓުރެއިނިންގެ ކަންތައްތައް ފެށުނީ އެދުވަހުގެ ހަވީރުއެވެ. އަހަރެމެން ގުޅުނު ގުރޫޕުގެ އަތުގައިހުރި ހަތިޔާރުތައް ދައްކާލިއެވެ. ހަތިޔާރުތަކުގެ ބޭނުންތަކާއި، ބޭނުންކުރަންޖެހޭ ހާލަތު ސާފު އިނގިރޭސި ބަހުން ކިޔައިދިނެވެ.
ހަނގުރާމާގެ ތެރެއަށް އަހަރެމެން ނެރުނީ އެއްވެސް އިދިކޮޅު ހަމަލާއެއް ލޮލަށް ނުފެނިއެވެ. އެހާވެސް އެސަރަހައްދު އަމާނެވެ. މުޅި ސަރަހައްދުގައި ވަނީ އަހަރެމެންގެ ބާރެވެ. އަހަރެމެން ފޮނުވުމަށް ހަމަޖެހުނީ، ރައްގާއަށެވެ. އެއީ ހަނގުރާމާގެ ކަންތައްތައް އެންމެ ބާރަށް ހިނގަމުންދާ ސަރަހައްދެވެ.
މިއަދު އަހަރެން މިހުރީ އެހަނގުރާމާގެ ތެރޭގައެވެ. ކޮންމެ ދުވަހަކުވެސް އަހަރެންގެ ލޮލުގެ ކުރިމަތީގައި އެތައްބަޔަކު މަރުވެގެން ގެނެވެއެވެ. ހުދު އަހަރެންނަށްވެސް އަނިޔާ ލިބޭ ފަހަރުތައް މަދެއްނޫނެވެ. ރަޝިޔާގެ މަތިންދާބޯޓުތަކުން އަޅަމުންދާ ބޮންތަކުގެ ނުރައްކާ މިއަދު އަހަރެންމެންނަށް ވަރަށްބޮޑެވެ. ނަމަވެސް މިހާރު، ބޮމާއި ބަޑީގެ އަޑަކީ، އަހަރެންނަށް އައު އަޑުތަކެއްނޫނެވެ. ރަށަށް ދިއުމަށް އަހަރެން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް، އެނބުރިދެވޭނެ އެއްގޮތެއްވެސް ނެތެވެ.
-ނިމުނީ-