ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްގައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ދީފައިވާކަން އެގައުމުގެ ސަރުކާރުން ދިވެހި ސަރުކާރަށް ރަސްމީކޮށް އަންގައިފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިކަން ހާމަކޮށްދެއްވީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ.

ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ފޮނުއްވީ އެމަނިކުފާނު މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމުގެ ބޭނުމުގައި، ދިވެހި ސަރުކާރުން ދިން ޚާއްސަ އިނާޔަތެއްގެ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

އެކި ފަހަރު މަތިން މެޑިކަލް ލީވް އިތުރުކުރެއްވުމަށް ފަހު އިނގިރޭސި ސަރުކަރުގެ ސިޔާސީ ހިމާޔަތް ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތްކަން އެމަނިކުފާނުގެ ވަކީލުން ހާމަކުރެއްވީ 22 މެއި ވަނަ ދުވަހު އެވެ.

އެދުވަހުން ފެށިގެން، ދިވެހި ސަރުކާރުން ވަނީ މިކަމާ ގުޅޭ ގޮތުން ޔޫކޭ ސަރުކާރުގެ ރަސްމީ ބަހެއް ހޯދެއްވުމަށް މަސައްކަތް ކުރައްވާފަ އެވެ.

މިއަދު ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ މީގެ ގާތްގަނޑަކަށް މަހެއްހާ ދުވަސް ކުރިން ދިވެހި ސަރުކާރުން މިކަމާ ބެހޭ ގޮތުން އިނގިރޭސި ވިލާތުގެ ފޮރިން އޮފީހަށް ފޮނުއްވި ސިޓީގެ ޖަވާބު ދިވެހި ސަރުކާރަށް ލިބިފައިވާ ކަމަށެވެ.

"މިހާރު އެ ސިޓީގެ ޖަވާބު ލިބިއްޖެ. ޖަވާބުގައި ވިދާޅުވަނީ [ނަޝީދަށް] ޕޮލިޓިކަލް އެސައިލަމް ލިބިވަޑައިގެންފައިވާ ކަމަށް. އެއްވެސް ވަރަކަށް ތަފްސީލެއް ނުދެއްވާ، މިއީ ކޮން އިރަކު ލިބިވަޑައިގެންނެވި އެސައިލަމެއް ކަމެއް،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ޚާއްސަ ހާލަތެއްގެ ގޮތުން ރައީސް ނަޝީދު ރާއްޖެ އިން ބޭރަށް ފޮނުއްވީ، ފަރުވާއަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން، ޖަލު ހުކުމުގެ ބާކީ ބައި ތަންފީޒު ކުރާނެ ކަމަށް އިގުރާރުވެ ސޮއިކޮށްފައި ކަމަށެވެ.

"ސިއްހީ ފަރުވާއެއް ހޯދުމަށް ވަރަށް އެކްސެޕްޝަނަލް ގޮތަކަށް ދިވެހި ސަރުކާރުން ދިން ހުއްދައެއްގައި ޔޫކޭއަށް ވަޑައިގެންނެވި އިރު ވަނީ އިގުރާރެއްގައި ސޮއިކުރައްވާފައި، އަނބުރާ ރާއްޖެ ވަޑައިގެން، ރިމެއިންޑާ އޮފް ދަ ސެންޓެންސް [ހުކުމުގެ ބާކީ ބައި] ސާވް ކުރައްވާނެ ކަމަށް. ކަން އޮތް ގޮތަކީ މިއީ،" ދުންޔާ ވިދާޅުވި އެވެ.