ރާއްޖޭގެ ނައިބު ރައީސް ކަމަށް އިއްޔެ އައްޔަން ކުރެއްވި ކުރީގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދަށް އެމްޑީއޭ އިން މަރުހަބާ ކިޔައިފި އެވެ.

އެމްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ނަންފުޅުގައްޔާއި ޕާޓީގެ ކައުންސިލް މެމްބަރުންގެ ނަމުގައި ޖިހާދަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ގާނޫނު އަސާސީގެ 117 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާފަދައިން ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާ މަސައްކަތްތައް އިޚްލާސްތެރިކަމާއި އަމާނާތްތެރިކަމާ އެކު އަދާކުރުންމަތީ ތެދުނިޔަތުގައި ޖިހާދު ދެމިހުންނާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އެމްޑީއޭގެ ބަޔާނުގައިވެ އެވެ.

ޕީއެމާއި އެމްޑީއޭ ކޯލިޝަންގެ ވެރިކަމުގައި ދިވެހި ރައްޔިތުން މިއަދު ދެކެމުންދާ ތަރައްގީގެ އާރޯ ކަމާއި ފެހިކަން މިހާރަށްވުރެ ވެސް ހަރު ދުވެލީގައި ރައްޔިތުންނަށް ހާސިލުކޮށްދެއްވުމަށް ރައީސް ޔާމީންގެ މުލައްދަނޑިފުޅަށް ލެވޭ ބާރު އިތުރުކުރެއްވުމަށް ސާބިތުކަމާ އެކު ރައީސްގެ އަރިހުގައި ޖިހާދު ހުންނަވާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ވަނީ އެމްޑީއޭގެ މަސައްކަތް ތަރުތީބު ކުރެވިފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިން ރައީސް ޔާމީންގެ ސަރުކާރަށް ދޭން ޖެހޭ އެންމެހައި އެއްބާރުލުން އެންމެ ފުރިހަމަގޮތުގައި ދިނުމަށް ކަމަށެވެ.