23 Jun 2016, 14:19
މުދާ ބަރުކޮށްގެން ދިޔަ ސަޕްލައި ދޯންޏެއް ހުޅުލެ ކައިރި އަށް އަޑިޔަށް ހިނގައްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން މަންޒަރު ދުށް މީހަކު މިއަދު ބުނީ ހުޅުލެ އާއި މާލެ އާ ދޭތެރެއިން ދަތުރުކުރި ސަޕްލައި ދޯނި މީގެ ކުޑައިރުކޮޅެއް ކުރިން އަޑިޔަށްގޮސްފައިވާ އިރު އޭގައި ތިބި މީހުން އެމްޓީސީސީގެ ލޯންޗަކަށް ނަގާފައިވާ ކަމަށެވެ. އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެދޯނި އަޑިޔަށް ދިޔަކަމަށް ބެލެވެނީ ކޮޅިގަނޑެއްގައިޖެހިގެން ކަމަށެވެ. އެސަރަހައްދުގައި މިހާރު ދަނީ ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަމުންނެވެ.
މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި އެދޯނި އަޑިޔަށްގޮސް އެތައް މުދަލެއް ވަނީ ކަނޑަށް އެޅިފަ އެވެ. ބޮޑަށް ބެލެވެނީ ރިސޯޓް ސަޕްލައި ދޯންޏެއް ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑަށް ބޮޑަށް ބެލެވެނީ ރިސޯޓަކަށް ދިޔަ ދޯންޏެއް ކަމަށް، ވަރަށް ގިނަ އަދަދަކަށް ކުކުޅު ކޭސްތަކެއް ހުރި، އެހެންވީމަ ސަޕްލައި ދޯންޏެއްކަމަށް ލަފާ ކުރެވެނީ." އޭނާ ބުންޏެވެ.