ސްވިޑެންގެ ގައުމީ ޓީމްގެ ކެޕަޓަން ޒްލަޓަން އިބަރަހިމޮވިޗު ފަދަ ކުޅުންތެރިއެއް ދެން އެ ގައުމުން ނުފެންނާނެ ކަމަށް ކޯޗު އެރިކް ހަމްރެން ބުނެފި އެވެ.

ފްރާންސްގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ގައުމީ ޓީމުން ކުޅުން ހުއްޓާލާނެ ކަން އިއުލާން ކޮށްފައިވާ އިބްރަހިމޮވިޗަށް މިހާރު ވަނީ މުބާރާތް ނިމިފަ އެވެ. ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން އެއް ވަރުވެ އިޓަލީގެ އިތުރުން ރޭ ބެލްޖިއަމް އަތުން 0-1ގެ ނަތީޖާ އަކުން ސްވިޑެން ބަލިވުމުން އެއް ޕޮއިންޓާ އެކު ސްވިޑެން ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ.

"ސްވިޑެން ކަހަލަ ކުޑަ ގައުމަކުން ދެން އިބްރަހިމޮވިޗު ކަހަލަގެ ކުޅުންތެރިއެއް ނުފެންނާނެ. އޭނަ އަކީ ފެށުނީއްސުރެން ތަފާތު ދައްކަމުން އަންނަ ތަފާތު ކުޅުންތިރިއެއް. ދަނޑު މަތީގައި ދަނޑު ބޭރުން ވެސް އޭނާ ވެފައިވަނީ ތަރިއަކަށް،" ހަމްރެން ބުންޏެވެ.

އެ މުބާރާތުގެ ގުރޫޕް ސްޓޭޖުން ސްވިޑްން ކަޓާފައިވާ އިރު އެންމެ ފަހުން ކުޅުނު ތިން މުބާރާތުގައި ގޯލް ކާމިޔާބުކޮށް ޕޯޗުގަލްގެ ކުރިސްޓިއާނޯ ރޮނާލްޑޯގެ ފަހަތުން ޖެހި ޖެހިގެން ހަތަރު މުބާރާތުގައި ގޯލު ޖެހުމުގެ ރިކޯޑް ހޯދަން ކެތްމަދުވެފައިވާ ހުރި އިބްރަހިމޮވިޗަށް މި ފަހަރުގެ މުބާރާތް ވެފައިވަނީ ނާކާމިޔާބް މުބާރާތަކަށެވެ.

"މިއީ ވަރަށް އުނދަގޫ ވަރަށް ނުތަނަވަސް ވަގުތު ކޮޅެއް. ޔޫރޯ ގައި މިޓީމާ އެކު ކުޅެލުމަކީ ލިބުނު ވަރަށް ބޮޑު ފަހަރެއް. އަނެއްކޮޅުން މިޓީމާ އެކު ވަރަށް އުފާވެރި ހިތްހަމެ ޖެހޭ ދުވަސްތަކެއް ހޭދަކޮށްފައި މިވަނީ،" ގައުމީ ޓީމަށް އިބްރަހިމޮވިޗު ރޭ ކުޅެދިން ފަހު މެޗަށް ފަހު އޭނާ ބުންޏެވެ.

ގައުމީ ޓީމާ އެކު ބޮޑު ކާމިޔާބީއެއް ނުހޯދުނު ނަމަވެސް 2001 ވަނަ އަހަރުން ފެށިގެން ސްވިޑެންގެ ގައުމީ ޓީމަށް ކުޅުން ފެށި އިބްރަހިމޮވިޗް ވަނީ ކުޅުނު 62 މެޗުގައި 116 ގޯލު ކާމިޔާބުކޮށްފަ އެވެ.