23 Jun 2016, 14:10
ރޯދަމަހުގެ ފަހު ދިހައެއްގައި އިއުތިކާފަށް ތިބުމުގެ އިންތިޒާމު ބައެއް މިސްކިތްތަކުގައި ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޯދަ މަހުގެ ފަހު ދިހައެއްގައި އިއުތިކާފަށް ތިބުމުގެ އިންތިޒާމު މާލޭގެ 12 މިސްކިތެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހަމަޖައްސާފައިވާ ކަމަށެވެ.
އިއުތިކާފަށް ތިބުމުގެ ކަންކަން ހަމަޖައްސާފައިވާ މިސްކިތްތަކަކީ އިސްލާމީ މަރުކަޒު، ނޫރު މިސްކިތް، ޝަހީދު އަލީ މިސްކިތް، އިބްރާހިމް މިސްކިތް، އިބްރާހިމް އިސްކަންދަރު މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް، މަސްޖިދް މުހައްމަދު ބިން އިބްރާހިމް، މަސްޖިދް ހަސަން އިއްޒުއްދީން، މަސްޖިދް މުހައްމަދު ފަރީދުލް އައްވަލް، ސަލާހުއްދީން މިސްކިތް އަދި ފުރުގާން މިސްކިތުގެ އިތުރުން ޖަލާލުއްދީން މިސްކިތެވެ.
އޮފިޝަލް ވިދާޅުވީ އިއުތިކާފަށް ތިބޭ ވަގުތުތަކުގައި މިސްކިތްތަކުގެ ހުރުމަތް ކެނޑޭފަދަ ކަންކަން ނުކުރުމަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން އިލްތިމާސް ކުރާ ކަމަށެވެ.
އެއީ މާތް އަޅުކަމަކަށްވާ އިރު އެ އަޅުކަމުގައި ފުރިހަމައަށް މަސްއޫލުވުމަށް ވެސް އެ މިނިސްޓްރީން ނަސޭހަތްތެރިވެ އެވެ.
އޮފިޝަލް ވިދާޅުވީ މިހާރު ވެސް ދަންވަރު ރޭ އަޅުކަމުގައި ތިބޭ ވަގުތުތަކުގައި ލެޕްޓޮޕް ފަދަ ތަކެތި ހިފައިގެން ފިލްމް ބަލަން ތިބޭކަމުގެ ޝަކުވާ އެ މިނިސްޓްރީ އަށް އެކި ފަރާތްތަކުން ހުށަހަޅާ ކަމަށާއި އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.