19 May 2011, 10:27
ފިޝަރީޒް ޓީޗަރަކު ނެތިގެން ގއ. ގެމަނަފުށީ ސްކޫލްގައި މިއަދު ބާއްވަން އޮތް ފިޝަރީޒް ސައިންސް ޓެސްޓް ކެންސަލް ކޮށްފި އެވެ.
ގެމަނަފުށީ ސްކޫލްގެ ދަރިވަރުންގެ ބެލެނިވެރިންގެ ތެރެއިން މީހަކު ނަން ނުޖެހުމަށް އެދި ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ބުނީ، ޓެސްޓް ކެންސަލްކުރި މައްސަލާގައި އޭނާއާ އެކު ގިނަ އަދަދެއްގެ ބެލެނިވެރިން ސްކޫލްގައި ޝަކުވާކޮށްފައި ވާނެ ކަމަށެވެ. އަދި އެކަމަށް ހައްލެއް ނައިސްފި ނަމަ މުޒާކުރުމަށް ބެލެނިވެރިން ތައްޔާރަށް ތިބި ކަމަށް ވެސް އޭނާ ބުންޏެވެ.
"ފިޝަރީޒް ސައިންސް ޓީޗަރު ފޮނުވާލިތާ ކިތަންމެ ދުވަހެއް ވެއްޖެ. އިތުރު ޓީޗަރެއް ހޯދީކީނޫން. އަދި ޓެސްޓް ވެސް ކެންސަލްކުރީ. ދެން ޓެސްޓް އޮންނާނެ ދުވަހެއް އެނގެނީކީނޫން. އަދި ޓެސްޓް އޮންނާނެކަން ވެސް އެނގެނީކީނޫން. މިއީ އަޅުގަނޑުމެންގެ ދަރިންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް. މިކަންކަމާ ހަވާލުވެގެންތިއްބެވި ބޭފުޅުން މި ކަންކަން ހައްލު ކުރަން ޖެހޭނެ،" އެ ބެލެނިވެރިޔާ ބުންޏެވެ.
ގެމަނަފުށީ ސްކޫލް މިވަގުތު ހިންގުމާ ހަވާލުވެ ހުންނެވި ނާފިޒު ހަސަން ވިދާޅުވީ، މިއަދު ބާއްވަން އޮތް ފިޝަރީޒް ސައިންސް ޓެސްޓް، ޓީޗަރު ނެތުމުގެ ސަބަބުން ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި އެ ސްކޫލްގައި ކުރިން ހުރި ފިޝަރީޒް ނައިންސް ޓީޗަރު ފުރާފައިވާތާ ތިން ހަފްތާ ވެއްޖެ ކަމަށާއި ޓީޗަރެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އެކިފަހަރުމަތިން އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޓީޗަރު ފުރައިގެން ދިޔަތާ ތިން ހަފްތާވެއްޖެ. ޓީޗަރެއް ހޯދުމަށް އަޅުގަނޑުމެން ކެނޑިނޭޅި މަސައްކަތް ކުރަމުން މި ދަނީ. އެތައް ފަހަރަކު އެޑިއުކޭޝަންގައި އެދިފައި ވާނީ. ނަމަވެސް އެ ބޭފުޅުން ދެއްވީމާތާ ލިބޭނީ،" ނާފިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލާގައި ގިނަ އަދަދެއްގެ ބެލެވިވެރިންނާއި ދަރިވަރުން ޝަކުވާ ކުރަމުންދާ ކަމަށެވެ. އެހެންކަމުން މިހާރު ނަގަމުންދާ ޓެސްޓްތައް ނިމުމުން ފިޝަރީޒް ސައިންސް ޓެސްޓް ނެގުމަށް ވިސްނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.