23 Jun 2016, 13:45
ވޮޝިންޓަން (ޖޫން 23): ބަޑި ވިއްކުން ކޮންޓުރޯލް ކުރުމާ ބެހޭ ވޯޓަކަށް ގޮވާލައި އެމެރިކާގެ ވެރިކަން ކުރާ ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުން ކޮންގްރެސްގެ ތިރީގޭގައި އިހުތިޖާޖު ކުރަން ފަށައިފި އެވެ.
އޯލަންޑޯގެ ކްލަބެއްގައި މިދިޔަ ހަފްތާގައި ބަޑިން ހަމަލާދީ 49 މީހަކު މަރާލުމާ ގުޅިގެން ބަޑި ކޮންޓްރޯލު ކުރުމާ ބެހޭ ގަވާއިދުތައް ހަރުކަށި ކުރުމަށް ގޮވާލައި ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން އިއްޔެ ފަށާފައިވާ އިހުތިޖާޖުގައި އިސްވެ ހުންނެވީ އެޕާޓީގެ މެމްބަރެއް ކަމަށްވާ ޖޯން ލުއިސް އެވެ. އޭނާ އަކީ 1960ގެ އަހަރުތަކުގައި އެމެރިކާގައި މަދަނީ ހައްގުތަކަށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ރައީސް ބަރަކް އޮބާމާ ވަނީ ބަޑި ވިއްކުން ކޮންޓްރޯލް ކުރުމަށް "އެންމެ ބޭނުންވާ ވަގުތު" އެކަމަށް މަސައްކަތް ކުރެއްވަމުން ގެންދަވާތީ 76 އަހަރުގެ ލުއިސްއަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
ނަމަވެސް، ކޮންގްރެސްގެ ތިރީގޭގެ ރައީސް އަދި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެމްބަރު ޕޯލް ރަޔާން ވަނީ އެއީ "މީޑިއާ ސްޓަންޓެއް" ކަމަށް ވިދާޅުވެ، އެފަދަ ވޯޓެއް ނުބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވަނީ އިހުތިޖާޖުގެ މީޑިއާ ކަވަރޭޖް ހުއްޓުވުމުގެ ގޮތުން ތަޅުމުގެ ކެމެރާތައް ނިއްވާލާފަ އެވެ. ނަމަވެސް، ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އިހުތިޖާޖު ސްޓްރީމް ކުރަން ފަށައިފަ އެވެ.
ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުން ބޭނުން ވަނީ މިހަފްތާއަށް ފަހު މަޖިލިސް ޗުއްޓީއަށް ދިޔުމުގެ ކުރިން ވޯޓުލުން ބާއްވާށެވެ. ނަމަވެސް، މިހަފްތާ ތެރޭގައި ބަޑި ކޮންޓްރޯލް ކުރުމާ ބެހޭ ހަތަރު ބިލެއް ސެނެޓަށް ހުށަހެޅި ނަމަވެސް އެހަތަރު ބިލުވެސް ވަނީ ސެނެޓުން ބޭރުކޮށްލާފަ އެވެ. (ބީބީސީ)