23 Jun 2016, 13:37
ރޯދަމަހުގެ އެއްބައި މިހާރު ގޮސްފައިވާ އިރު، މިހާ ހިސާބަށް އައި އިރު މަސް މާރުކޭޓުގައި ފަރުމަސް، ހާއްސަކޮށް ރަތްމަސް މަދެވެ. ބައިފޫޓު ހުންނަވަރުގެ ރަތްމަހެއް ވެސް ލިބެނީ ހާލަކުން ފަހަރަކު އެވެ. އަދި ބަދިގޭގައި އާންމުކޮށް ކައްކަން ބޭނުންކުރާ ލައްޓި ފަދަ މަސްތައް މިހާ ހިސާބަށް އައި އިރު މަސް މާރުކޭޓުގައި މަދު ނަމަވެސް، ފާހަގަކޮށްލެވޭ ވަރަކަށް މިއަދު އެ ދެބާވަތް ލިބެން އެބަހުއްޓެވެ.
މަސްމާރުކޭޓަށް ބަލާއިރު މިއަދު އެންމެ ބޮޑަށް ލޮލުގައި އަޅައިގަތީ އެތަނުގައި އަތުރާލާފައި ހުރި ތާޒާ، ފަލަ ރަތްމަސްތަކެވެ. އަގުތަކަށް ބަލާއިރު ފޫޓެއް ހަމަވާވަރުގެ ތާޒާ ރަތްމަހެއް އުޅެނީ ގާތްގަނޑަކަށް 150 ރުފިޔާ އަށެވެ. ގާތްގަނޑަކަށް ދޮޅުފޫޓު ހުންނަ ވަރުގެ ރަތްމަހެއް 200 ރުފިޔާ އާއި 300 ރުފިޔާއާ ދެމެދުގެ އަގެއްގައި ވިއްކާ އިރު ދެފޫޓަށްވުރެ ބޮޑު ރަތްމަހެއް ވިއްކަނީ 350 ރުފިޔާ އަށެވެ.
މަސްމާރުކޭޓުގައި ރަތްމަސް ވިއްކަން ހުރި މަސްވެރިއަކާ ވާހަކަ ދައްކާލުމުން ބުނީ، "ރޯދި ހުރި ތަނެއްގައި ޖެއްސުމުން ރަނގަޅު މަސްގަނޑަކާ ލައްވާލީ،" ކަމަށެވެ. އޭނާ ބުނި ގޮތުގައި ތ. އަތޮޅު ހިސާބުގެ ފަރުތަކުން މިހާރު ފަރުމަސްވެރިކަން ރަނގަޅެވެ. ކުރިއަށް އޮތް ދެތިން ދުވަހެއްގައި ފަރުމަސް ލިބޭނެކަމަށް އޭނާ ބުންޏެވެ.
ފަރުމަހުގެ އެހެން ބާވަތްތައް މާރުކޭޓުގައި މިއަދު މަދެވެ. އެގޮތުން ގިއުޅު، ހަނދި، ގިނިމަސް އަދި ފިލޮޅު ފަދަ މަސްތައް ނެތެވެ. ބޯވަ ކޮންމެވެސް ވަރަކަށް ހުރި އިރު، ބޯވައެއް ވިއްކަނީ 80 ރުފިޔާ އާއި 150 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.
ކަނޑުމަހުގެ ބާވަތްތަކަށް ބަލާލާ އިރު މިއަދު ބާޒާރުގައި ލައްޓި ތިޔާގިކަން ފާހަގަކޮށްލެވެ އެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ބާޒާރުގައި ލައްޓި މަސް މަދެވެ. މިއަދު ގާތްގަނޑަކަށް ފޫޓެއް ހަމަވާވަރުގެ ލައްޓި ފުދޭވަރަކަށް ގިނައިން ލިބެން ހުރި އިރު، 20 ރުފިޔާ އަށް ފޫޓެއް ހަމަނުވާ ވަރުގެ ތާޒާ ލައްޓިއެއް ވިއްކަ އެވެ.
ގާތްގަނޑަކަށް ފޫޓެއް ހަމަވާވަރުގެ ކަނޑުމަހެއް 80 ރުފިޔާއަށް މަހެއް ވިއްކާ އިރު، ކިރާފައި ކިލޯއެއް ވިއްކަނީ 40 ރުފިޔާ އާއި 50 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ. ދެ ކަނޑުމަސް ގަންނަ ނަމަ ފޫޓެއް ހަމަނުވާވަރުގެ ދެމަސް 150 ރުފިޔާ އަށް ވިއްކަ އެވެ.
ކަންނެލި މަހަށް ބަލާލާއިރު މީގެކުރިން މަސް މާރުކޭޓުން މި ރޯދަމަހު ނުފެންނަ ކަންނެލީގެ ބާވަތެއްކަމަށްވާ ލޯބޮޑު ކަންނެލި ލިބެން އެބަހުއްޓެވެ. އެ މަހުގައި ގާތްގަނޑަކަށް ފޫޓެއް ހަމަވާއިރު އެއީ އާދައިގެ ރީންދޫ އުރަހަ ކަންނެއްޔަށް ވުރެ ފަލަ މަހެކެވެ. އެއިން މަހެއް ވިއްކަނީ 30 ރުފިޔާ އަށް ކިލޯއެކެވެ.
ފޫޓެއް ހުންނަ ވަރުގެ ރީންދޫ އުރަހަ ކަންނެއްޔެއް ވިއްކަނީ 40-50 ރުފިޔާ އަށް ކިލޯއެކެވެ. މަސްވެރިން ބުނީ މަސްވެރިކަން މި ދުވަސްވަރު ރަނގަޅު ކަމަށެވެ.