ކަސްޓަމަރެއްގެ މައުލޫމާތު ލީކުކުރި ކަމަށް ބުނެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމް ދޫކޮށްލަން ހައިކޯޓުން އަމުރުކޮށްފި އެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ މިހާތަނަށް 12 ފަހަރަށް ގާސިމްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ގާސިމްގެ ބަންދުގެ މުއްދަތު އިތުރު ކުރި އަމުރުގައިވާގޮތުން ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކުރީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އަމަލަކީ ބޭންކިން ނިޒާމްގެ އިތުބާރަށާއި ޕްރައިވެސީއަށް ބުރޫއަރާފަދަ ކަމެއް ކަމަށް ވާތީ އާއި ތަހުގީގަށް ހުރި ގޮންޖެހުންތަކެއްގެ ސަބަބުންނެވެ.

ހައިކޯޓުގެ ހުކުމްގައި ވަނީ އޭނާ ހެކި ނައްތާލަން މަސައްކަތްކޮށްފާނެ ކަމަށް ބެލެވޭފަދަ އެކަށީގެންވާ ސަބަބެއް ފުލުހުން ކޯޓަށް ހުށަހަޅާފައިނުވާ ކަމަށެވެ. އެހެންކަމުން ގާސިމް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކަނޑައަޅާފަ އެވެ.