އިއްޔެ ޔޫޓިއުބުގައި ރިލީޒް ކުރި ޝިރީޝް ކުންދަރުގެ ކުރު ފިލްމު 'ކްރިތީ' އަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެ އެވެ.

އަށާރަ މިނެޓުގެ އެ ފިލްމަކީ ސައިކޮލޮޖިކަލް ތުރިލާ އެކެވެ. އެ ފިލްމުން ފެނިގެންދާނީ މިދިޔަ އަހަރު ނުކުތް ކުރު ފިލްމު 'އަހަލްޔާ' ގެ ލީޑު ރޯލުން ފެނިގެން ދިޔަ ހުނަރުވެރި އެކްޓްރެސް ރާދިކާ އަޕްޓޭ އާއި މަނޯޖް ބާޗްޕާއީ އަދި ނޭހާ ޝަރްމާ އެވެ.

އެ ފިލްމު ބިނާކޮށްފައި ވަނީ މަނޯޖް (ސަޕަން)ގެ ދިރިއުޅުމުގައި ހިނގާ ހަގީގީ ކަންތައްތަކާއި ޚިޔާލީ ކަންތައްތަކެއްގެ މައްޗަށެވެ. މަނޯޖް އެ ފިލްމުގައި ކުޅެނީ ލިޔުންތެރިއެއްގެ ރޯލެވެ. ރާދިކާ އަކީ އޭނާގެ ޑޮކްޓަރު އަދި އެކުވެރިއެކެވެ.

ކްރިތީގެ މަންޒަރެއްގައި މަނޯޖް އަދި ރާދިކާ --

އިއްޔެ ރިލީޒްކުރި އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު ބޮލީވުޑުގެ ކާމިޔާބު އެކްޓަރުންނާއި ޑައިރެކްޓަރުން ވެސް ވަނީ ފިލްމު ބެލުމަށް ފަހު ފިލްމަށް ތައުރީފު ކުރަމުންނެވެ.

ކުރު ފިލްމެއް ނަމަވެސް، އެ ފިލްމު ނިމެންދެންވެސް، ބެލުންތެރިންގެ ޝައުގުވެރިކަން ހިފަހައްޓަ އެވެ. އަދި ފިލްމު ނިމޭ އިރު އަސްލަކީ ކޮބައިކަމާ މެދު ސުވާލު އުފެދެ އެވެ.

ފިލްމުގެ ޑައިރެކްޓަރު ޝިރީޝް އަކީ މީގެ ކުރިން 'ޖާނެމަން' އަދި 'ޖޯކަރު' ފަދަ ދިގު ފިލްމުވެސް އުފައްދާފައިވާ މީހެކެވެ. ނަމަވެސް އެއީ މާ ކާމިޔާބު މަސައްކަތަކަކަށް ވެގެން ގޮސްފައެއް ނުވެ އެވެ.