ޗައިނާގެ ކުންމިންގްގައި މިދިޔަ ހަފްތާގައި ބޭއްވި ޗައިނާ ސައުތު އޭޝިއާ އެކްސްޕޯ 2016 ރާއްޖެއަށް ކާމިޔާބު ނޫން ކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ބުނެފި އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް މިއަދު ސަން އަށް ވިދާޅުވީ ޗައިނާގައި އުފައްދާތަކެތީގައި "މޭޑިން މޯލްޑިވްސް" ޖަހައިގެން ޗައިނާއަށް ގެންގޮސް ވިއްކުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށާއި އެފެއާ ކާމިޔާބު ކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ.

"މިހާބޮޑު ހަރަދެއްކޮށްގެން ހުރިހާ އެންމެންގޮސްގެން ކުރާއިރުގައި އޭގެ އައުޓްކަމެއް ލިބެންޖެހޭ، ކުންމިންގައި ބައިވެރިވި މީހުންނާއި އެބައިވެރި ކުރި އެއްޗިސް އަހަރެމެންގެ ވިޔަފާރިއޮތް ގޮތަށް ބަލާއިރަކު ނުވާނެ." އާސިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުންމިން އަކީ ރާއްޖެއަށް އެހާތަކެތި އެތެރެކުރާ ސިޓީއެއް ނޫން ކަމަށާއި އެހެންކަމުން އެގައުމުގައި ބޭއްވި އެފެއާއިން ރާއްޖެ އަށް ފުރުސަތުތަކެއް ލިބިގެންނުދާ ކަމަށެވެ.

ބޮޑު ހަރަދުކޮށްގެން އެފަދަ ފެއާތަކުގައި ބައިވެރިވުމުގެ ބަދަލުގައި ޓޫރިޒަމް ފެއާތަކުގައި ބައިވެރިވުން މާމުހިންމު ކަމަށް އާސިފް ވިދާޅުވި އެވެ.

އެފެއާއާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ އެފެއާ ވަރަށް ކާމިޔާބު ކަމަށާއި މަހުގެ ބާވަތްތަކުގެ އިތުރުން ރާއްޖެ އިން ގެންދިޔަ އެހެންތަކެއްޗަށް ވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި އަދި ދިވެހި ޕްރޮޑަކްޓްތަކަށް ގެންނަން ޖެހޭ ބަދަލުތައް ވެސް އެނގިގެން ދިޔަ ކަމަށް ތައުފީގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އެކްސްޕޯ ވެގެންގޮސްފައި ވަނީ ރާއްޖޭގެ ޕުރޮޑަކްޓްތަކާއި ރާއްޖެ އިސްތިހާރު ކުރުމަށް ލިބުނު "ރަނުގެ" ފުރުސަތަކަކަށް ކަމަށެވެ.

މިފަހަރު ކުންމިންގް ފެއާގައި ރާއްޖޭގެ ފަރާތުން 100 އަށް ވުރެ ގިނަ މަންދޫބުންގެ ޑެލެގޭޝަނެއް ބައިވެރިވި އެވެ. އޭގެ ތެރޭގައި ސަރުކާރުގެ އޮފިޝަލުންނާއި އިންޑަސްޓްރީ ޕާޓްނަރުންނާއި ޕަފޯމަރުންނާޢި އަތްތެރި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ޝެފުންނާއި ކުރެހުންތެރިން ފަދަ ފަންނާނުން ހިމެނެ އެވެ.