ޤައުމުގެ އިޤްތިޞާދު މިހާ ބޮޑަށް ހީނަރުވެފައި ވަނީ ސަރުކާރުގެ ޚަރަދުކުރުމުގެ ސިޔާސަތުގެ ސަބަބުން ކަމަށް ދިވެހި މަރުކަޒީ ބޭންކް، އެމްއެމްއޭ އާ ހަވާލާދީ އަދާލަތު ޕާޓީން ބުނެފި އެވެ.

ޤައުމުގެ އިޤްތިސާދީ ހާލަތާ މެދު މަޝްވަރާކޮށްލުމަށް ޓަކައި އެމްއެމްއޭއާ އެކު އަދާލަތު ޕާޓީން އިއްޔެ ބޭއްވި ބައްދަލު ވުމަށް ފަހު އެ ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް ފެށުނީއްސުގެ އެމްއެމްއޭ އިން ސަރުކާރަށް ދަންނަވާފައިވާނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު ޑރ. ފަޒީލު ނަޖީބު ވިދާޅުވެފައިވާ ކަމަށެވެ. އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު އައިއެމްއެފްގެ ރެކަމަންޑޭޝަކީ ވެސް އެއީ ކަމަށް ގަވަރުނަރު ވިދާޅުވި ކަމަށް ވެސް އަދާލަތުގެ ބަޔާނުގައިވެ އެވެ.

"އެ ކަންތައްތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދު މިހާބޮޑަށް ހީނަރުވުމުން ދެން ހެދެން އޮތް ގޮތެއްކަމަށް އެމްއެމްއޭ އިންނާއި އައިއެމްއެފް އިން ވެސް ލަފާދިން އެއްކަމަކީ ކޮންޓްރޯލްކުރެވިފައިވާ ބޭންޑެއްގެ ތެރޭގައި ޑޮލަރު ފްލޯޓް ކޮށްގެން ޤައުމުގެ އިޤްތިޞާދު ރަނގަޅު ކުރުމުގެ މަސައްކަތް ފެށުން" ކަމަށް ވެސް އަދާލަތު ޕާޓީގެ ބަޔާނުގައިވެ އެވެ.
އަދާލަތު ޕާޓީގެ ބަޔާނުގައި އަދި ބުނެފައި ވަނީ، އެމްއެމްއޭގެ އިހްތިސާސްގެ ތެރެއިން ކުރަމުންދާ ކަންކަން ކައިރި މުސްތަޤްބަލުގައި އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ޑރ. ފަޒީލު ނަޖީބު ވިދާޅުވި ކަމަށެވެ. ނަމަވެސް އެކަމަށް ދެމެހެއްޓެނިވި ޙައްލެއް އަންނާނީ ސަރުކާރުން ކުރާ ޚަރަދުތައް މަދުކޮށް، އާމްދަނީ އިތުރުވާނޭ ގޮތްތައް ހޯދައިގެން ކަމަށާއި، ސިޔާސީ ގޮތުން ޤައުމަށް ހަމަޖެހުން އައިސްގެންކަން ގަވަރުނަރު ފާހަގަ ކުރެއްވި ކަމަށް ވެސް އަދާލަތު ޕާޓީން ބުނެފައިވެ އެވެ.

އެ ބަޔާނުގައި އަދާލަތު ޕާޓީން ބުނެފައި ވަނީ، ޤައުމުގެ އިޤްތިސާދު ރަނގަޅު ކުރުމުގެ ގޮތުން ބޭރުގެ ފަރާތްތަކުން ހުށަހަޅާ ކޮންމެ ކަމެއް ބަލައިގަތުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށާއި، ދިރާސާ ކުރުމަށް ފަހު ގައުމަށް އެންމެ ފައިދާ ހުރި ކަންކަން ބަލައި ގަތުމަށް އެ ބައްދަލުވުމުގައި އެމްއެމްއޭ އަށް ލަފާދީފައި ވާނެ ކަމަށެވެ.