23 Jun 2016, 12:24
އެޕަލްގެ އައިފޯން 7 މި އަހަރުގެ ތެރޭގައި ރިލީޒް ކުރާނެ ކަމަށް ބެލެވޭ އިރު، އެ ފޯނު ހުންނާނެ ގޮތް ބަލާލުމަށް ގިނަ ބަޔަކު ދަނީ ޝައުގުވެރިވަމުންނެވެ.
ބެލެވޭ ގޮތުގައި އައިފޯން 7 ގެ ޑިޒައިނަށް މާ ބޮޑު ބަދަލެއް ނާންނާނެ އެވެ. އެ ހުންނާނީ އައިފޯން 6 އަދި 6 އެސް ވެސް ހުންނަ ގޮތަށެވެ. އެހެން ނަމަވެސް ކުޑަކުޑަ ބަދަލެއް އަންނާނެ އެވެ. އެއީ ފޯނުގެ ތިރީގައި ހުންނަ، ހެޑްފޯން ޖަހާ ޖެކު ނެތުމެވެ.
އައިފޯން 7ގައި ހެޑްފޯނު ޖަހާ ޖެކު ނީންނަ ނަމަ، އޭގެ މާނައަކީ ފޯނު ކުރިޔަށް ވުރެ ބޮޑަށް ތުނި ވާނެ އެވެ. އަދި އެ ފޯނު ވޯޓާ ރެސިސްޓަންޓް ކޮށްލެވިދާނެ އެވެ.
ހެޑްފޯން ޖަހަން ޚާއްސަ ޖެކެއްގެ ބަދަލުގައި، ހެޑްފޯނު ޖަހަން ޖެހޭނީ ފޯނު ޗާޖުކުރަން ބޭނުންކުރާ ޕޯޓަށެވެ. މާނައަކީ، އައިފޯން 7ގައި ބޭނުންކުރަން ޖެހޭނީ މުޅިން އާ ހެޑްފޯނުތަކެވެ. ކުރީގެ ހެޑްފޯނުތައް ބޭނުން ނުކުރެވޭނެ އެވެ. އެހެން ނަމަވެސް ޗާޖަރު ޖަހާ ފޯނު ނުވަތަ "ލައިޓްނިން ކަނެކްޓާ"އަށް ހެޑްފޯނު ޖެހުމުން އޯޑިއޯ ކޮލިޓީ މާ ރަނގަޅު ވާނެ ކަމަށް ބެލެވެ އެވެ.
އެޕަލްއިން މިފަދަ ބަދަލެއް މި އަހަރު ނެރޭ ފޯނަށް ގެންނަ އިރު، އަންނަ އަހަރުގެ ތެރޭގައި އެޕަލްއިން ނެރޭ ފޯނުގައި މުޅިން އާ ޓެކްނޮލޮޖީތަކެއް ހިމަނާނެ ކަމަށް ބެލެވެ އެވެ.