23 Jun 2016, 11:54
السّيّدة برّةرضى اللّـهعنــهاއެހެންވިދާޅުވުމުން އެވާހަކަ މުޅި މައްކާގައި މަޝްހޫރުވިއެވެ. މީހުން އެކިސިފަސިފައިގައި އެވާހަކަ ދައްކާންފެށިއެވެ. އެކަމާގުޅިގެން މިދަންނަވާ އާޔަތް ބާވައިލެއްވިއެވެ.
"އަދި މުއުމިން އަންހެނަކު އެމީހެއްގެ އަމިއްލަ ނަފްސު ނަބިއްޔާއަށް ހިބަކޮށްދީ، އަދި ނަބިއްޔާ އެމީހަކާ ކާވެނިކުރެއްވުމަށް ޤަޞްދުކުރައްވައިފިނަމަ، އެމީހަކާ ކާވެނިކުރެއްވުންވެސް ހުއްދަކުރެއްވީމެވެ. އެހެން މުއުމިނުން ފިޔަވައި އެމީހަކު ކަލޭގެފާނަށް ޚާއްޞަވެގެންވާ ގޮތުގައެވެ."(الأحزاب: 50)
السّيّدة برّة بنت الحارث رضى اللّـهعنــهاއެކަމަނާގެ ހިތްޕުޅުގެ އަޑީގެ އެދިވަޑައިގަތުމުގެ ވާހަކަ، އެކަމަނާގެ އުޚުތުންގެ އަރިހުގައި ވިދާޅުވިއެވެ. އެކަމަނާގެ އެއްބަނޑުއެއްބައްޕާފުޅު އުޚުތެއްކަމުގައިވާلبابة الكبرى (أمّ الفضل رضى اللّـهعنــها)ގެ ފިރިކަލަކީ، ކައުސާހިބާصلّى اللّـه عليه وسلّمގެ ބޮޑުބޭބޭފުޅުعبّاس بن عبد المطّلب رضى اللّـه عنهއެވެ.أمّ المؤمنين السّيّدة خديجة الكبرى رضى اللّـه عنهاއަށްފަހު ދެވަނަޔަށް އިސްލާމްވެވަޑައިގެންނެވި ބޭކަނބަލަކީالسّيّدة أمّ الفضلއެވެ.السّيّدة برّةގެ އެއްބަނޑު ދެ އުޚުތުން ކަމުގައިވާأسماء بنت عميس رضى اللّـه عنهاއާއި،سلمى بنت عميسرضى اللّـه عنهاވެސް ކާވެނިބައްލަވައިގެންނެވީ ހާޝިމްވަންހައިގެ ދެބޭކަލުންނާއެވެ.السّيّدةأسماءކާވެނިބައްލަވައިގެން އިންނެވީ،جعفر بن أبى طالب رضى اللّـه عنهއާއެވެ.السّيّدة سلمىއަކީحمزة
بن عبدالمطّلب رضى اللّـه عنهޝަހީދުވެވަޑައިގެންނެވިއިރު ކާވެނިބައްލަވައިގެން އިންނެވި އަނބިކަނބަލުންނެވެ.
السّيّدة برّة رضى اللّـهعنــهاއެކަމަނާގެ އުޚުތުންގެ އަރިހުގައި ވިދާޅުވިއެވެ. އަޅުގަނޑުގެ ޤަބީލާކަމުގައިވާ ބަނޫހިލާލަށްވެސް ތައިމުވަންހައަށާއި، ޢަދީވަންހަޔަށާއި، އުމައްޔަތުވަންހަޔަށާއި، މަޚްޒޫމުވަންހަޔަށާއި، އަސަދުވަންހަޔަށާއި، މުޞްޠަލިޤުވަންހަޔަށް ލިބިފައިވާ ޝަރަފު ލިބުމަކީ އަޅުގަނޑުގެ އެދުމެކެވެ.
السّيّدة برّة رضى اللّـهعنــهاގެ މި އެދިވަޑައިގަތުމުގެ ވާހަކަ، އެކަމަނާގެ ދައިތާފުޅުلبابة الكبرى (أمّ الفضل رضى اللّـهعنــها)އެކަމަނާގެ ފިރިކަލުންعبّاس بن عبد المطّلبގެ އަރިހުގައި ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވިއެވެ. ކަލޭގެފާނަކީ، ކައުސާހިބާصلّى اللّـه عليه وسلّمގެ ބޮޑުބޭބޭފުޅެވެ. ކައުސާހިބާ، ކަލޭގެފާނަށް އިޙްތިރާމު ކުރައްވައެވެ. އަޅުގަނޑުގެ ކޮއްކޮبرّةގެ އެދިވަޑައިގަތުމަކީ، އިތުރު ސާހިބާ އެކަމަނާއާ ކާވެނިބައްލަވައިގެންނެވުމެވެ. ކަލޭގެފާނު މިކަމާ އުޅުއްވައިދެއްވުން އެދެމެވެ.
السّيّدة أمّ الفضل رضى اللّـهعنــهاގެ އެދިވަޑައިގެންނެވުމުގެ މަތީންعبّاس بن عبد المطّلبرضى اللّـهعنــهކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ.
"އަޅުގަނޑު ކަލޭގެފާނުގެ އަރިހަށް މިއައީ ބޭނުމަކުއެވެ. އެބޭނުމަކީ، އަޅުގަނޑުގެ ފަހަރިبرّة بنت الحارث(برّةގެ ނަންފުޅުميمونةއަށް ބަދަލުކުރެއްވީ، ކައުސާހިބާصلّى اللّـه عليه وسلّمއެވެ.) ގެ ފިރިކަލުން ނިޔާވެ،برّةވަނީ ހުވަފަތްވެފައެވެ. އެކަމަނާ ބެލެހެއްޓުމުގެ މަސްއޫލިއްޔަތު މިވަގުތު އެޅިފައިވަނީ އަޅުގަނޑުގެ ކޮނޑުގައެވެ. އަޅުގަނޑުގެ އެދުމަކީ، ކަލޭގެފާނު އެކަމަނާއާ ކާވެނިބައްލަވައިގެންނެވުމެވެ."

އިތުރު ސާހިބާصلّى اللّـه عليه وسلّمއެކަލޭގެފާނުގެ ބޮޑުބޭބޭފުޅުعبّاس بن عبد المطّلبގެ ހުށަހެޅުއްވުން ޤަބޫލުކުރައްވައި،السّيّدة برّة رضى اللّـه عنــهاގެ ޅިޔަންބޭބޭފުޅެއްކަމުގައިވާجعفر أبى طالب رضى اللّـه عنــهއާ އެކާވެނިފުޅުގެ އިންތިޒާމުތައް ހަމަޖެއްސެވުމާ ޙަވާލުކުރެއްވިއެވެ.جعفرވަޑައިގެންالسّيّدة برّة رضى اللّـه عنــهاއާ އެވާހަކަ ދެއްކެވުމުން، އެކަމަނާގެ ހިތްޕުޅުގެ މުރާދު ޙާޞިލުވެވަޑައިގެންނެވީތީ ކޮޅުނެތްކޮޅަށް އުފާކުރެއްވިއެވެ. ކާވެނިފުޅާ ރުހިވަޑައިގަންނަވާ ވާހަކަ ވިދާޅުވިއެވެ. އެކަމަނާގެ ޅިޔަންބޭބޭފުޅެއްކަމުގައިވާعبّاس بن عبد المطّلب رضى اللّـه عنهއެކަމަނާގެ ވަކީލަކަށް ޢައްޔަންކުރެއްވިއެވެ.
އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّم، السّيّدة برّةއާ ކާވެނިބައްލަވަން ހަމަޖެއްސެވީ، އެކަލޭގެފާނުގެ ބޮޑުބޭބޭފުޅުعبّاسގެފާނުގެ އެދިވަޑައިގަތުމަކަށް އިޙްތިރާމްކުރެއްވުމުގެ އިތުރަށް، އެހެން މަޤްޞަދެއްވެސް ޙާޞިލުކުރެއްވުމަށްޓަކައެވެ. އެއީ އިސްލާމީ ތަޙްރީކަށް ބާރު ހޯއްދެވުމެވެ. ޤުރައިޝުންގެ ފަޚުރެއްކަމުގައިވާ ކުޅަދާނަފުޅު ޢަސްކަރީ ކޮމާންޑަރخالد بن الوليدގެ ހިތްޕުޅު އިސްލާމްދީނަށް ލެންބެވުމެވެ.خالدއަކީالسّيّدة برّةއަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެކެވެ.خالدއާއިبرّةއާ ދެމެދު އޮންނަނީ މައިދަރިކަމުގެ ކުލުނާއި ގުޅުމެވެ.خالدފިޔަވައިވެސްبرّةގެ ތިމާގެފުޅު ނުފޫޒުހުރި އެތައްބަޔަކު ތިއްބެވެ. އެއެންމެންނާވެސް އެކަމަނާގެ ގުޅުން ވަރަށްބޮޑެވެ. އެހެންކަމުން އެއެންމެންގެ ހިތްތައް އިސްލާމްދީނަށް ލެންބެވުމަކީވެސް ކައުސާހިބާގެ ބޭނުންފުޅެކެވެ.
ކައުސާހިބާصلّى اللّـه عليه وسلّمޢުމްރަތުލްޤަޟާއުގެ ދަތުރުފުޅުގައި މައްކާއަށް ވަޑައިގެންخالدހޯއްދެވިއެވެ. ނަމަވެސް މުސްލިމުން މައްކާއަށް އައުމުންخالدވަނީ މައްކާއިން ފައިބައިވަޑައިގެން ކޮންމެވެސް ދިމާއަކަށް ވަޑައިގެންނެވެ. މުސްލިމުން މައްކާއަށް އަރައިގެންއުޅޭ މަންޒަރު ނުބައްލަވާންވެގެންނެވެ. ކައުސާހިބާصلّى اللّـه عليه وسلّم،خالدހޯއްދަވަން އެކަލޭގެފާނުގެ އަޚުوليد بن الوليدއާވެސް ޙަވާލުކުރެއްވިއެވެ. އޭރުوليدހުންނެވީ އިސްލާމްވެވަޑައިގެންނެވެ. ކައުސާހިބާوليدގެ އަރިހުގައި ވިދާޅުވިއެވެ. "ކަލޭގެ ބޭބެގެ އެހެރަ ކުޅަދާނަކަން އިސްލާމްދީން ކުރިއަރުވަން ހޭދަކުރާނަމަ އޭނާއަށް ކިހައި ރަނގަޅުވީސްހެއްޔެވެ."
ކައުސާހިބާصلّى اللّـه عليه وسلّمޤަޞްދުކުރެއްވީ މައްކާގައި ހުންނަވައިبرّةއާ ކާވެނިބައްލަވައިގެންނެވުމުގެ ކަންތައް ނިންމެވުމަށެވެ. އެކަށީގެންވާ ފެންވަރެއްގެ ވަލީމާއެއްވެސް ބާއްވަވައި، ޤުރައިޝުންނަށްވެސް ދަޢުވަތު ދެއްވުމަށެވެ. ނުހަނު ޙިކްމަތްތެރިކަމާއެކު ޤުރައިޝުންނާ ގުޅުން ބަދަހިކުރެއްވުމަށްޓަކައެވެ.
ޙުދައިބިއްޔާގެ ޞުލްޙަނާމާގައި ދެފަރާތުން އެއްބަސްވެފައިވާގޮތުން ޤުރައިޝުން މުސްލިމުންނަށް މައްކާ ހުސްކޮށްދޭންޖެހެނީ ތިންދުވަހަށެވެ. އެހެންކަމުން ކައުސާހިބާ މައްކާގައި ހުންނަވާތާ ހަތަރުވަނަޔަށްވީ ދުވަހުގެ ހެނދުނު ހެނދުނާ ޤުރައިޝުން މައްކާ ހުސްކުރައްވަން ދަންނަވައިފިއެވެ. ޤުރައިޝުންގެ ފަރާތުން އެވާހަކަ ދަންނަވާންއައީ އެއުރެންގެ ބޮޑުންކުރެ ހިމެނޭحويطب بن عبد العزّىއެވެ. މުޝްރިކުންގެ ތެރެއިން ކުރިޔަށްތިބި މީހުންގެ ޖަމާޢަތަކާއެކުގައެވެ. އޭނާ ދެންނެވިއެވެ. "ކަލޭގެފާނު ޢުމްރާގެ އަޅުކަން ފުރިހަމަކުރައްވައިފީމުއެވެ. އެހެންކަމުން، ކަލޭގެފާނު މައްކާއިން ފައިބައިވަޑައިގަންނަވާށެވެ. މުޢާހަދާގައިވާގޮތުން ކަލޭގެފާނު މައްކާގައި ހުންނަވަން ލިބިވަޑައިގަންނަވާ ވަގުތު ހަމަވެއްޖެއެވެ."
ކައުސާހިބާصلّى اللّـه عليه وسلّمޙަދީޘުކުރެއްވިއެވެ. "އަދި ދުވަސްކޮޅަކު އަހުރެން މައްކާގައި ހުރުމުގެ ހުއްދަދޭށެވެ. އަހުރެން ޤަޞްދުކުރަނީبرّة بنت الحارثއާ މިރަށުގައިހުރެ ކާވެނިކުރާށެވެ. އެކާވެނީގެ މުނާސަބާގައި ބާއްވާ ވަލީމާއަށް ތިޔަބައިމީހުންނަށްވެސް ދަޢުވަތުދޭން ބޭނުމެވެ."حويطبޖަވާބުއެރުވިއެވެ. "ކަލޭގެފާނު ދެއްވާ ގޮވާލެއްވުމެއް އަޅުގަނޑުމެން މުހުތާދެއް ނޫނެވެ. އަޅުގަނޑުމެންނާއި ކަލޭގެފާނާމެދު ކުރެވިފައިވާ މުޢާހަދާގައިވާގޮތަށް ކަލޭގެފާނު މައްކާއިން ފައިބައިވަޑައިގަންނަވާށެވެ."
حويطبއެފަދަ ބޭއަދަބީގޮތަކަށް ޖަވާބުއެރުވުމުން ޞަޙާބީން ވަރަށް ހިތްޕުޅާނުވާގޮތްވިއެވެ. އެއްބޭކަލަކު ހަރުކަށިފުޅު ޖަވާބެއްވެސް ދެއްވިއެވެ. ނަމަވެސް ކައުސާހިބާصلّى اللّـه عليه وسلّمއެކަން މަނާކުރައްވައި، މުޢާހަދާއަށް ޙުރުމަތްތެރިކޮށް ހިއްތެވިއެވެ. މުޢާހަދާއާ އެއްގޮތަށް މައްކާއިން ފައިބައިވަޑައިގެން މައްކާއާ ދިހަމޭލު ދުރުގައި އޮންނަ މަންޒިލެއްކަމުގައިވާ ސަރިފުގައި ފޭލިގެ ޖެއްސެވިއެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمމައްކާއިން ނިކުމެވަޑައިގެންވީالسّيّدة برّة بنت الحارث رضى اللّـه عنــهاސަރިފަށް ގެންނެވުމާأبو رافع رضى اللّـه عنــهއާ ޙަވާލުކުރައްވައިފައެވެ.أبو رافع رضى اللّـه عنــهއަކީ ކައުސާހިބާصلّى اللّـه عليه وسلّمގެ ޚާދިމެކެވެ. އެކަލޭގެފާނުالسّيّدة برّة رضى اللّـه عنــهاސަރިފަށް ގެންނެވީ ޖަމަލަކަށް ސަވާރުކުރައްވައިގެންނެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمސަރިފުގައި ހުންނަވައި ކާވެނިފުޅުގެ ރަސްމިއްޔާތު ފުރިހަމަކުރެއްވިއެވެ. މި ބަރަކާތްތެރި ކާވެނިފުޅު ކޮށްދެއްވީعبّاس بن عبد المطّلب رضى اللّـه عنهއެވެ. ކާވެނިފުޅުގެ ރަނަކީ ހަތަރުސަތޭކަ ދިރުހަމެވެ. ކާވެނިފުޅުގެ ރަސްމުތަކަށް އެކަމަނާ ތައްޔާރުކުރެއްވީ އެކަމަނާގެ ދެ އުޚުތުން ކަމުގައިވާالسّيّدة أمّ الفضل رضى اللّـه عنــهاއާއިالسّيّدة أسماء بنت عميس رضى اللّـه عنــهاއާއި އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާأمامة بنت حمزة رضى اللّـه عنــهاއެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ ތިރީސްހަ އަހަރުފުޅު ނުވަތަ ތިރީސްހަތް އަހަރުފުޅެވެ. މިއީ ކައުސާހިބާصلّى اللّـه عليه وسلّمއެންމެފަހުން ކުރެއްވި ކާވެނިފުޅެވެ. މިކާވެނިފުޅު ކުރެއްވީعمرة القضاءގެ އިޙްރާމު ކަނޑުއްވައި ދެކަނބަލުންވެސް ތަޙައްލުލުވެވަޑައިގެން ތިއްބަވައެވެ. ކައުސާހިބާصلّى اللّـه عليه وسلّمކާވެނިފުޅަށްފަހުبرّةގެ ނަންފުޅުميمونةއަށް ބަދަލުކުރެއްވިއެވެ.
ކައުސާހިބާصلّى اللّـه عليه وسلّم، أمّ المؤمنينالسّيّدة ميمونة بنت الحارث رضى اللّـهعنــهاއާ ކާވެނިބައްލަވައިގެންނެވުމަކީ އިސްލާމީ ތަޙްރީކަށް ލިބުނު ވަރަށްބޮޑު ބާރެކެވެ. ކުރީންވެސް ދެންނެވިފަދައިން މައްކާއާއި މުޅި ޢަރަބިކަރައިގައިވެސް ނުފޫޒާއި ބާރުހުރި އެތައްބަޔަކުالسّيّدة ميمونةގެ ތިމާގެފުޅު މީހުންގެ ތެރޭގައި ހިމެނެއެވެ. އެހެންކަމުން، ކައުސާހިބާصلّى اللّـه عليه وسلّم، السّيّدةميمونةއާ ކާވެނިބައްލަވައިގަންނަވާ ޚަބަރު ޢާއްމުވުމާއެކުވެސް މައްކާގެ މުޝްރިކުން މޭކަރާގޮތްވިއެވެ.السّيّدة ميمونةގެ ތިމާގެފުޅު މީހުން މަޑުމަޑުން އިސްލާމްވެދާނެތީއެވެ. ކަންތައް ނިމިގެންދިޔައީވެސް ހަމައެގޮތަށެވެ.
أمّ المؤمنينالسّيّدة ميمونةއަކީ ގާތްތިމާގެފުޅުކަމުގެ ގުޅުމަށް ވަރަށްބޮޑު އިސްކަމެއްދެއްވާ ބޭކަނބަލެކެވެ. އެހެންކަމުން އެކަމަނާގެ ޢާއިލާގައި އެކަމަނާގެ ދީން ފެތުރުއްވުމުގެ މަސައްކަތްޕުޅުގެ ނަތީޖާ ވަރަށް ފޮންޏެވެ. އެކަމަނާއަށް ރިޢާޔަތްކުރުންވެސް އެހައިމެބޮޑަށް އޮތެވެ. އެކަމަނާގެ ޢާއިލާގައި ހިމެނޭ ނުފޫޒުހުރި ފަރާތްތައް އިސްލާމްވާންފެށުމުން އެތަންފެނިގެން އިސްލާމްވި އެތައްބަޔަކުވެސް ތިއްބެވެ.السّيّدة ميمونةގެ ސަބަބުން، ކައުސާހިބާصلّى اللّـه عليه وسلّمގެ ޢަދާވަތްތެރިންނާއި ދެކޮޅުވެރީންގެ އެތައްބަޔަކު އެކަލޭގެފާނަށް ހިތްހެޔޮވިއެވެ. ދެކޮޅުވެރިކަން ދޫކޮށްލިއެވެ. އިތުރު ސާހިބާއަކީ އެއުރެންގެ ޅިޔަންބޭބެއަކަށް (ނުވަތަ ކޮއްކޮއަކަށް) ވާތީއެވެ.
أمّ المؤمنينالسّيّدة ميمونة بنت الحارث رضى اللّـه عنــهاގެ އެއްބަނޑު އަށް އުޚުތުން ތިއްބެވިއެވެ. އެއަށް ބީނުންވެސް ކާވެނިބައްލަވައިގެން ތިއްބެވީ ޢަރަބިކަރައިގެ ރައީސުންނާއެވެ. އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ ނުފޫޒުހުރި އެތައްބޭކަލުންނެއްވެސް ތިއްބެވިއެވެ. މަޑުމަޑުން އެހުރިހާ ބޭކަލުންވެސް ބަދަލުވެވަޑައިގަތީ އިސްލާމްދީނަށް ނަޞުރުދެއްވާ ބޭކަލުން ކަމުގައެވެ.
(ނުނިމޭ)