23 Jun 2016, 12:03
އަހަރެންނަކީ އެމެރިކާގެ ކަޅު ނަސްލުގެ މީހެކެވެ. ނަމަކީ ޑޭމިއަން ވިލިއަމްސް އެވެ. އެކަމަކު މިހާރު އަހަރެންގެ ނަމަކީ ޝަހީދެވެ. އެއީ އިސްލާމް ވުމަށް ފަހު އަހަރެންނަށް އައި އެންމެ ބޮޑު ބަދަލެވެ.
އަހަރެން އިސްލާމް ވުމަށް ކުރި ދަތުރު ފެށީ އެހެން ދީނަކުންނެވެ. އަހަރެންނަކީ ކުރިން ނަސާރާއަކީމެވެ. ފޯރި ނަގާފައި ލަވަ ކިޔާ މީހަކީމެވެ. ކިޔަނީ ރެޕް ލަވަ އެވެ.
ނަމަވެސް އަހަރެންގެ ޝައުގުވެރިކަން ނަސާރާ ދީނަކަށް މާ ބޮޑަކަށް ނެތެވެ. އެ ޝައުގުވެރިކަން ބަދަލުވީ އެ ދީނުގެ ގަދީމީ ފޮތްތަކަށެވެ. އިންޖީލުގެ އޯލްޑް ޓެސްޓަމެންޓަށެވެ. އަހަރެން އޭރު އުޅޭނީ ސްކޫލުގަ އެވެ.
އޫރު މަސް ކެއުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އޯލްޑް ޓޭސްޓަމެންޓުގައި ބުނެފައިވެ އެވެ. އެވާހަކަ އަހަރެންނަށް ކިޔައިދިނީ ސްކޫލުގައި އުޅުނު ކުއްޖެކެވެ. އޭނާއަކީ އަހަރެންނާ އެކު ލަވަ ކިޔަން އުޅޭ ކުއްޖެކެވެ. އެ ވާހަކައާ މެދު އަހަރެން ހައިރާންވި އެވެ. ހަމަ ގައިމު އަހަރެމެން އޫރު މަސް ވެސް ކައި އުޅެން ނޫން ހެއްޔެވެ؟ އެކަމަކު މިއީ ނަސާރާ ދީނުގައި ވެސް ހަރާން ކަމެއް ނޫން ހެއްޔެވެ؟
ނަސާރާ ދީނުގެ ބާތިލުކަމާ މެދު ވިސްނެންފެށީ އެހިނދުން ފެށިގެންނެވެ. އަހަރެން ދެން ހުރީ ގެއްލިފަ އެވެ. ހައްގާއި ބާތިލު ވަކި ކުރަން ނޭނގިފަ އެވެ. ފައްޅިއަށް ދިއުން ހުއްޓާލީމެވެ.
އެއް ދުވަހަކު އަހަރެންގެ ބޭބެ، މެލްކަމް އެކްސް އުފެއްދެވި "ނޭޝަންސް އޮފް އިސްލާމް" ޖަމިއްޔާގެ ވާހަކަ އަހަރެންގެ ގާތުގައި ބުންޏެވެ. އެއީ އެމެރިކާގެ ކަޅު ނަސްލުގެ މުސްލިމުން ކަމަށް އޭނާ ބުންޏެވެ. އެހާ ހިސާބުން، މިއީ ކިހިނެއްވާ ކަމެއްތޯ އަހަރެން ބަލަން ބޭނުންވި އެވެ.
އެދުވަސްވަރު، އަހަރެންނާ އެކު ލަވަކިޔަން އުޅުނު އެހެން ކުއްޖަކު އިސްލާމްވި އެވެ. އޭނާއާ އަހަރެން ވަރަށް ވާހަކަ ދައްކަމެވެ. އިސްލާމް ދީނަށް ޝައުގުވެރިކަމެއް އުފެދެން ފެށި އެވެ.
އަހަރެން އިސްލާމްދީން ދަސްކުރަން ފެށީމެވެ. ވޮޑިގެން ވަނީ އެންމެ ރައްބެއް ކަމާއި ތިންވަނަ ފަރާތެއް ނެތި، އަހަރެންނަށް އެ ރައްބަށް ސީދާ ގޮތެއްގައި އަޅުކަން ކުރެވޭނެކަން އަހަރެންނަށް ދަސްވި އެވެ. ތަފާތު ގައުމުތަކާއި ސަގާފަތްތަކުން އައި ނަމަވެސް، މުސްލިމަކަށްވާ ނަމަ އެމީހުންގެ މެދުގައި އޮންނަ އަޚުވަންތަކަމާއި އުޚުއްވަތްތެރިކަން އަހަރެންނަށް ވަރަށް ކަމުދިޔަ އެވެ. މިއީ އަހަރެން ބޭނުންވެފައި ހުރި ކަހަލަ ހައްލުތަކެއް ހޯދައިދޭނެ ދީނެއްކަން އަހަރެންނަށް ޔަގީންވި އެވެ.
އެންމެ ފަހުން އަހަރެން އިސްލާމް ދީން ގަބޫލު ކުރީމެވެ. އޭރު އަހަރެންނަށް ވާނީ އެންމެ 19 އަހަރެވެ.