ބޮލީވުޑުގެ ކާމިޔާބު ޖޯޑު ކަރީނާ ކަޕޫރު ޚާން އަދި ސައިފް އަލީ ޚާން އެއް ފިލްމަކުން ނުފެންނަތާ މިވަނީ ދުވަސްގަނޑެއް ވެފަ އެވެ.

އެކުގައި ކާމިޔާބު މަސައްކަތްތަކެއް ކުރި ދެ ތަރިން، އެންމެ ފަހުން އެކުގައި ފެނިގެން ދިޔައީ 2014 ވަނަ އަހަރު ނުކުތް ފިލްމު 'ހެޕީ އެންޑިންގް' އިންނެވެ. އެ ފިލްމުގައި ކަރީނާ ފެނުނީ ހާއްސަ ފެނިލުމެއްގެ ގޮތުގަ އެވެ.

ދެމީހުން އެކުގައި ނުފެންނަ ސަބަބާ ގުޅިގެން ކަރީނާ ބުނީ، ދެމީހުން ކައިވެނި ކުރި ފަހުން، އެއީ 'އޮންސްކުރީން' ޖޯޑެއްގެ ގޮތުގައި ގިނަ ޑައިރެކްޓަރުންނަށް ގަބޫލު ނުކުރެވެނީ ކަމަށެވެ.

ދެމީހުން ކައިވެނި ކުރީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން ފިލްމުގެ ލީޑު ރޯލަކުން ދެމީހުން އެކުގައި ފެނުނީ 2013 ވަނަ އަހަރު ނުކުތް ފިލްމު 'ބޮމްބޭ ޓޯކީޒް' އިންނެވެ.

"އަހަރުމެން ދެމީހުން އެކުގައި ފެންނަން ވިއްސަކަށް އަހަރު ވެސް ނަގާފާނެ. އެއްވެސް ހުށަހެޅުމެއް ނުލިބޭ ދެމީހުން އެކުގައި ފިލްމެއް ކުޅޭކަށް. އަހަންނަކަށް ހިއެއް ނުވޭ މިހާރު އަހަރުމެން ދެމީހުންނަކީ އޮންސްކްރީން ޖޯޑެއްގެ ގޮތުގައި ގިނަ ޑައިރެކްޓަރުން ގަބޫލުކުރާ ހެނެއް،" ކަރީނާ ބުނެފައިވެ އެވެ.

ކަރީނާ ބުނީ އެކުގައި ފިލްމެއް ކުޅެލަން ފުރުސަތު ނުލިބުނަސް ދެމީހުން ވެސް ކޮންމެ ދުވަހަކު ގޭތެރެއިން ބައްދަލުވެ އެކުގައި ވަގުތު ހޭދަކުރާތީ، އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ.

ކަރީނާ އެންމެ ފަހުން ފެނިފައި ވަނީ ކުރީގެ ލޯބިވެރިޔާ ޝާހިދު ކަޕޫރާ އެކު 'އުޅްތާ ޕަންޖާބް' އިންނެވެ. އެންމެ އަވަހަށް ފެނިގެންދާނީ ސޯނަމް ކަޕޫރާ އެކު 'ވީރޭ ދީ ވެޑިންގް' އިންނެވެ.

ސައިފް އެންމެ ފަހުން ފެނުނި މިދިޔަ އަހަރު ރިލީޒްކުރި ފިލްމު ނުކުތް ފިލްމު 'ފެންޓަމް' އިންނެވެ.