23 Jun 2016, 10:43
އިސްލާމްދީނާ ނުގުޅޭ ފެޝަންތަކަށް އިސްތަށިގަނޑާ ހެދުން އަޅައިގެން އުޅުނު 50 މީހުން ސައުދީ އަރަބިއްޔާގައި ހައްޔަރުކޮށްފި އެވެ.
ސައުދީގެ މީޑިއާތަކުން އިއްޔެ ބުނީ، ރޯދަ މަހާ ދިމާކޮށް މައްކާގައި ހިންގި އޮޕަރޭޝަނެއްގައި އެ މީހުން ހައްޔަރުކުރީ ތަފާތު ގޮތްގޮތަށް ބޮލުގެ އިސްތަށިގަނޑު ހަދައި ކަރުގަ އާއި އަތުގައި ޗޭނު އަޅާ ކުރު ހެދުން ލައިގެން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ގިނައީ ޒުވާން ފިރިހެނުންނެވެ.
ހައްޔަރުކުރި އެންމެންނަށް ވެސް ގާނޫނު ތަންފީޒުކުރާ ޓީމުތަކުން ނަސޭހަތްތެރިވުމަށް ފަހު ވަނީ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާ ހަވާލުކޮށްފަ އެވެ.
އިސްލާމްދީނާ އެއްގޮތަށް މީހުން އުޅޭތޯ ބެލުމަށް ސައުދީ އަރަބިއްޔާގައި ވަނީ ހާއްސަ ބާރުތަކެއް ދީފައިވާ ދީނީ ފުލުހުންގެ އިދާރާއެއް މީގެ ކުރިން އުފައްދަައިފަ އެވެ. އެ ފުލުހުންގެ މަސައްކަތްތަކުގެ ތެރޭގައި ދެ ޖިންސު މައްސުނިކޮށް އުޅޭތޯ ބެލުމާއި އާއްމުންގެ ތެރޭގައި އަންހެނުން ނުކުމެ އުޅޭ އިރު މުޅި ހަށިގަނޑު ނިވާވާ ހެދުން ލައިގެން އުޅޭތޯ ބަލައި ގަވާއިދާ ހިލާފަށް އުޅޭ މީހުން ވަގުތުން ހައްޔަރުކުރެވޭނެ އެވެ.
މީގެ އިތުރުން ފަރުޟު ފަސް ނަމާދަށް ފިހާރަތައް ބަންދުކުރޭތޯ ވެސް ބަލައި ޕެޓްރޯލްކުރެ އެވެ.
ނަމަވެސް މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ސައުދީ ސަރުކާރުން ވަނީ ފުލުހުންނަށް މީހުން ހައްޔަރުކުރުމުގެ ބާރު އަތުލައި، ހަމައެކަނި ނަސޭހަތްތެރި ވުމަށް އަންގައިފަ އެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ މީހުން ހަވާލުކުރަން އަންގާފައި ވަނީ އާއްމު ފުލުހުންނަށެވެ.
މައުލޫމާތު: ހަލީޖު ޓައިމްސް