މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ޖަނަވަރީ މަގުގައި ހިންގި މާރާމާރީ އާ ގުޅިގެން ފުލުހުން ހޯދަމުންދިޔަ ދެ މީހުން ތ. ގުރައިދޫގައި ތިއްބައި ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ 20 އަހަރުގެ ދިވެހި ދެ ފިރިހެނުން މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައި ވަނީ ތ. ގުރައިދޫ ގެއެއްގެ ތެރޭގައި ތިއްބައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އެ ދެ މީހުންގެ ބަންދަށް ތ. ވޭމަންޑޫ ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.

އެދެ މީހުންނަށް ތުހުމަތު ކުރެވެނީ މިދިޔަ އަންގާރަ ދުވަހު ހަވީރުގެ ވަގުތެއްގައި ޖަނަވަރީމަގު ސޮނީ ސްޕޯޓްސް ކައިރީގައި މާރާމާރީ ހިންގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލުމުގައި ބައިވެރިވި ކަމަށެވެ.

އެހަމަލާގައި ޒަހަމްވީ 19 އަހަރުގެ ޒުވާނެކެވެ. އެނގިފައިވާ ގޮތުގައި ވަޅި ހަރާފައި ވަނީ އޭނާގެ ބޮލާއި ބަނޑަށެވެ. މިހާރު އޭނާގެ ހާލު ރަނގަޅެވެ.

މާލޭގައި މިފަދަ ކުށްތައް ކުރުމަށް ފަހު އެކި ރަށްރަށަށް ގޮސް ފިލަންވެގެން މަސައްކަތްކުރާ މީހުން ހޯދުމަށް ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.