23 Jun 2016, 02:29
ފްރާންސްގައި ކުރިއަށްދާ ޔޫރޯގައި ސްވިޑަން އަތުން މޮޅުވެ، ބެލްޖިއަމް އިން "ގްރޫޕް އީ"ގެ ދެވަނައިގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
ސްވިޑަންއާ ދެކޮޅަށް މިރޭ ކުޅުނު މެޗުން ބެލްޖިއަމް މޮޅުވީ 1-0 ލަނޑުންނެވެ. އިޓަލީ އާއި ބްލެޖިއަމް އަށް ހަ ޕޮއިންޓް ލިބިފައިވާ އިރު، ގޯލުގެ ތަފާތުން ވެސް ދެ ޓީމު ވަނީ އެއްވަރުވެފަ އެވެ. އިޓަލީ އަށް އެއްވަނަ ލިބެނީ ބައިކޮޅަށް ވަން ގޯލުންނެވެ. އިޓަލީ ކޮޅަށް އެއް ގޯލު ވަދެފައިވާ އިރު، ބެލްޖިއަމް ކޮޅަށް ދެ ލަނޑު ވަދެފައިވެ އެވެ. އެންމެ ރަނގަޅު ނަތީޖާ ހޯދި ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން އަޔަލެންޑް ވެސް ވަނީ ދެވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.
ދެވަނަ ބުރުގައި ހަންގޭރީއާ ދެކޮޅަށް ބެލްޖިއަމް ނުކުންނަން ޖެހޭ އިރު، އިޓަލީ ނުކުންނަން ޖެހޭނީ ސްޕެއިންއާ ދެކޮޅަށެވެ. އަދި އަޔަލެންޑް ނުކުންނަން ޖެހޭނީ ފްރާންސްއާ ދެކޮޅަށެވެ.
މެޗުގެ 26 ވަނަ މިނެޓުގައި ސްވިޑަން އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. މާކަސް ބާގް ދިން ބޯޅައަކުން 20 ޔާޑު ދުރުން ސްވިޑަންގެ ކެޕްޓަން ޒްލަޓަން އިބްރަހިމޮވިޗް އުފެއްދި ހަމަލާ، ބެލްޖިއަމްގެ ކީޕަރު ތިބައުޓް ކޯޓުވާ ވަނީ މަތަކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނެޓެކަށް ވެފައި ވަނިކޮށް، ބެލްޖިއަމް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ކެވިން ޑި ބްރޭނާ ނަގައިދިން ކޯނަރަކުން ސްވިޑަންގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ތޯމަސް މުނިއާ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ 67 ވަނަ މިނެޓުގައި ބެލްޖިއަމް އަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. ކައުންޓާ އެޓޭކެއްގައި ލިބުނު ބޯޅައެއް ހިފައިގެން ސްވިޑަންގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު، ޑި ބްރޭނާ އުފެއްދި ހަމަލާ ސްވިޑަންގެ ކީޕަރު އަންދްރޭސް އިސަކްސަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.
މެޗުގެ 73 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫ އަށް ލަނޑު ޖަހާނެ ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އެރިކް ޖޮހަންސަން ކައިރިން ނައްޓާލުމަށްފަހު، ސްވިޑަންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލުކާކޫ އުފެއްދި ހަމަލާގެ ހުރަހަކަށްވީ ވެސް ކީޕަރު އިސަކްސަން އެވެ.
މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް، ބެލްޖިއަމް އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. އެޑެން ހަޒާޑް ދިން ބޯޅައަކުން ބެލްޖިއަމް އަށް ލީޑު ހޯދައިދިނީ ރާޑިއާ ނައިންގޮލާން އެވެ. ސްވިޑަންގެ ގޯލާ 25 ޔާޑު ދުރުން ލިބުނު ބޯޅަ، ވަރަށް ރީތިކޮށް ނައިންގޮލާން ވަނީ ސްވިޑަންގެ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
މިއީ ގައުމީ ޓީމަށް ސްވިޑަންގެ ކެޕްޓަން އިބްރަހިމޮވިޗް ކުޅޭނެ އެންމެ ފަހު މެޗެވެ. ޔޫރޯ އަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަން އޭނާ ވަނީ އިއުލާންކޮށްފަ އެވެ.