މީގެ ދޮޅުގަރުނު ކުރިން އިނިގިރޭސި ވިލާތުގައި އުފަންވި "ފުޓްބޯޅަ" އޭރު ބެލެވުނީ ހަމައެކަނި ކުޅިވަރެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ފާއިތުވެދިޔަ ގިނަ އަހަރުތަކާއެކު ފުޓްބޯޅަ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަކިހިއްޕާލައިފައެވެ. ހަމައެކަނި ކުޅިވަރެއްގެ ގޮތުގައެއް ނޫނެވެ. މަލްޓިބިލިއަން ޑޮލަރުގެ ވިޔަފާރިއެއްގެ ގޮތުގައިވެސް މެއެވެ.

ދުނިޔޭގައި ބޭއްވޭ ފުޓްބޯޅައިގެ އެންމެ ބޮޑު އީދަކީ "ވޯލްޑް ކަޕް" ނުވަތަ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތް ނަގާފައި ދެން އެންމެ ބޮޑު އަދި އެންމެ މަޝްހޫރު ފުޓްބޯޅަ މުބާރާތަކީ، ދެބަސް ވެވެން ނެތްގޮތުގައި ޔުއޭފާ ޔޫރަޕިއަން ފުޓްބޯލް ޗެމްޕިއަންޝިޕް، ނުވަތަ ޔޫރޯ އެވެ. ޔޫރޯ މުބާރާތަކީ، ފުޓްބޯޅައިގެ އިތުރުން ވިޔަފާރީގެ ވެސް ބޮޑެތި މުއާމަލާތްތަކެއް ހިނގައި، ބޮޑު ޚަރަދަކާއެކު އިންވެސްޓްމަންޓްތަކެއް ކޮށް، އާހިރުގައި ބޮޑު ފައިދާތަކެއްވެސް ނަގާ މުބާރާތެކެވެ.

ޔޫރޯ 2016ގެ ތެރެއިން --- ފޮޓޯ: އޭޕީ

މީގެ 56 އަހަރު ކުރިން ޔޫރަޕިއަން ނޭޝަންސް ކަޕްގެ ނަމުގައި 1960 ވަނަ އަހަރު ފްރާންސްގައި ބޭއްވި ފުރަތަމަ ޔޫރޯ މުބާރާތުގައި ބައިވެރިވެފައި ވަނީ އެންމެ ހަތަރު ގައުމެވެ. އެއީ އެފަހަރުގެ ޗެމްޕިއަންސް ސޯވިއެޓް ޔޫނިއަން އާއި ރަނަރަޕް ޔޫގޮސްލާވިއާ އާއި ތިން ވަނަ ހޯދި ޗެކްސްލަވާކިއާގެ އިތުރުން މުބާރާތް ބޭއްވި ގައުމު އަދި އެ ފަހަރު އެންމެ ފުލަށް ދިޔަ ފްރާންސް ޓީމެވެ. ނަމަވެސް 1984 ވަނަ އަހަރު އެގައުމުގައި ބޭއްވި ޔޫރޯއަށްފަހު، ފްރާންސްގައި ތިން ވަނަފަހަރަށް އެ މުބާރާތް މިފަހަރު ބާއްވާއިރު، މުބާރާތުގެ ސައިޒާއި ޚަރަދާއި ޓީމުތަކުގެ އަދަދުވެސް ވަނީ ބައި ގަރުނު ކުރީން އެ މުބާރާތް ބޭއްވި އިރަށްވުރެ 20 ގުނަ އިތުރުވެފައެވެ. އެގޮތުން ހަތަރު އަރުން އެއްފަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި 2012 ވަނަ އަހަރު 16 ޓީމު ބައިވެރިވި އިރު މިފަހަރު އެ މުބާރާތުގައި 24 ޓީމު ވާދަކުރާނެއެވެ.

ޔޫރޯ 2016 ބާއްވާނޭ ގައުމެއް ކަނޑައެޅުމަށް ހުޅުވާލި ބީލަމުގެ ސުންގަޑި (9 މާރިޗް 2009) ހަމަވީއިރު އެކަމަށް އެދި ކުރިމަތިލީ ހަތަރު ފަރާތަކުންނެވެ. އެއީ ފްރާންސް، އިޓަލީ، ތުރުކީގެ އިތުރުން ނޯވޭއާއި ސްވިޑެން ގުޅިގެން ހުށިހެޅި ބީލަމެކެވެ. ޑިސެމްބަރު 2009ގައި ނޯވޭއާއި ސްވިޑެންއިން ހުށަހެޅި ބީލަން އަނބުރާ ގެންދިއުމުން ފަހުވަގުތު ވާދަކުރީ އަނެއް ތިންގައުމެވެ. އެގޮތުން އެ ތިން ގައުމުގެ ތެރޭން ގައުމެއް ކަނޑައެޅުމަށް ނެގި ވޯޓުގެ ފުރަތަމަ ބުރުގައި ފްރާންސަށް، 43، ތުރުކީއަށް 38 އަދި އިޓަލީއަށް ލިބުނީ 23 ޕޮއިންޓެވެ. އަދި ދެވަނަ ވޯޓުގެ ދެވަނަ ބުރުގައި ޔުއެފާ އެކްޒެކެޓިވް ކޮމިޓީގައި ހިމެނޭ 13 މެންބަރުން ވޯޓު ދީގެން ފްރާންސް އެ ބީލަން ކާމިޔާބުކުރީ 7-6 ވޯޓުންނެވެ.

ޔޫރޯ 2016ގެ ތެރެއިން --- ފޮޓޯ: އޭޕީ

ފްރާންސުން ޔޫރޯ 2016 އަށް ބީލަން ހުށަހެޅިއިރު، ވިލާތުގެ ގިނަ ގައުމުތަކެކޭ އެއްފަދައިން އެގައުމު ވެސް އޮތީ ދުނިޔޭގެ އިގްތިޞާދަށް ކުރިމަތިވަމުން ދިޔަ މާލީ ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިފައެވެ. އެހެން ނަމަވެސް، ފްރާންސްގެ އޭރުގެ ރައީސް ނިކޮލަސް ސަރކޯޒީއާއި ފްރާންސްގެ ފުޓްބޯޅަ ލެޖެންޑް ޒައިނުއްދީން ޒިދާން ވަނީ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުން ހިފޭނެ އެންމެ ރަނގަޅު ހަތިޔާރަކީ ކުޅިވަރު ކަމަށް ބުނެފައެވެ. އެހެންކަމުން ޔޫރޯއަށް ފްރާންސްގެ ކުޅިވަރު ދަނޑުތައް މަރާމާތުކުރުމާއި އިތުރަށް ބިނާކުރުމަށް ހަރަދު ވާނޭ ކަމަށް ލަފާކުރި 1.7 ބިލިއަން ޔޫރޯ، ފްރާންސް ސަރުކާރުން ފޯރުކޮށްދޭނޭ ކަމުގެ ޔަގީންކަން ސަރކޯޒީ ދެއްވި އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތް ތިންވަނަ ފަހަރަށް ބާއްވާ ފުރަތަމަ ގައުމުގެ ޝަރަފް ފްރާންސަށް ލިބޭއިރު، އެ މުބާރާތުން އެގައުމުގެ އިގްދިޞާދަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނޭކަން އެއީ ޝައްކެއް އޮތްކަމެއް ނޫނެވެ. އެގޮތުން މިފަހަރުގެ ޔޫރޯއަކީ ހުރިހާ ގޮތަކުން ވެސް ބޮޑު މުބާރަތަކަށް ވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

މުބާރާތުން ލިބޭ ފައިދާ %50 މައްޗަށް

ޔުއެފާއިން ލަފާކުރާ ގޮތުގައި މީގެ ކުރީގެ އަހަރުތަކާ ޚިލާފަށް މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުން ލިބޭ އާމްދަނީ 50 އިންސައްތަ އިތުރު ވާނެއެވެ. އެގޮތުން އެންމެ ފަހުން 2012 ވަނަ އަހަރު ޕޮލެންޑާއި ޔޫކްރެއިންގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕޮންސަރޝިޕް ރެވެނިއުގެ ގޮތުގައި 300 މިލިއަން ޔޫރޯ ލިބިފައިވާއިރު، މިފަހަރު ސްޕޮންސަރޝިޕް ރެވެނިއުގެ ގޮތުގައި 450 މިލިއަން ލިބޭނޭ ކަމަށް ޔުއެފާއިން ވަނީ ބުނެފައެވެ.

ޔޫރޯ 2016ގެ ތެރެއިން --- ފޮޓޯ: އޭޕީ

އާ މޮޑެލް:

މުބާރާތުން ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން މިފަހަރު ޔުއެފާއިން ވަނީ އާ މާކެޓިން މޮޑެލްއެއް ތައްޔާރުކޮށްފައެވެ. އެގޮތުން ކުރިން މުބާރާތުގައި 16 ޓީމު ބައިވެރިވި ނަމަވެސް މިފަހަރު 24 ޓީމު ބައިވެރިވާ ގޮތަށް ހަމަޖެހުމުން ކުރީން ބޮޑު ފަސް މާކެޓްގެ ގޮތުގައި ބެލެވިފައިވާ ފްރާންސް، އިންގްލޭންޑް ޖަރމަނީ، އިޓަލީ އަދި ސްޕެއިންގެ އިތުރުން ވެސް މިފަހަރު ރަނގަޅު 8 މާކެޓެއް ހުޅުވިގެން ދާނޭކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން އާ މޮޑެލްގެ ދަށުން ޔުއެފާއިން ސްޕޮންސަޝިޕް ރައިޓްސް ވިއްކަން ހަމަޖައްސާފައި ވަނީ، 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމަައަށް ކުރިއަށް ގެންދާ މުބާރާތްތައް ވެސް ހިމެނޭ ގޮތަށެވެ. މި އާ ޕެކޭޖްގެ ދަށުން، ޔޫރޯ 2016 ކޮލިފައިން މެޗުތަކާއި، ޔޫރޯ 2016 ފުޓްބޯޅަ މުބާރާތާއި، ޔޫރޯ 2015 21 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތާއި، ޔޫރޯ 2017 އަންހެނުންގެ ފުޓްބޯޅަ މުބާރާތާއި، 2014 ވަނަ އަހަރު ބޭއްވި ޔޫރަޕިއަން ފުޓްސަލް ޗެމްޕިއަންޝިޕް، އަދި 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ވިލާތު ސަރަހައްދުގައި ކުޅެވޭ މެޗުތަކުގެ ސްޕޮންސަޝިޕް ރައިޓްސް އެފަރާތްތަކަށް ލިބިގެންދާނެއެވެ.

ޔޫރޯގައި ކުޅޭ ޓީމުތަކަށް ލިބޭ ފައިސާ

ޔުއެފާގެ އެކްޒެކެޓިވް ކޮމިޓީން މިފަހަރު ވަނީ، ޔޫރޯ 2016ގައި ވާދަކުރާ ޓީމުތަކަށް ލިބޭ ފައިސާގެ އިނާމުތައްވެސް ވަރަށް ބޮޑުތަން އިތުރުކޮށްފައެވެ. އެގޮތުން މިފަހަރު ޓީމުތަކުގެ މެދުގައި ބެހިގެންދާނެ ފައިސާގެ ޖުމުލަ އަދަދު 301 މިލިއަން ޔޫރޯއަށް އަރާނެއެވެ. މިއީ 2012 ވަނަ އަހަރު ޕޮލެންޑާއި ޔޫކްރެއިންގައި ބޭއްވި މުބާރާތުގެ ޓީމުތަކަށް ބެހިގެން ދިޔަ 196 މިލިއަން ޔޫރޯއާއި އޭގެ ކުރިން އޮސްޓްރީއާ އާއި ސްވިޓްޒަލެންޑްގައި ބޭއްވި މުބާރާތުގައި ކްލަބްތަކަށް ދީފައިވާ 184 މިލިއަން ޔޫރޯއަށް ވުރެ ވަރަށް ބޮޑުތަން އިތުރު އަދަދެކެވެ.

ޔޫރޯ 2016އަށް ކޮލިފައިވި 24 ގައުމުގެ ތެރޭން ކޮންމެ ޓީމަކަށް މިފަހަރު މުބާރާތުގައި ބައިވެރިވުމުން ލިބޭ ފީގެ ގޮތުގައި 8 މިލިއަން ޔޫރޯ ލިބޭނެއެވެ. އަދި މުބާރާތުގެ ފުރަތަމަ ބުރުގައި ޕާރފޮމަންސް ބޯނަސްގެ ގޮތުގައި މޮޅުވާ ކޮންމެ މެޗަކަށް 1 މިލިއަން ޔޫރޯ، އަދި އެއްވަރު ވާ ކޮންމެ މެޗަކަށް ޓީމަކަށް 500،000 ޔޫރޯ ލިބޭނެއެވެ.

ޔޫރޯ 2016ގެ ތެރެއިން --- ފޮޓޯ: އޭޕީ

މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރާ ކޮންމެ ޓީމަކަށް 1.5 މިލިއަން ޔޫރޯ ލިބޭނެއެވެ. އަދި ގަދަ 8ގައި ހިމެނޭ ކޮންމެ ޓީމަކަށް 2.5 މިލިއަން ޔޫރޯ ލިބޭއިރު ސެމީ ފައިނަލަށް ދަތުރުކުރާ ކޮންމެ ޓީމަކަށް އިތުރު 4 މިލިއަން ޔޫރޯ ލިބޭނެއެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގައި ޖުލައި 10 ވަނަ ދުވަހު އޮންނަ ޔޫރޯ 2016 ފައިނަލް މެޗުގައި ވާދަކުރާ ދެޓީމުގެ ތެރޭން މުބާރާތް ކާމިޔާބުކުރާ ޓީމަކަށް އިނާމުގެ ގޮތުގައި 8 މިލިއަން ޔޫރޯ ލިބޭނެއެވެ. އަދި ރަނަރަޕް ޓީމަށް 5 މިލިއަން ޔޫރޯ ލިބޭނެއެވެ.

އެހެންކަމުން މުބާރާތް ކާމިޔާބު ކުރާ ޓީމުން ގްރޫޕް ސްޓޭޖްގެ ތިން މެޗު ކާމިޔާބުކޮށްފި ނަމަ، އެ ޓީމަކަށް ލިބޭ ފައިސާގެ އިނާމުގެ ޖުމުލަ 27 މިލިއަން ޔޫރޯއަށް އަރާނެއެވެ. މިއީ މި ދެންނެވި ހާލަތުގައި ޗެމްޕިއަންކަން ލިބޭ ޓީމަށް 2012 ވަނަ އަހަރުގެ މުބާރާތުގައި ލިބޭނޭކަމަށް ބެލެވުނު 23.5 މިލިއަން ޔޫރޯއަށް ވުރެ 3.5 މިލިއަން އިތުރު އަދަދެކެވެ.

ސްޕޮންސަރުން

ޔުއެފާއިން ހަމަޖައްސާފައިވާ ގޮތުން މިފަހަރުގެ ޔޫރޯ ސްޕޮންސަރުންގެ ގޮތުގައި، ބައިނަލް އަގްވާމީ 10 ޕާޓުނަރުންނާއި ފްރާންސްގެ 6 ޕާޓްނަރެއް ހިމެނޭނެެއެވެ. އެގޮތުން ގްލޯބަލް ސްޕޮންސަރ ޕާޓްނަރުންގެ ގޮތުގައި ހިމެނެނީ، އެޑިޑާސް، ކާރލްސްބާގް، ކޮކަކޯލާ، ކޮންޓިނެންޓަލް، ހައިސެންސް، ހިޔުންޑާއި/ކިއާ، މެކްޑޮނަލްޑްސް، އޯރެންޖް، ސޯކާ އަދި ޓާރކިޝް އެއަރލައިނެވެ.

ނޭޝަނަލް 6 ޕާޓްނަރުންގެ ގޮތުގައި ހިމެނެނީ، ކްރެޑިޓް އެގްރިކޯލް ( Crédit Agricole) އެފްޑީޖޭ-ލަ ފްރާންސް ޑެސް ޔޫސް ( FDJ–La Française des Jeux)، އެބްރިޓެލް/ހޯމްވޭ ( Abritel/Homeway)، ލަ ޕޮސްޓޭ ( La Poste) ޕްރޯމަން (PROMAN) އަދި އެސްއެންސީއެފް އެވެ.

ޔޫއެފާ ޔޫރޯ 2016ގެ ރެވެނިއު ބެހިގެންދާނޭގޮތް

  • ޓީވީ ރައިޓްސް - 1 ބިލިއަން ޔޫރޯ
  • ސްޕޮންސަރޝިޕް - 400 މިލިއަން ޔޫރޯ
  • ޓިކެޓް އެންޑް ހޮސްޕިޓާލިތީ - 500 މިލިއަން ޔޫރޯ