ޔޫރޯ ފުޓްބޯޅަ މުބާރާތް ފެށުމުގެ ކުރިން އެ މުބާރާތް ކާމިޔާބުކުރާނެ ޓީމަކީ ކޮބައިތޯ ބެލުމަށް ގިނަ ބަޔަކު ބަހުސް ކުރަމުންދެއެވެ. އެގޮތުން ގިނަ ބަޔަކު ޔޫރޯ ކާމިޔާބުކުރާނެ ޓީމެއް ކަމަށް ދެކެނީ ޖަރުމަނުގެ ޓީމެވެ. އެއީ ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ. އެ ޓީމުގެ ސްކޮޑަށާއި ހޯދުމަންދާ ކާމިޔާބީތަކަށް ބަލައިލުމުން އެކަން އެނގިގެންދެއެވެ.

ޖަރުމަނުގެ ޓީމަކީ ދުނިޔޭގެ އަދި ޔޫރަޕުގެ ވެސް އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ޓީމެކެވެ. ކޮލިފައިންގައި ވެސް ޖަރުމަނުގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ނުފެނުނު ކަމުގައި ވިޔަސް، ގްރޫޕު ސްޓޭޖު ނިންމާލީ އެއްވަނައިގައި އޮވެއެވެ.

ޔޫރޯ 2016ގެ މެޗަކަށްފަހު ޖަރުމަންގެ ކުޅުންތެރިން --- ފޮޓޯ: އޭޕީ

ކޮލިފައިންގައި ޖަރުމަނު ލައްވާލީ ޕޮލެންޑާއި، ރިޕަބްލިކް އޮފް އަޔަލެންޑާއި، ސްކޮޓްލެންޑާއި، ޖޯޖިއާ އަދި ގިލްބްރަލްޓާ އާއެކު "ގްރޫޕު ޑީ" ގައެވެ. އެ ގްރޫޕުގައި ހިމެނުނު ޕޮލެންޑާއި، އަޔަލެންޑު އަދި ސްކޮޓްލެންޑަކީ ވެސް އާދައިގެ ޓީމުތަކެއް ނޫނެވެ. އެ ޓީމުތަކަކީ ޔޫރޯއަށް ވެސް އާ ޓީމުތަކެއް ނޫނެވެ.

ގްރޫޕް ސްޓޭޖުގައި ޖަރުމަނު ކުޅުނު ދިހަ މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެފައިވާ އިރު، ދެ މެޗުން ބަލިވެ، އެއް މެޗުން ވަނީ އެއްވަރުވެފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެއްވެސް މެޗަކުން ޖަރުމަނު ބަލިވެފައެއް ނުވެ އެވެ. ޖަރުމަނު ބަލިވެފައިވަނީ ރަށުން ބޭރުގައި ސްކޮޓްލެންޑާއި ޖޯޖިއާ އާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އޭގެ ތެރެއިން އެންމެ ހައިރާންކުރަނިވި ނަތީޖާއަކީ ފީފާ ރޭންކިންގެ 123 ވަނައިގައި އޮތް ޖޯޖިއާ އަތުން 2-0 ލަނޑުން ރަށުން ބޭރުގައި ރޭންކިންގެ ފަސް ވަނައިގައި އޮތް ޖަރުމަން ބަލިވުމެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދި ޖަރުމަނުގެ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ޔޫރޯއަށް ޖަރުމަނު ޓީމަށް ނެގި ސްކޮޑުގައި ހިމެނެއެވެ. އެހެންކަމުން އެ މުބާރާތުގައި ކުރި ތަޖުރިބާ އާއެކު އެ ކުޅުންތެރިންނަށް ޔޫރޯ ވެސް ކާމިޔާބު ކުރެވިދާނެއެވެ. އެ ޓީމުން މި ފަހަރު ނުފެންނާނެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހަމައެކަނި ފާހަގަކޮށްލެވެނީ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ޖަރުމަނުގެ ކެޕްޓަނެއްގެ ގޮތުގައި ހުރި ފިލިޕް ލާމް އެވެ. އޭނާ ޔޫރޯގައި ނުފެންނަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ ގުޅިގެންނެވެ.

ޔޫރޯ 2016ގެ މެޗަކަށްފަހު ޖަރުމަންގެ ކުޅުންތެރިން --- ފޮޓޯ: އޭޕީ

ޔޫރޯއަށް ނުކުންނަ އިރު، ޖަރުމަނުގެ ކޯޗުގެ މަގާމަށް ވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އެ ޓީމުގެ ކޯޗުކަމުގެ މަގާމުގައި ހުރީ އެ ޓީމަށް ވޯލްޑް ކަޕް 2014 ކާމިޔާބުކޮށްދިން ކޯޗު ޔޯކިމް ލޯ އެވެ. ވޯލްޑް ކަޕް 2014ގެ އިތުރުން 2006 ވަނަ އަހަރު ޖަރުމަނު ޓީމާ ހަވާލުވި ލޯ ވަނީ 2010ގެ ތިންވަނައާއި، ޔޫރޯ 2008ގެ ރަނަރަޕް މަގާމު އަދި ޔޫރޯ 2012ގެ ތިންވަނަ ޖަރުމަނަށް ހޯދައިދީފައެވެ. އެހެންކަމުން ޖަރުމަނު ޓީމާއެކު ހޯދި ކާމިޔާބީތަކުގެ ތަޖުރިބާ ލޯ އަށް ލިބިފައި ހުންނާނެއެވެ.

ޖަރުމަނުގެ ފުޓްބޯޅައިގެ ތާރީހަށް ބަލައިލިޔަސް، އެ ޓީމަކީ ވަރަށް ކާމިޔާބު ޓީމެކެވެ. ވޯލްޑް ކަޕުގައި ހަތަރު ފަހަރަކު ޗެމްޕިއަންކަން ހޯދި އިރު، ޔޫރޯގެ ޗެމްޕިއަންކަން ޖަރުމަނުން ތިން ފަހަރަކު ހޯދިއެވެ. ޔޫރޯ އެންމެ ކާމިޔާބު ދެ ޓީމުގެ ތެރޭގައި ޖަރުމަން ހިމެނެ އެވެ.

ވޯލްޑް ކަޕް 2014ގެ އިތުރުން ޖަރުމަނުން ވަނީ ވޯލްޑް ކަޕް 1954، 1974، 1990ގެ ޗެމްޕިއަންކަން ހޯދައިފައެވެ. ޔޫރޯގެ ތިން ފަހަރުގެ ޗެމްޕިއަން ޖަރުމަނުން އެ މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ހޯދާފައިވަނީ ޔޫރޯގައި އެ ޓީމުން ވާދަކުރި ފުރަތަމަ ފަހަރެވެ. އެއީ ޔޫރޯ 1972ގެ ޗެމްޕިއަން ކަމެވެ. އެހެންކަމުން ޔޫރޯގެ 43 އަހަރުގެ އިންތިޒާރީއަށް ނިމުމެއް ގެނައުމަށް ޖަރުމަނުން ބޭނުންވާނެއެވެ.

ޔޫރޯ 2016ގެ މެޗެއްގައި ލަނޑު ޖެހުމަށްފަހު، ޖަރުމަނުގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ޖަރުމަނު ޓީމަކީ ޒުވާން ގިނަ ތަރިންތަކެއް ވެސް ހިމެނޭ ޓީމެކެވެ. ޔޫރަޕުގެ ބޮޑެތި ކްލަބުތަކަށް ކުޅެމުން އަންނަ ކުޅުންތެރިން ހިމެނޭ ޖަރުމަނު ޓީމުގެ ކޮންމެ ކުޅުންތެރިޔަކީ ވެސް ނަން މަޝްހޫރު ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ގޯލްކީޕަރު މެނުއެލް ނޯޔާ، މެޓްސް ހުމެލްސް، އެމްރީ ޗޭން، ޖެރޯމް ބޯޓެންގް، ސަމީ ކެޑީރާ، ބަސްޓިއަން ޝުވެންސްޓެއިގާ، މެސުޓް އޮޒިލް، އަންދްރޭ ޝޫލާ، ލޫކަސް ޕޮޑޮލްސްކީ، މާާކޯ ރޮއިސް، ތޯމަސް މުލާ، ޖޫލިއަން ޑްރެކްސްލާ، ޓޯނީ ކްރޫސް، މާރިއޯ ގޮޓްޒޭ އަދި މާރިއޯ ގޮމޭޒް އަކީ ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ.

ޖަރުމަނުގެ އިތުރުން ޔޫރޯގައި ވަރުގަދަ ސްކޮޑުތަކާއެކު ވާދަކުރާ ޓީމުތައް ހިމެނެއެވެ. އެގޮތުން އަމިއްލަ ގައުމުގައި ކުޅޭ ޔޫރޯގައި ވާދަކުރާ ފްރާންސްއާއި، ސްޕެއިން އާއި، އިންގްލެންޑާއި، ބެލްޖިއަމް އާއި، އިޓަލީ އަދި ކްރޮއޭޝިއާ އަކީ ވެސް ޔޫރޯ ކާމިޔާބުކުރެވިދާނެ ފެންވަރު ހުރި ޓީމުތަކެވެ.