23 Jun 2016, 02:33
ފްރާންސްގައި ކުރިއަށްދާ ޔޫރޯގެ ދެވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން ބަލިކުރި ކްރޮއޭޝިއާއާ ދެކޮޅަށް ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް ނުކުންނަން ޖެހިއްޖެ އެވެ.
ޕޯޗުގަލް އަށް ދެވަނަ ބުރުގެ ޖާގައެއް ލިބިފައިވަނީ އެންމެ ރަނގަޅު ނަތީޖާ ހޯދި ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.
މިރޭ ކުޅުނު މެޗުގައި ހަންގޭރީ އަތުން 3-3 ލަނޑުން ޕޯޗުގަލް އެއްވަރުވި އިރު، އެ ޓީމުގެ ކެޕްޓަން ރޮނާލްޑޯ ވަނީ މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްފަ އެވެ. "ގްރޫޕް އެފް"ގައި ޕޯޗުގަލް ކުޅުނު ތިން މެޗުން ވެސް ވަނީ އެއްވަރުވެފަ އެވެ. އެ ގްރޫޕުގެ އެއްވަނަ ހަންގޭރީން ހޯދި އިރު، ދެވަނަ ހޯދާފައިވަނީ ޔޫރޯގައި އަލަށް ވާދަކުރަމުންދާ އައިސްލެންޑުންނެވެ.
މި ފަހަރުގެ ޔޫރޯގައި ކްރޮއޭޝިއާ ހޯދި އެންމެ ފާހަގަކޮށްލެވޭ ނަތީޖާ އަކީ "ގްރޫޕް ޑީ"ގައި ފާއިތުވެދިޔަ ދެ ޔޫރޯގެ ޗެމްޕިއަން ސްޕެއިންއާ ދެކޮޅަށް ރޭ ކުޅުނު މެޗުން މޮޅުވުމެވެ. އެ މެޗުން ކްރޮއޭޝިއާ މޮޅުވީ އަލްވާރޯ މޮރާޓޯގެ ލަނޑުން ސްޕެއިން ލީޑުގައި އޮއްވާ ނިކޯލާ ކަލިނިޗް އާއި އިވާން ޕެރިސިޗްގެ ލަނޑުތަކުންނެވެ.
އަންނަ ހޮނިހިރު ދުވަހު ކްރޮއޭޝިއާ އާއި ޕޯޗުގަލް ކުޅޭ ދެވަނަ ބުރުގެ މެޗުން މޮޅުވާ ޓީމެއް މި މަހުގެ 30 ވަނަ ދުވަހު ކުޅޭ ކުއާޓާ ފައިނަލުގައި ނުކުންނަން ޖެހޭނީ ސްވިޒަލެންޑް ނުވަތަ ޕޮލެންޑާ ދެކޮޅަށެވެ.