23 Jun 2016, 00:00
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އެފްގެ އެއްވަނަ ޓީމްގެ ގޮތުގައި ހަންގޭރީ އަދި ދެވަނަ ޓީމްގެ ގޮތުގައި އައިސްލޭންޑް ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކުރިއިރު ތިން ވަނަ އަށް ދިޔަ ޕޯޗްގަލް އަށް ވެސް ދެވެނަ ބުރުގެ ޖާގައެއް ލިބެއްޖިއެވެ.
ހަންގޭރީ މިރޭ ކުޅުނު މެޗު 3-3ގެ ނަތީޖާ އަކުން ޕޯޗުގަލް އާއި އެއްވަރު ވެފައިވާ އިރު އައިސްލެންޑް ކުޅުނު މެޗުން އެ ޓީމް ވަނީ 2-1ގެ ނަތީޖާ އަކުން އޮސްޓްރިއާ އަތުން މޮޅުވެފައެވެ.
ގުރޫޕް އެފްގެ ފަހު މެޗުތަށް މިރޭ ކުޅެ ނިމުނު އިރު ހަންގޭރީ އާއި އައިސްލެންޑް ވެސް ލިބެނީ ފަސް ޕޮއިންޓެވެ. ހަންގޭރީ އަށް އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ފޯޗުގަލް ކުޅުނު ތިން މެޗުން ވެސް އެއްވަރުވެ ލިބުނު ތިން ޕޮއިންޓާ އެކު އެ ޓީމް ތިން ވާނަގައި އޮތް އިރު ގުރޫޕްގެ ފުލުގައި އެއް ޕޮއިންޓާއި އެކު މުބާރާތް ނިންމާލީ އޮސްޓްރިއާ އެވެ.
ޕޯޗުގަލް އަށް ދެ ވަނަ ބުރުގެ ޖާގައެއް ލިބެނީ ހަ ގްރޫޕްގެ ތެރެއިން ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމުގެ ތެރޭ ހިމެނިގެންނެވެ. ދެ ވަނަ ބުރުގައި އެ ޓީމު ބައްދަލުކުރާނީ ރޭ ސްޕެއިން އަތުން 2-1 ގެނަތީޖާ އަކުން މޮޅުވެ ގްރޫޕް ޑީ ގެ އެއް ވަނަ ހޯދި ކްރޮއޭޝިއާ އެވެ.
ތިން ވަނަ ހޯދި ޓީމުތަކުގެ ތެރޭ ހިމެނިގެން މިހާތަނަށް ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފައިވަނީ ޕޯޗުގަލްގެ އިތުރުން ސްލޮވާކިއާ އާއި ނޮދަން އަޔަލެންޑެވެ. ފަހު ޖާގަ ކަށަވަރުވާ ޓީމެއް އިގޭނީ މިރޭ ސްވިޑަން އާއި ބެލްޖިއަމާ ކުޅޭ މެޗަށް ފަހު އެވެ.