ޔޫރޯގައި އަލަށް ވާދަކުރަމުންދާ އައިސްލެންޑާ ދެކޮޅަށް ޔޫރޯ 2016ގެ ދެވަނަ ބުރުގައި އިނގިރޭސިން ނުކުންނަން ޖެހިއްޖެ އެވެ.

ރޯއީ ހޮޖްސަންގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އިނގިރޭސީން ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ "ގްރޫޕް ބީ"ގެ ދެވަނައިގެ ގޮތުގައެވެ. އެ ގްރޫޕުގެ އެއްވަނަ ކަށަވަރުކޮށްފައިވަނީ ވޭލްސް އިންނެވެ. ވޭލްސް އަތުން އިނގިރޭސިން މޮޅުވި އިރު، ސްލޮވާކިއާ އާއި ރަޝިއާ އަތުން އިނގިރޭސިންނަށް ލިބިފައިވަނީ ޕޮއިންޓެކެވެ.

ތިން ލައްކަ މީހުންގެ ކުޑަ އާބާދީއެއް އޮންނަ އައިސްލެންޑް، ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ހިމެނުނު އިރު، އެ ޓީމުން ކުޅުނު އެއްވެސް މެޗެއްގައި ބަލިވެފައެއް ނުވެ އެވެ. "ގްރޫޕް އެފް"ގައި ޕޯޗުގަލް އާއި ހަންގޭރީ ހިފެހެއްޓި އައިސްލެންޑުން ވަނީ މިރޭގެ މެޗުގައި އޮސްޓްރިއާ އަތުން މޮޅުވެފައެވެ.

ޔޫރޯގެ ދެވަނަ ބުރުގައި އައިސްލެންޑާ ދެކޮޅަށް އިނގިރޭސިން ނުކުންނަން ޖެހޭނީ މި މަހުގެ 27 ވަނަ ދުވަހު އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް އަންނަ މަހުގެ ތިން ވަނަ ދުވަހު ކުއާޓާ ފައިނަލުގައި ވާދަކުރާނެ އެވެ. އެ މެޗުގައި އެއްކޮޅުން މުބާރާތް ބާއްވާ ފްރާންސްގެ ޓީމު ނުކުތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.