އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި، އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ހިފަހައްޓައި، ވިކްޓަރީ ސްޕޯޓްސް ކްލަބު ފުރަތަމަ ޕޮއިންޓް ހޯދައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ނިއު އާއި ވިކްޓަރީ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އެ ނަތީޖާއާއެކު ކުޅުނު ފަސް މެޗުން ލިބުނު ހަ ޕޮއިންޓާއެކު ލީގުގެ ހަ ވަނައިގައި ނިއު އޮތްއިރު، ކުޅުނު ފަސް މެޗުން ލިބުނު ޕޮއިންޓަކާއެކު އަދިވެސް ވިކްޓަރީ އޮތީ ލީގުގެ ފުލުގައެވެ. ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް ކްލަބަށް 13 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް އީގަލްސް އަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ލީގުގެ ތިން ވަނައިގައި އޮތް ވެލެންސިއާ އަށް އަށް ޕޮއިންޓް ލިބިފައިވާ އިރު، ހަތަރު ވަނައިގައި އޮތް ޓީސީ އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ވިކްޓަރީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން މުހައްމަދު ތަޝްމީން އުފެއްދި ހަމަލާ އަމާޒުވެފައި ވަނީ ގޯލުގެ އަރިމަތީ ދަނޑި އަށެވެ.

އޭގެ ތިން މިނެޓު ފަހުން ނިއު އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އަހްމަދު ސުހައިލް (ބަންޕުޗް) ނަގައިދިން ހުރަހަކުން ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި އިއްޒަތު އަބްދުލް ބާރީ އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ވެސް ނިއު އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ނިއުގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) އުފެއްދި ހަމަލާ، ކީޕަރު ހަސަން ތޮލާލް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 55 ވަނަ މިނެޓުގައި ވިކްޓަރީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ވިކްޓަރީ އަށް ލިބުނު ކޯނަރަކުން ޝިމޯނޯ އަޓްޝުޝީ ނަގައިދިން ހުރަހަކުން ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި އޮމޮދޫ ގޮޑްފްރޭ ވެސްޓް ބޮލުން އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ވެސް ވިކްޓަރީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ވިކްޓަރީ އަށް ލިބުނު ހިލޭ ޖެހުމަކުން މުހައްމަދު ރިސްވާން ދިން ބޯޅައަކުން ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން މައިސިއަޓް އެންތޮނީ ފިލިޕް އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

ލީގުގައި ދެން މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު އެވެ. އެ ދުވަހުގެ ރޭ 10:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ އެވެ.