22 Jun 2016, 23:22
ޔޫރޯގައި މިހާތަނަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޯނާލްޑޯ މުގުރާލައިފިއެވެ.
މީގެ ކުރީން ޔޫރޯގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އޮތީ، ޖުމުލަ 16 މެޗާއެކު ފްރާންސްގެ ކުރީގެ ޑިފެންޑަރު ލިލިއަމް ތުރާމް އާއި ނެދަލެންޑްގެ މަޝްހޫރު ގޯލް ކީޕަރު އެޑްވިން ވެންޑަރ ސާގެ އަތުގައެވެ. އެހެން ނަމަވެސް މިރޭ ހަންގޭރީއާ ދެކޮޅަށް ޕޯޗްގަލް ކުޅުނު މެޗުގައި ރޮނާލްޑޯ ވަނީ ޖުމުލަ 17 މެޗު ހަމަކޮށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް މުގުރާލައިފައެވެ.
މިފަހަރުގެ ޔޫރޯގައި ރޮނާލްޑޯ ވަނީ ޕޯޗުގަލް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދައިފައެވެ.
ގްރޫޕް ސްޓޭޖްގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޯޗްގީޒް ކެޕްޓަން ވަނީ ގައުމީ ޓީމަށް އޭނާ ކުޅުނު 128 ވަނަ މެޗު ފުރިހަމަކޮށްފައެވެ. ޕޯޗްގަލްގެ ގައުމީ ޓީމަށް މީގެ ކުރީން އެންމެ ގިނަ މެޗު ކުޅެފައި ވަނީ ލުއިސް ފީގޯއެވެ. ފީގޯ ކުޅެފައިވަނީ 127 މެޗެވެ.
މީގެ އިތުރުން ރޮނާލްޑޯ މިރޭ ވަނީ، ހަތަރު ޔޫރޯއެއްގައި ލަނޑުޖެހުމުގެ ރެކޯޑްވެސް ގާއިމުކޮށްފައެވެ.
މިރޭ ހަންގޭރީ އަތުން ޕޯޗްގަލް 3-3 ލަނޑުން އެއްވަރުވި މެޗުގައި ދެ ލަނޑު ޖަހައިގެން ޔޫރޯގައި މިހާތަނަށް ޖުމުލަ 7 ލަނޑާއެކު ރޮނާލްޑޯ ވަނީ ޔޫރޯގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ފްރާންސްގެ މިޝޭލް ޕްލެޓިނީގެ ލަނޑުގެ ރެކޯޑާވެސް ކައިރިކޮށްފައެވެ. ޕްލެޓިނީ ވަނީ، 9 ލަނޑު ކާމިޔާބުކޮށްފައެވެ.