19 May 2011, 09:21
ޕްރިޓޯރިޔާ : އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) ގެ ރިޔާސަތަށް ތަރައްޤީ ވަމުން އަންނަ ޤައުމެއްގެ ރައްޔިތަކު އިޚްތިޔާރު ކުރުމަށް ދެކުނު އެފްރިކާއިން ހުޅަނގުގެ ޤައުމުތަކަށް ގޮވާލައިފި އެވެ.
ދެކުނު އެފްރިކާގެ މާލީވަޒީރު ބްރަވިން ގޯޑަން އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އައިއެމްއެފްގެ ރިޔާސަތު ހުޅަނގުގެ ޤައުމުތަކުގެ މޮނޮޕޮލީން ސަލާމަތްކުރަން ޖެހޭ ކަމަށާއި އައިއެމްއެފްގެ ވެރިއަކަށް ހަމައެކަނި ހުޅަނގުގެ ޤައުމެއްގެ ރައްޔިތަކު އިޚްތިޔާރު ކުރުމަކީ މިފަދަ ޑިމޮކްރެޓިކް ޒަމާނެއްގައި ކަންތައްތައް އޮވެގެންވާނެ ގޮތެއްނޫން ކަމުގަ އެވެ.
އައިއެމްއެފްގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވި ފަރަންސޭިސި ރައްޔިތެއް ކަމަށްވާ ޑޮމިނިކް ސްޓްރާވްސް، އަންހެނަކަށް ޖިންސީ ގޮތުން ގޯނާ ކުރެއްވި މައްސަލައެއްގައި މިހަފްތާގެ ކުރީކޮޅު އެމެރިކާއިން ވަނީ ހައްޔަރު ކޮށްފަ އެވެ.
އޭނާގެ ބަދަލުގައި އެމަޤާމަށް ޔޫރަޕްގެ އެހެން ޤައުމެއްގެ ރައްޔިތަކު ހޮވުމަށް ހުޅަނގުގެ ބައެއް މަސްއޫލުވެރިން ދަނީ ގޮވާލައްވަމުންނެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކަކީ ބައިނަލްއަޤްވާމީ ދެ މުއައްސަސާ ކަމަށްވީ ނަމަވެސް މިދެ މުއައްސަސާގެ ވެރިކަމަށް އަބަދުވެސް އިޚްތިޔާރު ކުރެވެނީ އެމެރިކާ އާއި ޔޫރަޕްގެ ޤައުމުތަކުގެ ރައްޔިތުންނެވެ. މިގޮތުން ވޯލްޑް ބޭންކަށް އެމެރިކާގެ ރައްޔިތަކު އަބަދުވެސް އިޚްތިޔާރު ކުރެވޭއިރު އައިއެމްއެފްގެ ވެރިކަމަށް އިޚްތިޔާރު ކުރެވެނީ ޔުރަޕްގެ ޤައުމެއްގެ ރައްޔިތެކެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ދުނިޔޭގެ މަދުޤައުމުތަކަކަށްދޭ ބޯދާ އަދި ޑިމޮކްރެޓިކް ނޫން އުސޫލު އޮންނަގޮތަށް މިދެންނެވި ދެ މުއައްސަސާ އަށް ވެރިން އިޚްތިޔާރު ކުރުމުގައި ވެސް ޑިމިކްރެޓިކް ހަމަތައް ގެންގުޅުމަށް އެމެރިކާއާއި ޔޫރަޕްގެ ޤައުމުތައް ދެކޮޅު ހަދައެވެ.
ދުނިޔޭގައި އިޤްތިސާދީ ގޮތުން އެންމެ ބާރަށް ކުރިއަރަމުން އަންނަ ބްރިކްސްގެ ނަމުން ނަންދެވިފައިވާ ޤައުމުތައް ކަމަށްވާ ޗައިނާ، ބްރަޒިލް، ދެކުނު އެފްރިކާ، އިންޑިޔާ އަދި ރަޝިޔާއިން ވަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ރައީސަކަށް ދެން އިޚްތިޔާރު ކުރަންޖެހޭނީ އެފަސް ޤައުމުގެ ތެރޭން ޤައުމެއްގެ ރައްޔިތަކުކަމަށްބުނެ ހުޅަނގުގެ މޮނޮޕޮލީ ފުނޑުފުނޑު ކޮށްލުމަށް ފާޅުގައި ގޮވާލާފަ އެވެ.
މި ފަސް ޤައުމަކީ ކައިރި މުސްތަޤްބަލެއްގައި އެެމެރިކާ އާއި ޔޫރަޕްގެ ބޮޑެތި ޤައުމުތަކާ އެއްފެންވަރަށް އިޤްތިސާދީ ތަރައްޤީ ހާސިލްކުރާނެ ކަމަށް ބެލެވިފައިވާ ނުފޫޒުގަދަ ޤައުމުތަކެވެ.
މީގެތެރެއިން ޗައިނާ މިހާރު ވެސް ވަނީ ދުނިޔޭގެ ދެ ވަނަ އިޤްތިސާދުގެ މަޤާމް ޙާސިލްކޮށް ސީދާ އެމެރިކާއާ ވާދަކުރަން ފަށާފަ އެވެ. (ނޫސްއެޖެންސީތައް)