22 Jun 2016, 23:28
ހަތަރު ޔޫރޯގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފި އެވެ.
ފްރާންސްގައި ކުރިއަށްދާ ޔޫރޯގެ "ގްރޫޕް އެފް"ގައި ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗުގައި ހަތަރު ޔޫރޯގައި ލަނޑުޖެހި ކުޅުންތެރިޔާގެ ޝަރަފު ރޮނާލްޑޯ ހޯދީ މެޗުގެ 50 ވަނަ މިނެޓުގައި ފުންނާބުން އޭނާ ޖެހި ލަނޑުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޒޮލްޓާން ގެރާގެ ލަނޑުން ހެންގޭރީ ކުރީގައި އޮއްވާ، ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، ޕޯޗުގަލަށް ނަތީޖާ ހަމަހަމަކޮށްދިނީ ނާނި އެވެ. މެޗުގައި ބަލާޝް ޑީޒަޑްޝާކް ދެ ފަހަރަކު ހަންގޭރީ އަށް ލީޑު ހޯދައިދިން ނަމަވެސް، ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ވަނީ އެ ދެ ފަހަރު ވެސް ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗުން 3-3 ލަނޑުން އެއްވަރުވެ، ޕޯޗުގަލް އަށް ދެވަނަ ބުރުގެ ޖާގައެއް ލިބިފައިވަނީ ގްރޫޕުގެ ތިންވަނައިގެ ގޮތުގައެވެ. ހަންގޭރީ އަށް ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ދެ ވަނަ ބުރުން ޖާގަ ލިބުނު އިރު، މުބާރާތުގައި އަލަށް ވާދަކުރާ އައިސްލެންޑް ގްރޫޕުގެ ދެ ވަނައިގައި އޮތީ ފަސް ޕޮއިންޓާއެކު އެވެ.
ރޮނާލްޑޯގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ ޔޫރޯ 2004 ގައި ގްރީސް އަތުން 2-1 ލަނޑުން ބަލިވި މެޗުގައެވެ. އޭގެ ފަހުން ޔޫރޯ 2008 ގައި ރޮނާލްޑޯ ވަނީ ޗެކް ރިޕަބްލިކާ ދެކޮޅަށް ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައި ލަނޑު ޖަހައިފަ އެވެ. ޔޫރޯ 2012 ގައި ރޮނާލްޑޯ ވަނީ ތިން ލަނޑު ކާމިޔާބުކޮށް، ޖަރުމަނުގެ މާރިއޯ ގޮމޭޒް އާއި ކްރޮއޭޝިއާގެ މާރިއޯ މަންޒޫކިޗްއާއެކު އެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވެ އެވެ.