ސްވިޑަންގެ ނުވަ ވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ދަނޑު މަތީގައި ފޮޑި ޖެހުމުން ކުޅުންތެރިޔަކަށް ރެފްރީ ރަތް ކާޑު ދައްކައިފި އެވެ.

އެ މެޗުގެ ތެރެއިން ޕާޝޭގެން އެސްކޭގެ އެޑަމް ލިންޑިން ޖުންކްކުވިސްޓަށް ރެފްރީ ރަތް ކާޑު ދައްކާފައިވަނީ ކުޅިވަރުގެ ރޫހާ ހިލާފު އަމަލެއް އޭނާގެ ފަރާތުން ފެނުނު ކަމަށް ނިންމުމަށްފަހު އެވެ. އޭނާ އަށް ރަތް ކާޑު ދައްކާފައިވަނީ ޖާނާ އެސްކޭއާ ދެކޮޅަށް ކުޅުނު މެޗުގައި ބާރަށް ފޮޑި ޖެހުމުންނެވެ.

މެޗު ނިމެން ދަނިކޮށް، ރީނދޫ ކާޑަކާއެކު ފޮޑި ޖެހި ކުޅުންތެރިޔާއަށް ރެފްރީ ރަތް ކާޑު ދެއްކި ނަމަވެސް، އެ ކުޅުންތެރިޔާ އަށް ކުރިން ރީނދޫ ކާޑެއް ދެއްކި ކަމެއް ވެސް ނޭނގެ އެވެ.

"އަހަރެންގެ ބަނޑު ސަކަރާތްވެގެން ފޮޑި ޖަހަން ޖެހުނީ. ދެން އަހަރެންނަށް ރީނދޫ ކާޑެއް ދައްކައި، ރަތް ކާޑެއް ދެއްކީ. އަހަރެން ވަރަށް ހައިރާންވި. އެއީ ފުޓްބޯޅަ ދަނޑުމަތިން އަހަރެންނަށް ތަޖުރިބާ ކުރެވުނު އެންމެ އާދަޔާ ހިލާފު ކަންތައް. ދަނޑުމަތީގައި ފޮޑި ނުޖެހޭތޯ ވެސް އަހަރެން ރެފްރީއާ ސުވާލުކުރިން. އޭނާ ވެސް ބުނީ ފޮޑި ޖެހޭނެ ކަމަށް. އަހަރެންނަށް ކުރިން ރީނދޫ ކާޑެއް ދެއްކި ކަމެއް ވެސް ނޭނގެ،" ސްވިޑަންގެ ނޫހެއް ކަމަށްވާލެންސްޓިޑްނިންގެން ސޮޑާޓެލްޖޭއަށް ދިން އިންޓަވިއުއެއްގައި ޖުންކްކުވިސްޓް ބުންޏެވެ.

އެ މައްސަލައާ ގުޅިގެން މެޗުގެ ރެފްރީ ޑެނީ ކަކޯ ބުނީ، ކުޅުންތެރިޔާ ފޮޑި ޖަހާފައިވަނީ ގަސްތުގައި ކަމަށާއި ދެވަނަ ރީނދޫ ކާޑެއް ދައްކާފައިވަނީ އޭނާ އަހުލާގު އެގޮތަށް ހުރުމުން ކަމަށެވެ. އެކަމަކު ދަނޑު މަތީގައި ފޮޑި ޖެހުމުން އެއްވެސް ކުޅުންތެރިޔަކަށް ރީނދޫ ކާޑު ދައްކަން ނުޖެހޭނެ ކަމަށް ވެސް ރެފްރީ އެއްބަސްވެފައިވެ އެވެ.

އިދިކޮޅު ޓީމުގެ ފޯވަޑް ކްރިސްޓޮފާ ލިންޑޭ ބުނި ގޮތުގައި، ފޮޑި ޖެހި ކުޅުންތެރިޔާއާ ދުރުގައި ހުރި ނަމަވެސް ފޮޑި ޖެހިލެއް ބާރު ކަމުން އޭނާ އަށް ވެސް އެ ފޮޑީގެ އަޑު އިވުނެވެ.