22 Jun 2016, 21:29
ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން "މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ"ގެ ނަން މިއަދުން ފެށިގެން "މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ"އަށް ބަދަލުކުރައްވައި، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ "އެޓަރނީ ޖެނެރަލްގެ އޮފީސް" ވަކި އިދާރާއެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.
ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ އިއުލާނުގައި ބުނީ "އެޓަރނީ ޖެނެރަލްގެ އޮފީސް" އަކީ 1 ޖުލައި 2014 އާ ހަމައަށް ހިނގަމުންދިޔަ ފަދައިން، ސަރުކާރުގެ ވަކި އިދާރާއެއްގެ ގޮތުގައި ޤާއިމުކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.
އެގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުގެ މަސައްކަތު ދާއިރާގެ ގޮތުގައި، ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ލަފާދިނުމާއި، ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ބެލެހެއްޓެވުމުގެ ކަންކަމާއި، އިންސާނީ ހައްޤުތަކާބެހޭ ސަރުކާރުގެ ސިޔާސަތު ވިލަރެސްކުރުމާގުޅޭ އެންމެހައި ކަންކަން ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށް އެ އިއުލާނުގައިވެ އެވެ.
އެ ގޮތަށް ރައީސް މިއަދު ހަވަޖެއްސެވި އިރު މީގެ ކުރިން ޖެންޑާ މިނިސްްޓްރީ ހިންގަމުން އައީ އޭޖީ އޮފީހުގެ ދަށުންނެވެ.
ރައީސް ޔާމީން މިއަދު ވަނީ އާމިނަތު ޒެނީޝާ ޝަހީދު ޒަކީ ޖެންޑާ މިނިސްޓަރު ކަމަށް އައްޔަންކުރައްވާފަ އެވެ.