22 Jun 2016, 21:33
އެރިޒޯނާ(ޖޫން 22) : އެމެރިކާގެ ހުޅަނގު ދެކުނުގެ ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު އެރިޒޯނާ ސްޓޭޓަށް ފެތުރި ހަތަރުމީހުން މަރުވެ އެތަށް ބަޔަކު ފިހިއްޖެއެވެ.
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ޓީމުތަކުގެ ފަރާތުން ވާހަކަ ދެއްކި ތަރްޖަމާން ލެރީ ސުޕިޔަރ ވިދާޅުވީ، އަލިފާންގަނޑު ނިއްވާލެވޭނެ ދުވަހެއް ބުނަން ނޭންގޭކަމަށާއި މިކަމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމުގައެވެ.
އެރިޒޯނާގެ ލޯކަލް ސަރުކާރުން ދަނީ އަލިފާންގަނޑު ފެތުރިދާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުގެ ޢާންމުން ރައްކާތެރި ސަރަހައްދުތަކަށް ގެންދިޔުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން އަލިފާނުގެ ނުރައްކާ އޮތް ތިން ސްޓޭޓެއްގެ ސަރަހައްދުތަކުން އެތަށް ހާސްބަޔަކު ރައްކާތެރި ސަރަހައްދުތަކަށް ގެންދިޔުމުގެ މަސައްކަތް އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ގެންދަނީ ކުރަމުންނެވެ.

ކޮންމެ އަހަރެއްގެވެސް ހޫނު މޫސުމުގައި އެމެރިކާގެ ދެކުނުގެ ޖަންގަލިތަކުގައި އަލިފާން ރޯވެ އަލިފާނުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުން ދެއެވެ. އެރިޒޯނާގެ ފިނިކްސްގައި ފިނިހޫނުމިން ވަނީ ދުވާލުގެ ވަގުތުތަކުގައި 45 ޑިގްރީ ސެލްސިޔަސް އާއި 50 ޑިގްރީ ސެލްސިޔަސްއާ ދެމެދުގެ މިންވަރެއްގައި ކަމަށް ރިޕޯޓްތައްބުނެއެވެ.
އެރިޒޯނާގެ އިތުރުން އެމެރިކާގެ ހުޅަނގު ދެކުނުގެ ނިޔުމެކްސިކޯއާއި ކެލިފޯނިޔާގެ ޖަންގަލިތަކުގައިވެސް ދަނީ އަލިފާން ރޯވެ އަނދަމުންނެވެ. (ރޮއިޓާސް)