ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ކަމަށް ބުނާ ފިސްތޯލަ އިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ޑީއެންއޭ ފެނިފައިވާތީ އޭނާ ވަގުތުން ދޫކޮށްލުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު މައްސަލާގައި އޭނާ 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ފިސްތޯލަ އާއި ނާޒިމާ ގުޅުވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އޭނާގެ ފަރާތުން ފުރަތަމަ ދުވަހުން ފެށިގެން ވެސް ދިޔައީ ވިދާޅުވަމުން ކަމަށެވެ.

ހަމައެހެންމެ ފޮރެންސިކް ތަހުލީލުތައް ހެދުމުން އެ ފިސްތޯލަ އެގެއަށް ވެއްދިގޮތް އެނގޭނެ ކަމަށް ވެސް ނާޒިމްގެ ފަރާތުން ދިޔައީ ވިދާޅުވަމުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ކަންއެހެން އޮތްއިރު، ނާޒިމްގެ މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެން ކައިރިވެފައި ވަނިކޮށް ރޭ ފުލުހުން ހާމަކުރި މައުލޫމާތުތަކުން އޭނާ ފްރޭމްކޮށްފައިވާކަން އިތުރަށް ކަށަވަރުވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓު ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ނާޒިމު ދިރިއުޅުއްވި ގ. އެނިފްގޭގެ އެޕާޓްމަންޓުން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށެވެ.

"ސަރުކާރުންނާއި ދައުލަތުން ބޭނުންވި ދައުވާއެއް ކާނަލް މުހައްމަދު ނާޒިމްގެ މައްޗަށް އުފުލައި، ބޭނުންވި ގޮތަކަށް ބޮޑު ހުކުމެއް އިއްވައި، އިތުރު ތުހުމަތެއްކޮށްފައި ނުވުމުން އިތުރަށް ހިންގަންޖެހޭ ތަހުގީގެއް އޮވެގެން ނުވާނޭއިރު، ދޮޅު އަހަރު ފާއިތުވީފަހުން ތަހުގީގު ނުނިމޭކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ރޭގައި ބުނުމަކީ ފުލުހުންގެ މުއައްސަސާއަކުން ބުނެވޭނެ އެންމެ ދަށް ފެންވަރުގެ ވާހަކަ އެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ހުކުމްހުރި މައްސަލައިން ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ދަށު ދަރަޖައަކަށް ގެނބިގެން ގޮސްފައިވާކަން ޔަގީންވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.