22 Jun 2016, 17:16
ހަންގޭރީ އާއި ޕޯޗުގަލް މިރޭ ބައްދަލުކުރާ މެޗާ ގުޅޭ ގޮތުން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ ސުވާލު ކުރި ނޫސްވެރިއެއްގެ މައިކު އަތުލައި އެއްލާލައިފި އެވެ.
ފްރާންސްގެ ލިއޯން ސިޓީގައި ޕޯޗުގަލްގެ ޓީމު ތިބޭ ހޮޓާ ކައިރިން ޓީމުގެ ކުޅުންތެރިންނާއެކު ރޮނާލްޑޯ ހިނގާފައި ދަނިކޮށް ޕޯޗުގަލްގެ ޓީވީ ސްޓޭޝަނެއް ކަމަށްވާ ސީއެމްޓީވީގެ ރިޕޯޓަރު ރޮނާލްޑޯއާ ސުވާލު ކުރުމަށް މައިކު ދިއްކުރުމުން ރޮނާލްޑޯ ވަނީ މައިކު އަތުލައި ކައިރީގައި އޮތް ކޯރަށް މައިކު އެއްލާލާފަ އެވެ. ރޮނަލްޑޯ މައިކް އެއްލާލާ ވީޑީއޯ ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯ ޝޯޝަލް މީޑިއާގައި ދަރުވާން ފެށުމާއެކު އޭނާއަށް ކިޔަމުންދާ ފާޑުކިޔުންތައް ވަނީ އިތުރުވެފަ އެވެ.
ޔޫރޯއަށް އަލަށް ކޮލިފައިވި އައިސްލެންޑުގެ މައްޗަށް ޕޯޗުގަލަށް ކުރި ނުހޯދުމާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަތުން ޕެނަލްޓީ ނާކާމިޔާބުވެ، އޮސްޓްރިއާ އަތުން ވެސް ޕޯޗުގަލް މޮޅުނުވުމުން ރޮނާލްޑޯއަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. ނަމަވެސް އޭނާގެ ވާދަވެރިޔާ، އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ވަނީ ކޮޕާ އެމެރިކާގައި މޮޅު ކުޅުމެއް ދައްކައި އޭނާގެ ޓީމު ފައިނަލަށް ގެންގޮސްފަ އެވެ.
ޔޫރޯގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ގަދަފަދަ ޕޯޗުގަލަށް ލިބިފައިވަނީ އެންމެ ދެ ޕޮއިންޓެވެ. ރޮނަލްޑޯއަށް އަށް ޔޫރޯގައި ރަނގަޅު ކުޅުމެއް ނުދެއްކި، މީޑިއާގެ ފާޑުކިޔުންތައް އޭނާއާ ދިމާލަށް ދަނީ ބަންޑުންވަމުންނެވެ.